އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ކުލަބުތަކަށް ހާއްސަކޮށްފައިވާ ގްރޫޕް އީގެ ހުރިހާ މެޗެއް ގަލޮޅު ފުޓުބޯޅަ ދަނޑުގައި ކުޅެން ނިންމާ، އޭއެފްސީން ޝެޑިއުލް އާންމުކޮށްފިއެވެ.

ރާއްޖެއިން ބިޑު ކާމިޔާބުކުރުމަށްފަހު އެންމެ ފުރަތަމަ މަސައްކަތްކުރީ ގަލޮޅު ދަނޑުގެ އިތުރުން އައްޑޫ ޒޯން ސްޓޭޑިއަމްގައި މެޗުތައް ކުޅުމަށެވެ. އެއީ އެއް ގަޑިއެއްގައި ދެ މެޗު ކުޅެން ނިންމާފައިވާތީއެވެ. ނަމަވެސް އެ ނިންމުން ވަނީ ފަހުން ބަދަލުކޮށްފައެވެ.

ނިންމުން ބަދަލުކޮށްފައިވަނީ މިދުވަސްވަރު ވީހާވެސް މަދުން ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމުގެ ގޮތުންކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ. އަދި އެއީ ކުލަބުތަކުންވެސް އެންމެ ބޭނުންވާ އެއް ގޮތެވެ.

އެކަމަކު ހޯމަ ދުވަހު އޭއެފްސީން އާންމުކުރި އައު ޝެޑިއުލްގައިވާ ގޮތުން އެއް ގަޑިއެއްގައި މެޗުތައް ކުޅޭކަށް ނުޖެހޭނެއެވެ. އެގޮތުން އަންނަ އޮކްޓޯބަރު މަހުގެ 23 އިން ނޮވެމްބަރު ހަތަރަކާ ދެމެދު މެޗުތައް ކުރިއަށްދާއިރު، މާލޭގައި މެޗުތައް ކުޅެން ހަމަޖެހިފައިވާ ދެ ގަޑި އަކީ 15:30 އާއި 21:30 އެވެ.

އަންނަ އޮކްޓޯބަރުގައި ފެށުމަށް ހަމަޖެހިފައިވާ ގްރޫޕްގެ މެޗުތައް މާލޭގައި ކުޅެން ހަމަޖެހިފައިވާއިރު ރާއްޖެއިން ވާދަކުރާ ދެ ކުލަބަށް ވަނީ އަދިވެސް ފަރިތަކުރުންތައް ފެށޭގޮތް ނުވެފައެވެ. ނަމަވެސް ދާދިފަހުން ކުޅިވަރާބެހޭ ވުޒާރާ އާއި އެފްއޭއެމް ގުޅިގެން ވަަނީ އެޗްޕީއޭ އާއި ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް 13 ދުވަހުގެ ތެރޭގައި ކުޅެ ނިމޭނެއެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގައި މިފަހަރު ރާއްޖޭގެ ދެ ޓީމެއް ވާދަކުރެއެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބެވެ. ދެން މި ގްރޫޕްގައި ހިމެނެނީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީއެވެ.