ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ ކެބިނެޓަށް ޖުމްހޫރީ ޕާޓީގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް އެޕާޓީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖްލީހަށް ވައްދަން ކުރާ މަސައްކަތާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެމުން ޖުމްހޫރީ ޕާޓީން ބުނީ އަބަދުވެސް މަަސައްކަތްކުރާނީ ރައީސް ސޯލިހުގެ ވެރިކަން ދަމަހައްޓަން ކަމަށެވެ.

އަދި ގައުމާއި ރައްޔިތުންގެ ހައްޤުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ކުރައްވާ މަސައްކަތަށް ޖުމްހޫރީ ޕާޓީގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށްވެސް އެޕާޓީން ބުނެފައި ވެއެވެ.

ރައީސް ސޯލިހު ރައްޔިތުންނަށްޓަކާ ކުރައްވަމުންދާ މަސައްކަތްތަކަށް އެޕާޓީން ފުރިހަމައަށް އިތުބާރުކުރާ ކަމަށާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖުމްހޫރީ ޕާޓީން މިހާތަނަށް އެއްވެސް ލެވެލްއެއްގައި މަޝްވަރާކޮށްފައި ނުވާނެ ކަމަށްވެސް ޖޭޕީން ބުނެފައި ވެއެވެ.

ޖުމްހޫރީ ޕާޓީން މިހެން ބުނެފައިވާއިރު މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށްޓަކައި ސޮއި ހޯދުމުގެ މަަސައްކަތް ކުރަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިހާތަނަށް ސޮއިކުރި ލިސްޓުގެ އެންމެ ކުރީގައިއޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށްވެސް ބައެއް މީޑިއާތަކުގައިވަނީ ބުނެފައެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާނަމަ މަދުވެގެން 10 މެންބަރުންގެ ސޮއި ބޭނުންވާއިރު މިހާރު އެދަދު ހަމަވެފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެހެން ނަމަވެސް، އިކޮނޮމިކް މިނިސްޓަރު ފައްޔާރުއަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވެ، މަޖިލީހުގެ އެމްޑީޕީ އެތައް މެމްބަރުންވަނީ ޓްވީޓް ކުރައްވާފައެވެ. ޓްވީޓް ކުރައްވާފައިވާ ބޭފުޅުންގެ ތެރޭހައި އެމްޑީޕީގެ ވަރަށް އިސް މެމްބަރުންވެސް ހިމެނިވަޑައި ގަންނަވައެވެ.