އިތުރުބާރުކުރެވޭ މަގާމެއްގައިހުރެ އެކި ދުވަސްމަތިން ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ގއ. ދެއްވަދޫ، ތިރުގެ، އުމުރުން 32 އަހަރުގެ އިބްރާހީމް ނަދީމް ޞާލިޙް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކަަށް ޖިންސީގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ޖުލައި 25 ވަނަ ދުވަހު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ޖުލައި 25 ވަނަ ދުވަހު ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ނަދީމަށް ދީފައިވާ 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން މިމަހުގެ 09 ވަނަ ދުވަހު ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން، މި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ކަންކަމަށް ބަލައި އޭނާ ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެކަމެއް ކަމަށާއި، ހެކިބަހަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބިގެންދާ ކަމަކަށްވާތީ އާއި އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ކުށް އޭނާގެ ފަރާތުން ހިނގާފައިވާކަމަށް ބެލެވޭ މިންވަރަށް ފުލުހުންގެ ފަރާތުން ހުށަހެޅި ހެކި ގަރީނާތަކުން ހެކި ގަރީނާ ލިބޭތީވެ، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ކުރަމުންނެވެ.

ކުޑަ ކުދިންނަށް ބިރުދައްކައި، ބްލެކްމެއިލް ކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތަކާއި އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތައް އިތުރުވަމުންދާތީ މައިންބަފައިންނާއި ބެލެނިވެރިން މިކަމަށް ސަމާލުވެތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އޭގެ އިތުރުން، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ މައުލޫމާތު މީޑިއާތަކުގައި ޝާއިއުކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނާނޭގޮތަށް އެފަދަ މައްސަލަތަކުގެ މައުލޫމާތު ޝާއިއު ކުރުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ.

މިފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ އެކަން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭގުޅޭ ނަންބަރު 1412 އަށް ހުށަހެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.