ޔުއެފާ ޗެމްޕިއަންސް ލީިގުގެ ކުއާޓާފައިނަލުގެ މެޗުތައް ކުރިޔަށް އޮއްވާ، ސްޕެއިންގެ ބާސެލޯނާގެ ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮސިޓިވްވެއްޖެއެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި މި ކުޅުންތެރިޔާ ޕޮސިޓިވްކަން އެނގުނީ ލަލީގާގެ ކުރިން ފަރިތަކުރުންތައް ފެށުމުގެ ކުރިން ކުރި ޓެސްޓުތަކުންނެވެ. ނަމަވެސް މި ކުޅުންތެރިޔާގެ އެއްވެސް މައުލޫމާތެއް ބާސެލޯނާއާއި ސްޕެއިންގެ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.

ކުޅުންތެރިއަކު ޕޮސިޓިވްވި ނަމަވެސް އެ ކުޅުންތެރިޔާއަކީ އެންމެފަހުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ބާސެލޯނާ ކުޅުނު ޓީމުގެ ލިސްޓުގައި ހިމެނުނު ކުޅުންތެރިއެއް ނޫނެވެ. އެހެންކަމުން އަންނަ ހުކުރުދުވަހު ކުއާޓާފަައިނަލުގައި ބަޔާން މިއުނިކް އާއި ދެކޮޅަށް ކުޅޭ މެޗަށް އެއްވެސް ހުރަހެއް ނެތްތަކަށް އޮފިޝަލުން މައުލޫމާތުދެއެވެ.

މިކަމާއި ގުޅިގެން ބާސެލޯނާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕޮސިޓިވްވި ކުޅުންތެރިޔާ އަކީ ޕްރީސީޒަންގެ ކުރިން ޓެސްޓުކުރި 9 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އަދި އޭނާގެ ކިބައިން ކޮވިޑްގެ އެއްވެސް އަލާމާތެއް ފެންނަން ނެތްކަމަށާއި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކުޅުންތެރިިޔާ އައިސޮލޭޝަންއަށް ފޮނުވާލެވިފައިވާ ކަމަށެވެެ. އަދި އެ ކުޅުންތެރިޔާ ބާސާގެ ސީނިއާ އެއްވެސް ކުޅުންތެރިއަކާއި ދިމާވެފައިނުވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އެ ކުޅުންތެރިޔާއާއި ދިމާވެފައިވާ ކުޅުންތެރިން ފާހަގަކޮށްފައިވާ ކަމަށާއި އެ ކުޅުންތެރިންގެ ކަންކަން ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ޕޮސިޓިވްވި ކުޅުންތެރިޔާގެ ނަން ހާމަނުކުރި ނަމަވެސް ބާސާއިން ވަނީ ޕްރީސީޒަނަށް ޓެސްޓުކުރި 9 ކުޅުންތެރިންގެ ނަން ހާމަކޮށްފައެވެ.

ބާސާއިން ކުޅުންތެރިއަކު ޕޮސިޓވްވިއިރު ދާދިފަހުން އެތްލެޓިކޯ މެޑްރިޑްގެ ދެ ކުޅުންތެރިއަކުވެސް ވަނީ ކޮވިޑަށް ޕޮސިޓިވްވެފައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުގައި ޖަރުމަނުގެ ބަޔާން މިއުނިކް އާއި ބާސެލޯނާ ބައްދަލުކުރާ މެޗު ކުޅޭނީ ހުކުރުދުވަހުގެ ރޭ 00:00 ގައެވެ