ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުތައް އަންނަ އަހަރަށް ފަސްކުރުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާ އިން ނިންމައިފިއެވެ.

ފީފާއިން ވަނީ މާޗު މަހާއި ޖޫން މަހު ކުޅެން ތާވަލުކޮށްފައި ހުރި މެޗުތައް ފަސްކޮށްފައެވެ. އެފަހަރު މެޗުތައް ފަސްކުރީ ކޮވިޑުގެ ހާލަތު ގޯސް ދަނޑިވަޅެއްގައެވެ. އަދި މެޗުތައް އަންނަ އަހަރަށް ފަސްކޮށްފައިވަނީ އައެ މެޗުތައް އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު ކުޅުމަށް ތާވަލުކުރުމަށްފަހުގައެވެ.

މެޗުތައް އަންނަ އަހަރަށް ފަސްކުރުމަށް ނިންމިކަން އިއުލާނުކުރިނަމަވެސް ދެން މެޗުތައް ކުޅޭނެ ސީދާ ފަހުން އިއުލާނުކުރާނެކަމަށް ފީފާއިން މައުލޫމާތުދެއެވެ.

އޮކްޓޯބަރު މަހަށް މެޗުތައް ތާވަލުކުރުމާއެކު ކޮވިޑް-19 ގެ ބްރޭކަށްފަހު ގައުމީ ފުޓްބޯޅަ ޓީމުން ޖުލައި މަހުގެ ކުރީކޮޅު ފަރިތަކުރުންތައް ފަށާފައެވެ. އެކަމަކު މާލެސިޓީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނާތީ، ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ދިން ލަފާޔާ އެއްގޮތަށް މި މަހުގެ ކުރީކޮޅު ފަރިތަކުރުންތައް ވަނީ މެދުކަނޑާލާފައެވެ.

ކޮލިފައިންގައި ރާއްޖެ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓު ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އަށް ދެން ބާކީ އޮތީ ތިން މެޗެވެ. އެއީ ރަށުންބޭރުގައި ޗައިނާ އާއި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗާއި މާލޭގައި ސީރިއާއާ ބައްދަލުކުރާ މެޗެވެ.