ރަޝިޔާއިން އުފެއްދި ކޮވިޑް-19 ވެކްސިންއަކީ ރައްކާތެރި ވެކްސިނެއް ނޫންކަމަށް ދައްކަމުންގެންދާ ވާހަކަތައް ރަޝިޔާއިން ދޮގުކޮށްފިއެވެ.

ރަޝިޔާ ސަރުކާރުގެ ހެލްތު މިނިސްޓަރ މިޚާއިލް މުރަޝްކޯ ވިދާޅުވީ، ރަޝިޔާއިން އުފެއްދި ކޮވިޑް ވެކްސިންއަކީ ރައްކާތެރި ވެކްސިނެއް ނޫންކަމަށް ބުނެ ދައްކަމުން ގެންދަނީ އެއްވެސް ހަގީގަތެއްނެތް ވާހަކަތަކެއް ކަމަށެވެ.

ހެލްތު މިނިސްޓަރާ ހަވާލާދީ ރަޝިޔާގެ އިންޓަރފެކްސްއިން ބުނެފައިވަނީ، ވެކްސިންގެ ރައްކާތެރިކަމާމެދު ސުވާލު އުފައްދައި، ފަތުރަމުންދާ ހަގީގަތާ ޚިލާފް ވާހަކަތަކަކީ ވެކްސިން އުފެއްދުމުގެ ވާދަވެރިކަމުގެ ތެރެއިން ދެކެވޭ ވާހަކަތަކެއް ކަމަށެވެ.

ރަޝިޔާގެ ގަމާލިޔާ ރިސާޗް އިންސްޓިޓިއުޓުން އުފެއްދި ކޮވިޑް ވެކްސިން ރަޝިޔާ ސަރުކާރުގައި އިއްޔެ ރަޖިސްޓަރީކޮށް، ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން އިއްޔެގައިވަނީ އެކަން ރަސްމީގޮތުން އިޢްލާން ކުރައްވާފައެވެ.

އަދި މިވެކްސިން ރަޝިޔާ ސަރުކާރުގެ ހެލްތު މިނިސްޓްރީންވެސް ވަނީ އެޕްރޫވްކޮށްފައެވެ.

ރަޝިޔާ ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ މިއަހަރުގެ އޮކްޓުބަރުމަހުން ފެށިގެން ރައްޔިތުންނަށް ވެކްސިންދޭން ފެށުމަށެވެ.

ރަޝިޔާއިން ވަރަށް އަވަސް އަރުވާލައިގެން ކޮވިޑް ވެކްސިނެއް އުފެއްދި މައްސަލާގައި ހުޅަނގުގެ ގައުމުތަކުގެ ސައިންސްވެރިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބައެއް ކުންފުނިތަކުން އުފެއްދި ވެކްސިން އިންސާނުން ބޭނުންކޮށްގެން ޓެސްކުރަން ފަށާފާފައިވާއިރު، ކްލިނިކަލް ޓްރައިލްސްތަކުން މިހާތަނަށް ކާމިޔާބު ކަމަށް ދައްކާފައިވަނީ އެންމެ %10 ޓެސްޓުތަކެވެ.

ހުޅަނގުގެ ގައުމުތަކުގެ ސައިންސްވެރިން ބުނަމުންދަނީ، ރަޝިޔާގެ ސައިންސްވެރިން މާ ސްޕީޑް އަވަސްކޮށް އެކަންކުރީ ސަރުކާރުގެ ޕްރެޝަރުގެ ސަބަބުންކަމަށް ވެދާނޭ ކަމަށެވެ.

ސިއްހީ ރައްކާތެރިކަމަށްވުރެ ރަޝިޔާއަށް މުހިންމުވީ މަޝްހޫރުވުން ކަމަށްވެސް ބައެއް ސައިންސްވެރިން ތުހުމަތު ކުރެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިންވެސް ބުނެފައިވަނީ، ރަޝިޔާއިން އުފެއްދި ވެކްސިންގެ ރައްކާތެރިކަން ޔަގީންކުރެވެން ނެތް ކަމަށާއި، އެކަމާ ގުޅޭ މައުލޫމާތު ރަޝިޔައިން ހިއްސާކޮށްފައި ނުވާކަމަށެވެ.

ރަޝިޔާއަކީ ދުނިޔޭގައި ކޮވިޑްބަލީގެ ހާލަތު ހަތަރުވަނައަށް އެންމެގޯސް ގައުމެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ރަޝިޔާއިން 5،102 މީހުން އަލަށް ޕޮޒިޓިވްވެ، އެގައުމުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 902،701 އަށް ވަނީ އަރާފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު 15،260 އަށް އަރާފައި ވެއެވެ.