• މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމޭނީ މިއަހަރުގެ ޑިސެމްބަރު 3 ގައި
  • ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ އަންނަ އަހަރުގެ އޮގަސްޓް 10 ގައި
  • މި ބަދަލަކީ ދާއިމީ ބަދަލެއް ނޫން، މިއީ ކޮވިޑް-19 އާއި ގުޅިގެން ގެނެސްފައިވާ ބަދަލެއް

މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން އަންނަ ޖެނުއަރީގައި ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަހަރުގެ އެކެޑަމިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެނެސް މިއަދު އާއްމުކޮށްފައިވާއިރު ކަލަންޓަރުގައި މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމޭނެ ކަމަށް ބުނެފައިވަނީ މިއަހަރުގެ ޑިސެމްބަރު 3 ގައެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން އަންނަ އަހަރު ފަށަން ވަނީ ނިންމާފައެވެ.

އެކެޑެމިކް ކަލަންޓަރުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ޓާމު ކިޔެވުން ކުރިއަށްދާނީ 198 ދުވަހަށެވެ. އެއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން އަންނަ އަހަރުގެ ޖެނުއަރީ 12 އިން ޖޫން 24 ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ 113 ދުވަހަށެވެ.

މި ބަދަލާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ އަންނަ އަހަރުގެ އޯގަސްޓް 10 ގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ބަދަލަކީ ދާއިމީ ބަދަލެއް ނޫން ކަމަށާއި، މިއި ކޮވިޑް-19 އާއި ގުޅިގެން ގެނެސްފައިވާ ބަދަލުތަކެއް ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މިދިޔަ މާޗް މަހު ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހު ސްކޫލްތައް ހުޅުވާލިއެވެ. އެހެންނަމަވެސް އަނެއްކާވެސް ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން އަނެއްކާވެސް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. އަދި މިމަހުގެ 19 އާއި ހަމައަށް ދަރިވަރުން ސްކޫލްތަކަށް ހާޒިރުނުވެ އޮންލައިން ކްލާސްތައް ކުރިއަށްގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.