ކޮވިޑް-19 ބަލީގައި އުމުރުން ދުވަސްވީ މީހަކު މަރުވިފަހުން އައިސޮލޭޝަންއަށް ގެންދަން ގުޅި މައްސަލާގައި، އެޗްއީއޯސީއިން އާއިލާގެ ކިބައިން މައާފަށް އެދިއްޖެއެވެ.

ހެލްތް އިމަރޖަންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކޮވިޑް-19 ބަލީގައި އަންގާރަދުވަހު ނިޔާވި އުމުރުން 67 އަހަރުގެމީހާ އައިސޮލޭޝަނަށް ގެންދިއުމަށް ގުޅުނީ އޭނާގެ ޖަނާޒާ ކުރިއަށްދަނިކޮށް ކަމަށެވެ.

އެހެންކަމުން އޭނާ އައިސޮލޭޝަނަށް ގެންދިއުމުގައި ކަން ހިނގާފައިވަނީ އެކަން ހިނގަންޖެހޭ ގޮތަށް ނޫންކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވަނީ ނިޔާވިމީހާގެ އާއިލާގެ ކިބައިން މައާފަށް އެދިފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ އޭނާ އައިސޮލޭޓްކުރުމަށް، މަރުވިތާ ބައިގަޑިއިރު ފަހުން ގުޅުނީ އުމުރުން ދުވަސްވީމީހުން އައިސޮލޭޝަންއަށް ގެންދިއުމުގައި ގެންގުޅޭ އުސޫލުގެދަށުން ވަކި ތަރުތީބަކުން އައިސޮލޭޝަނަށް ގެންދިއުމުން ކަމަށެވެ.

އަދި އެވަގުތު އޭނާ އޮތީ އައިޖީއެމްއެޗުގައިކަން އެޗްޕީއޭއަށް އެނގިފައި ނުވާކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިފަދަކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ޕޭޝަންޓަކު އައިޖީއެމްއެޗްގައި ބާއްވައިގެން ޓެސްޓުކޮށްފިނަމަ އެކަން ސިސްޓަމް މެދުވެރިކޮށް އެނގޭނެ ގޮތަށް ސިސްޓަމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވަނީ މިފަދަ ކަމެއް ކުރިއަށް އޮތް ތަނުގައި ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮވިޑް-19 ބަލީގައި އިއްޔެވެސްވަނީ އުމުރުން 77 އަހަރުގެ މީހަކު މަރުވެފައެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮސް އިއްޔެ ހެނދުނު 9:20 ގައި މަރުވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ.