ސްރީލަންކާ ސަރުކަރުގެ އައު ކެބިނެޓް އިޢްލާން ކޮށްފިއެވެ.

26 މެމްބަރުން ހިމެނިވަޑައިގަންނަވާ އައު ކެބިނެޓް އިޢްލާންކުރިއިރު، ކެބިނެޓްގައި ރާޖަޕަކްސަ އާއިލާގެ ހަތަރު ބޭފުޅުން ހިމެނިވަޑައި ގަންނަވައެވެ.

އައު ކެބިނެޓުގައި ދިފާއީ ވަޒީރަކީ ރައީސް ގޮޓަބާޔަ ރާޖަޕަކްސައެވެ.

ކެބިނެޓްގެ ފައިނޭންސް، އާރބަން ޑިވެލޮޕްމަންޓް އަދި ބުދިސްޓް އެފެއަރޒް މިނިސްޓްރީ ނަންގަވާފައިވަނީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައެވެ.

އެބޭފުޅުންގެ އެންމެދޮށީ ބޭބޭފުޅު ޝަމާލް ރާޖަޕަކްސައަށް ދެއްވާފައިވަނީ އިރިގޭޝަން މިނިސްޓަރުކަމެވެ.

ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ފިރިހެން ދަރިކަލުން ނަމާލް ރާޖަޕަކްސައަށް ދެއްވާފައިވަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ކަމެވެ.

މި ހުރިހާ ބޭފުޅުންނަކީވެސް މިދިޔަ ހަފްތާގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާބު ކުރައްވައި ޕާލަމެންޓްގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާ ބޭފުޅުންނެވެ.

ކެބިނެޓްގެ އެހެން މުހިންމު މަގާމުތަކުގެ ތެރެއިން މިނިސްޓަރ އޮފް ފޮރިން އެފެއަރޒްގެ މަގާމަށް އައްޔަންކޮށްފައިވަނީ ދިނޭޝް ގުނަވަރްދަނާއެވެ. މިނިސްޓްރީ އޮފް އެޑިއުކެޝަންގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ސްރީލަންކާގެ ސިޔާސީ މައިދާނުގެ ދުވަސްވީ ބޭފުޅެއް ކަމަށްވާ ޖީއެލް ޕީރީސްއެވެ.

މިނިސްޓަރ އޮފް ޖަސްޓިސްގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އަލީ ސަބްރީއެވެ. މިނިސްޓަރ އޮފް ހެލްތަކީ ޕަވިތްރާ ވައްނިއަރައްޗިއެވެ.

މިދިޔަ ހަފްތާގެ ބުދަދުވަހު ސްރީލަންކާގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާބުކޮށް، އެ ބޭފުޅުން ހިމެނޭ ސްރީލަންކާ ޕީޕަލްސް ފްރަންޓްވަނީ 225 ގޮނޑި ހިމެނޭ ޕާލަމެންޓްގެ 145 ގޮނޑި ކާމިޔާބުކޮށްފައެވެ.

ސްރީލަންކާގެ ރައީސްކަމަށް، އުމުރުފުޅުން 71 އަހަރުގެ ގޮޓަބާޔަ ރާޖަޕަކްސަ އިންތިޚާބުވެވަޑައި ގެންފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ. ގޮޓަބާޔަ ރާޖަޕަކްސަ ރައީސްކަމަށް ވަޑައިގެން ވަގުތީ ބޮޑުވަޒީރުކަމަށް އައްޔަންކުރެއްވީ ބޭބޭފުޅު، އުމުރުފުޅުން 74 އަހަރުގެ މަހިންދަ ރާޖަޕަކްސައެވެ.

މިއަދު އިޢްލާންކުރި އައު ކެބިނެޓްގައި ދިފާއީ ވަޒީރުކަމާ ރައީސް ގޮޓަބާޔަ ހަވާލުވެވަޑައިގެންނެވިއިރު، މަހިންދަ ރާޖަޕަކްސަ ސްރީލަންކާގެ ރައީސްކަމުގައި ހުންނެވިއިރުވެސް ގޮޓަބާޔަ އަކީ ސްރީލަންކާގެ ދިފާއީ ވަޒީރެވެ.

ސްރީލަންކާގައި ހިނގައިދިޔަ ތިރީސްއަހަރުވީ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައިއިރު، ދިފާއީ ވަޒީރުކަމުގައި ހުންނެވީ މިހާރުގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސައެވެ.

އައު ކެބިނެޓް އެކުލަވާލިއިރު ކެބިނެޓުގެ ފުރަތަމަ ޖަލްސާ މާދަމާއަށް ވަނީ ތާވަލްކޮށްފައެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާގައި އޮތީ ގާނޫނުއަސާސީއަށް އިސްލާހް ގެނައުމުގެ ހުށަހެޅުންތަކާއި، އައު ބަޖެޓާ ބެހޭގޮތުން މަޝްވަރާ ކުރުންކަމަށް މީޑިއާއިން ބުނެއެވެ.