• އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 77 ދިވެހިން
  • ވޭތުވެދިޔަ 24 ގަޑިއިރު ބަލިން ފަސޭހަވީ 31 މީހުން
  • ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު 145 އަށް
  • މާލެސިޓީ،، އދ. މަހިބަދޫ މޮނިޓަރިންގައި

ރާއްޖެއިން އިތުރު 116 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓްގައި ބުނެފައިވަނީ، އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އަލަށް 116 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 77 ދިވެހިންނާއި، ބަނގްލަދޭޝްގެ 27 މީހުންނާއި، ސްރީލަންކާ 6 މީހުންނާއި، އިންޑިއާ 5 މީހުންނާއި، ނޭޕާލް މީހެކެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 111 މީހުން ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. އަނެއް 5 މީހުން ނިސްބަތްވަނީ އަތޮޅުތެރޭ ރަށްރަށަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 5،157 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ފަސޭހަވެފައިވަނީ 31 މީހުން ކަމަށެވެ.

މިވަގުތުތިބި އެކްޓިވް ކޭސަސްގެ އަދަދު 2،303 އަށް އަރާފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންގެންދާ މީހުންގެ އަދަދު 145 އަށް ވަނީ މައްޗަށް ގޮސްފައެވެ.

ހެލްތު އިމަޖެންސީ އޮޕަރެޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މިވަގުތު މޮނިތަރިން ހާލަތުގައި އޮތީ މާލެ ސިޓީގެ އިތުރުން. އދ. މަހިބަދޫ ކަމަށެވެ.

މީގެއިތުރުން، ރާއްޖެއިން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އައިޖީއެމްއެޗް ލެބޯޓަރީ 2 ސްޓާފަކުވެސް ހިމެނޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.