ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅު ތަކުގެ ތެރެއިން ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުމަށް ނިންމެވި ނިންމެވުމުގެ ދަށުން ރ. އަލިފުށީގެ ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ހޯމަ ދުވަހު ޓާފް އެޅުމުގެ މަސައްކަތް ފަށާފައިވާއިރު މިކަމަށް 4.2 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ. މިމަސައްކަތް ކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓަކްޝަންސް އާއެވެ. ދަނޑުގެ ބިން އެއްވަރުކުރުމަށް 1.1 މިލިޔަން ރުފިޔާ ޚަރަދުވެފައިވާއިރު މިމަސައްކަތް ކޮށް ނިންމާލާފައިވަނީ އާރުކޭއެލް އިންނެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލިފުށީ ރައްޔިތުންގެ އެތައް ދުވަހެއްގެ ޝަކުވާ އާއި އިންތިޒާރުގެ ނިމުމާ ގާތަށް ގޮސްފައިވާ ކަމަށާއި، ޓާފް އަޅަން ފެށުން ވަރަށް ފޯރީގައި އަލިފުށި ރައްޔިތުން ފާހަގަކޮށްފައިވާކަމަށެވެ. ވަޒީރު ވަނީ މި މަސައްކަތަށް އަލިފުށީ ޒުވާނުންނާއި އެ ރަށުގެ ކައުންސިލްގެ އިތުރުން އަލިފުށި ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ރަޝީދު ހުސެއިން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

މިސަރުކާރުގެ ކުޅިވަރު ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ރާއްޖޭގެ އެހެން ރަށްތަކެއްގައިވެސް ޓާފް ދަނޑުތަކެއް ވަނީ އަޅާފައެވެ. މިގޮތުން މީގެ ކުރިން ވަނީ ފ. ނިލަންދޫ ޓާފް ދަނޑާއި، ތ. ވިލުފުށި ޓާފް ދަނޑުގެ އިތުރުން ނ. ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.

ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޓާފް ދަނޑުތައް އެޅުމުގެ މައިގަނޑު ބޭނުމަކީ ބޮޑެތި މުބާރާތްތައް ހަމައެކަނި މާލޭގައި ބާއްވާ ބޭއްވުން ހުށްޓާލާ ރާއްޖޭގެ ގިނަ ރަށްތަކެއްގައި މި މުބާރާތްތައް ބޭއްވުމެވެ. މިގޮތުން ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ ފުޓްބޯލް އެސޯސިއެޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ.