ކޮވިޑް-19 ބަލީގައި އިންޑިއާއިން 200 އާ ގާތްކުރާ އަދަދަކަށް ޑޮކްޓަރުން މަރުވެފައިވާ ކަމަށް، އިންޑިއަން މެޑިކަލް އެސޯސިއޭޝަނުން ބުނެފިއެވެ.

ކޮވިޑް ބަލީގައި މިހާތަނަށް 196 ޑޮކްޓަރުން މަރުވެފައިވާއިރު، އިތުރު 1،302 ޑޮކްޓަރުންނަށް ބަލިޖެހިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ޑޮކްޑަރުންނާއި، ސިއްހީ ޚިދުމަތްތެރިންގެ މައުލޫމާތު އިންޑިއަން މެޑިކަލް އެސޯސިއޭޝަނުން ގެންދަނީ އެއްކުރަމުންނެވެ.

އެ އެސޯސިއޭޝަނުން ބުނެފައިވަނީ، ބަލީގައި އެންމެ ގިނަ ޑޮކްޓަރުން މަރުވެ އަދި އެންމެ ގިނަ ޑޮކްޓަރުންނަށް ބަލިޖެހިފައިވަނީ މަހާރަޝްޓްރާ ސްޓޭޓުން ކަމަށެވެ.

އިންޑިއަން މެޑިކަލް އެސޯސިއޭޝަންގެ ތަފާސްހިސާބުތައް ބުނާގޮތުން، ކޮވިޑް ބަލީގައި މިހާތަނަށް މަރުވި ޑޮކްޓަރުންގެ ތެރެއިން %74 އަކީ އުމުރުން 50 އަހަރުން މަތީގެ ޑޮކްޓަރުންނެވެ. %19 އަކީ އުމުރުން 35 އަހަރާއި 50 އަހަރާ ދެމެދުގެ ޑޮކްޓަރުންނެވެ.

މަރުވި ޑޮކްޓަރުންގެ ތެރޭގައި އުމުރުން 35 އަހަރުން ދަށުގެ 7 ޑޮކްޓަރުންވެސް ހިމެނޭ ކަމަށް އިންޑިއަން މެޑިކަލް އެސޯސިއޭޝަނުން ބުނެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 586 މީހުންނަކީ ޕްރައިވެޓް ކޮންސަލްޓެންޓުން ކަމަށާއި، 566 މީހުންނަކީ ރެސިޑެންޓް ޑޮކްޓަރުން ކަމަށާއި، 150 މީހުންނަކީ ހައުސް ސާޖަނުން ކަމަށް ބުނެފައި ވެއެވެ.

މުމްބާއީގެ ސަރުކާރު ހޮސްޕިޓަލްތަކާއި، ޕްރައިވެޓް ހޮސްޕިޓަލްތަކުން އެކަނިވެސް ހާހަކަށްވުރެ ގިނަ ސިއްހީ އެހީތެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެއެވެ. 9 ޑޮކްޓަރުން މަރުވެފައި ވެއެވެ.

ކޮވިޑް ބަލިގައި ޑޮކްޓަރުން މަރުވަމުންދާތީ މެޑިކަލް އެސޯސިއޭޝަނުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މައްސަލަ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަމާލުކަމަށްވެސް ގެނެސްފައި ވެއެވެ.

އިންޑިއަން މެޑިކަލް އެސޯސިއޭޝަންގެ ރައީސް ޑރ. ރާޖަން ޝަރްމާ ވިދާޅުވީ، ކޮވިޑްބަލީގައި މަރުވާ މީހުންގެ އަދަދު މަދުކުރަން ބޭނުންވާނަމަ އެންމެ ފުރަތަމަ މަސައްކަތް ފަށަންޖެހެނީ ޑޮކްޓަރުންނާއި، ނަރުހުންނާއި ހަމައިން ކަމަށެވެ.

މުޅި ދުނިޔެއަށް ބަލާއިރު، ކޮވިޑް-19 ބަލީގެ ހާލަތު ތިންވަނައަށް އެންމެ ގޯސް ގައުމަށް އިންޑިއާގައި ވެފައިވާއިރު، 38،938 މީހުންވަނީ ބަލީގައި މަރުވެފައެވެ.

ދުނިޔެއިން ބަލިޖެހުނު މީހުންގެ އަދަދު 20 މިލިއަނާ ގާތްކޮށްފައިވާއިރު، ބަލީގައި 731،500 މީހުންވަނީ މަރުވެފައެވެ.