އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބު މުކަރްޖީ ވެންޓިލޭޓަރަށް ލައިފިކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

އުމުރުފުޅުން 84 އަހަރުގެ ކުރީގެ ރައީސް ޕްރަނާބް މުކަރްޖީ ވެންޓިލޭޓަރަށް ލާފައިވަނީ އޮޕަރޭޝަނަކަށް ފަހުގައި ކަމަށް، ހޮސްޕިޓަލުގެ އެތެރޭގެ މަސްދަރުތަކާ ހަވާލާދީ މީޑިއާއިން ބުނެފައި ވެއެވެ.

އިންޑިއާގެ ކުރީގެ ރައީސަށް ފަރުވާ ދެމުންގެންދަނީ ނިއުދިއްލީގެ އަސްކަރީ ހޮސްޕިޓަލެއްގައެވެ.

ކުރީގެ ރައީސް ޕްރަނާބް މުކަރްޖީގެ އޮޕަރޭޝަން ކުރެވުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނިކޮށްވެސް މެއެވެ.

ޕްރަނާބް މުކަރްޖީ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ފަރުވާ ހޯއްދެވުމަށް ހޮސްޕިޓަލަށް ވަޑައިގެންނެވިފަހުން ހޮސްޕިޓަލުންނެވެ.

ހޯމަދުވަހު ކުރެއްވި ޓްވީޓެއްގައި ކުރީގެ ރައީސް ވިދާޅުވެފައިވަނީ، ހޮސްޕިޓަލަށް ވަޑައިގެން އުޅުއްވުމުގެ ތެރޭގައި ކޮވިޑް-19 އަށް އެމަނިކުފާނު ޕޮޒިޓިވްވެއްޖެ ކަމަށެވެ. އެހެންކަމުން، އެމަނިކުފާ ވޭތުވެދިޔަ ހަފްތާ ތެރޭގައި ބައްލުވެވަޑައި ގެންފައިވާ އެންމެން އައިސޮލޭޓްވުމަށާއި، ޓެސްޓްކުރުމަށް ޓްވީޓްގައި އެދިވަޑައި ގެންފައި ވެއެވެ.

ނަމަވެސް، އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ޓްވީޓްގައި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ކުރީގެ ރައީސް ޕްރަނާބް މުކަރްޖީ މިހާރު އޮންނެވީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް މީޑިއާއިން ރިޕޯޓްކޮށްފައިވަނީ، ހޮސްޕިޓަލުގައި ކުރެވުނު އޮޕަރޭޝަނަށް ފަހުގައެވެ.

ޕްރަނާބް މުކަރްޖީ އިންޑިއާގެ ރައީސްކަން ކުރައްވާފައިވަނީ 2012 އިން 2017 އަށެވެ.

ސިޔާސީ މައިދާނުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ޕްރަނާބް މުކަރްޖީވަނީ އިންޑިއާގެ މައި ސަރުކާރުގެ ދިފާއީ ވަޒީރުކަމާއި، ޚާރިޖީ ވަޒީރުކަމާއި، މާލީ ވަޒީރުކަންވެސް ކުރައްވާފައެވެ.