ކޮވިޑް-19 ބަލީގައި ރާއްޖެއިން އަނެއްކާވެސް އިތުރު މީހަކު މަރުވެއްޖެއެވެ.

މިއަދު ހެނދުނު 9:20 ގައި މަރުވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައި ވެއެވެ/

އެމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ މީހެއް ކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މިއީ، ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 21 ވަނަ މީހާއެވެ.

މިބަލީގައި އިއްޔެވެސް ރާއްޖެއިން މީހަކު މަރުވެފައި ވެއެވެ.

އައިޖީއެމްއެޗް އިމަޖެންސީ ރޫމްގައި ފަރުވާ ދެމުންގެންދަނިކޮށް އިއްޔެ މެންދުރު 12:12 ގައި މަރުވެފައިވަނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޮވިޑް-19 ބަލީގެ ޕޮޒިޓިވް ކޭސްއެއް ރާއްޖެއިން އެންމެ ފުރަތަމަ ފެނުނީ މިއަހަރުގެ މާޗްމަހުގެ 7 ވަނަ ދުވަހު ރިސޯޓަކުންނެވެ. ވެރިރަށް މާލެ ސިޓީން ޕޮޒިޓިވް ކޭސްއެއް ފެނުނީ އޭޕްރީލްމަހުގެ 15 ވަނަ ދުވަހުއެވެ.

އޭގެފަހުން އިއްޔެއާ ހަމައަށް ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 5،223 އަށް އަރާފައެވެ.

މިވަގުތު އެކްޓިވް ކޭސަސް ތިބި ރަށްތަކުގެ ތެރޭގައި، ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ 12 ރަށާއި، 9 ރިސޯޓް ހިމެނެއެވެ.