• އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 87 ދިވެހިން
  • ހޮސްޕިޓަލްތަކުގައި ފަރުވާދޭ މީހުންގެ އަދަދު 150 އަށް އަރައިފި
  • ވޭތުވެދިޔަ 24 ގަޑިއިރު ބަލިން ފަސޭހަވެފައިވަނީ 35 މީހުން
  • ޅ. ނައިފަރު މޮނިޓަރިންގ ހާލަތަށް

ރާއްޖެއިން އިތުރު 143 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓްގައި ބުނެފައިވަނީ، އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އަލަށް 143 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 87 ދިވެހިންނާއި، ބަނގްލަދޭޝްގެ 40 މީހުންނާއި، އިންޑިއާ 10 މީހުންނާއި، ނޭޕާލް 3 މީހުންނާއި، ސްރީލަންކާގެ 2 މީހުންނާއި، މިސްރު މީހެކެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 140 މީހުން ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. އަނެއް 3 މީހުން ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 5،366 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ފަސޭހަވެފައިވަނީ 35 މީހުން ކަމަށެވެ.

ބަލިން ފަސޭހަވެގެން މިއަދު ދޫކޮށްލި މީހުންގެތެރޭގައި ށ. އަތޮޅުގައި ގާއިމްކޮށްފައިވާ ފެސިލިޓީން ދޫކޮށްލި މީހަކުވެސް ހިމެނެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިއީ، އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ފެސިލިޓީއަކުން ބަލިން ފަސޭހަވެގެން މީހަކު ދޫކޮށްލި ފުރަތަމަ ފަހަރު ކަމަށެވެ. އެ ފެސިލިޓީން ބަލިން ފަސޭހަވެގެން ދޫކޮށްލާފައިވަނީ އުމުރުން ދުވަސްވީ މީހެކެވެ.

އެޗްޕީއޭއިން މިރޭ ބުނެފައިވަނީ، މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 2.461 މީހުން ކަމަށެވެ.

އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 150 މީހަކަށް ގެންދަނީ ފަރުވާ ދެމުންނެވެ.

ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ބައެއް މީހުންނަށް ފަރުވާ ދެމުންގެންދަނީ އައިސީޔޫގައި ކަމަށާއި، 2 މީހަކުއޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.

ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި، މިވަގުތު އެކްޓިވް ކޭސަސްތައް ތިބި ރަށްތަކުގެ ތެރޭގައި ހިމެނެނީ؛ ހއ. ކެލާ، ހއ. އިހަވަންދޫ، ހއ. ފިއްލަދޫ، ހދ. ނައިވާދޫ، ރ، ހުޅުދުއްފާރު، ބ. ކަމަދޫ، ބ. ކުޑަރިކިލު، ޅ. ހިންނަވަރު، ކ. މާފުށި، ވ. ފުލިދޫ، ފުވައްމުލައް ސިޓީގެ އިތުރުން، އައްޑޫ ސިޓީ ހިތަދޫއާއި، ފޭދޫއެވެ.

މިލިސްޓަށް އެންމެފަހުން އިތުރުވެފައިވަނީ ޅ. ނައިފަރެވެ. ނައިފަރު ބޯޓެއްގެ މީހަކު މިއަދު ވަނީ ޕޮޒިޓިވްވެފައެވެ. މިކަމާ ގުޅިގެން ނައިފަރު މިހާރު އޮތީ މޮނިޓަރިންގައި ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވިއެވެ.

ރާއްޖޭގެ ރިސޯޓްތަކުގެ ތެރެއިން 9 ރިސޯޓެއްގައި އެކްޓިކް ކޭސްތައް ތިބިއިރު، ރިސޯޓްތަކުން ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 6 ފަތުރުވެރިންނާއި، 11 ސްޓާފުންނެވެ.