ކޮވިޑް-19 އަށް ޕޮޒިޓިވް ވުމަށްފަހު ބަލިން ރަނގަޅުވެފައިވާ މީހަކު އަނެއްކާވެސް ޕޮޒިޓިވް ވެއްޖެކަމަށް ޗައިނާއިން ހާމަކޮށްފިއެވެ.

ބަލިން ރަނގަޅުވުމަށްފަހު އަލުން ޕޮޒިޓިވްވެފައިވަނީ ޗައިނާގެ މެދުތެރޭ ހޫބޭ ޕްރޮވިންސްގެ ޖިންގްޒޫ ސިޓީއަށް ނިސްބަތްވާ އުމުރުން 68 އަހަރުގެ އަންހެނެކެވެ.

ޖިންގްޒޫ ސިޓީގެ ސަރުކާރުން ބުނެފައިވަނީ، އެ އަންހެންމީހާ އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ 8 ވަނަ ދުވަހު ކަމަށެވެ.

އަދި އޭގެ މަސްތަކެއްފަހުން އޭނާ ބަލިން ފަސޭހަވެ ހުރީ ދޫކޮށްލާފައި ކަމަށްވެސް ބުނެފައި ވެއެވެ.

އެހެން ނަމަވެސް، އެ އަންހެންމީހާ އަނެއްކާވެސްވަނީ މި އޮގަސްޓްމަހުގެ 9 ވަނަދުވަހު އަލުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އެމީހާ މިހާރުހުރީ ކަރަންޓީނުގައި ކަމަށާއި، އޭނާއަށް ދޭންޖެހޭ ފަރުވާގެ ކަންކަންވެސް ކުރިއަށްދާ ކަމަށް ޖިންގްޒޫ ސިޓީގެ ސަރުކާރުން ބުނެފައި ވެއެވެ.

އަދި އޭނާއާ ކޮންޓެކްޓްވެފައިވާ އެންމެން ހޯދައި މިހާރު ޓެސްޓުވެސް ކޮށްފައިވާ ކަމަށާއި، އެ ހުރިހާ އެންމެންގެ ޓެސްޓްގެ ނަތީޖާ ނެގަޓިވް ކަމަށްވެސް ޖިންގްޒޫ ސިޓީން ބުނެފައި ވެއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޝިންޖިއާނުން 9 ޕޮޒިޓިވް ކޭސް، ހޮންގްކޮންގުން 33 ޕޮޒިޓިވް ކޭސް އަދި ޗައިނާއިން ބޭރުން އައި އެގައުމުގެ ރައްޔިތުންގެ ތެރެއިން 25 މީހަކު އަލަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.