އެއްގަމާއި ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމާއި، އެކަމާމެދު ހޭލުންތެރިކަން އިތުރުކުރުމާއި ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއި ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ވަރޗުއަލްކޮށް މިއަދު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ކަނޑުމަތީގެ ހާދިސާތަކާއި އަލިފާނުގެ ހާދިސާތައް ފަދަ ކަންކަން މަދުކުރުމާއި، އަދި ވަކިން ޚާއްސަކޮށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ނައިބު ރައީސް ފާހަގަކުރެއްވި ކަމަށެވެ.

ތެލާއި ގޭސްފަދަ ނުރައްކާތެރި ތަކެތި ގެންގުޅެންޖެހޭ ފަރާތްތަކުން އެތަކެތި ގެންގުޅެނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވާއުދުތަކާއި އުސޫލުތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުމާއި، އެކަންކަން ގަވާއުދުން ބަލަމުން ގެންދިއުމަށް ވެސް މިބައްދަލުކުރެއްވުމުގެ ބައިވެރިންގެ ކިބައިން ނައިބު އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ކަންކަމުގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގައި ވާކަންކަން ރަނގަޅަށް ތަންފީޒުކުރެވެމުންދާކަން ކަށަވަރު ކުރެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވި ކަމަށާއި ޙާއްސަކޮށް ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ކަންކަމާއި، އަލިފާނުގެ ހާދިސާތައް ހިނގުމަށް މެދުވެރިވާ ސަބަބުތަކާމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް ޕްރޮގްރާމްތައް ހިންގަންޖެހޭކަން ނައިބު ރައީސް ފައިސަލް ނަސީމް ފާހަގަކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވި ކަމާގުޅޭ އެކިއެކި އިދާރާތަކުގެ އިސްވެރިން ވަނީ މިކަންކަން ހައްލުކުރުމުގައި އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ފާހަގަކޮށް، އެބޭފުޅުންގެ ޚިޔާލުފުޅު ނައިބު ރައީސްއާއި ހިއްސާ ކުރައްވާފައިވެއެވެ.

އަދި މި ކަންކަން އަތޮޅުތަކުގައި އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ.) މެދުވެރިކޮށް ކުރެވިދާނެ މަސައްކަތްތަކާއި، އަދި މާލޭގެ ބައެއް ސަރަހައްދުތަކާއި ބަނދަރުތަކުގައި މިހާރު އުޅަނދުފަރަހަށް ތެޔޮ އެޅުމުގައި ކަންކުރަމުން ގެންދާ ގޮތާއި، ތެލާއި ގޭސްފަދަ އަލިފާން ހިފާ ޒާތުގެ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުން ފަދަ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ގެނެވެންހުރި ބަދަލުތަކާއި ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑާއި ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީއާއި، ފެނަކަ ކޯޕަރޭޝަނާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، މޯލްޑިވްސް ގޭސްއާއި، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަނާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަންގެ އިސްވެރިންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަހްމަދު ނަސީމާއި އަހްމަދު ސަމީރު ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.