• އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 52 ދިވެހިން
  • ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު 148 އަށް މައްޗަށް
  • މާލެ ސަރަހައްދު ފިޔަވައި 12 ރަށަކާއި 9 ރިސޯޓެއްގައި އެކްޓިވް ކޭސަސް

ރާއްޖެއިން އިތުރު 66 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓްގައި ބުނެފައިވަނީ، އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އަލަށް 66 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނާއި، ބަނގްލަދޭޝްގެ 12 މީހުންނާއި، އިންޑިއާ 2 މީހުންނެވެ.

އަލަށް ޕޮޒިޓިވްވި 66 މީހުންވެސް ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 5،223 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ފަސޭހަވެފައިވަނީ 14 މީހުން ކަމަށެވެ.

މިވަގުތުތިބި އެކްޓިވް ކޭސަސްގެ އަދަދު 2،354 އަށް އަރާފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންގެންދާ މީހުންގެ އަދަދުވަނީ 148 އަށް އަރާފައެވެ.

ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި، މިވަގުތު އެކްޓިވް ކޭސަސްތައް ތިބި ރަށްތަކުގެ ތެރޭގައި ހިމެނެނީ؛ ހއ. ކެލާ، ހއ. އިހަވަންދޫ، ހއ. ފިއްލަދޫ، ހދ. ނައިވާދޫ، ރ، ހުޅުދުއްފާރު، ބ. ކަމަދޫ، ބ. ކުޑަރިކިލު، ޅ. ހިންނަވަރު، ކ. މާފުށި، ވ. ފުލިދޫ، ފުވައްމުލައް ސިޓީގެ އިތުރުން، އައްޑޫ ސިޓީ ހިތަދޫއެވެ.

ރާއްޖޭގެ ރިސޯޓްތަކުގެ ތެރެއިން 9 ރިސޯޓެއްގައި އެކްޓިކް ކޭސްތައް ތިބިއިރު، ރިސޯޓްތަކުން ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 6 ފަތުރުވެރިންނާއި، 10 ސްޓާފުންނެވެ.

ކޮވިޑް-19 ބަލީގައި މިއަދުވެސް ވަނީ ރާއްޖެއިން މީހަކު މަރުވެފައެވެ.

އައިޖީއެމްއެޗް އިމަޖެންސީ ރޫމްގައި ފަރުވާ ދެމުންގެންދަނިކޮށް މިއަދު މެންދުރު 12:12 ގައި މަރުވެފައިވަނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއީ، ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 20 ވަނަ މީހާއެވެ.

ކޮވިޑް-19 ބަލީގެ ޕޮޒިޓިވް ކޭސްއެއް ރާއްޖެއިން އެންމެ ފުރަތަމަ ފެނުނީ މިއަހަރުގެ މާޗްމަހުގެ 7 ވަނަ ދުވަހުއެވެ. ވެރިރަށް މާލެ ސިޓީން ޕޮޒިޓިވް ކޭސްއެއް ފެނުނީ އޭޕްރީލްމަހުގެ 15 ވަނަ ދުވަހުއެވެ.