ދުނިޔޭގެ އެންމެ މޮޅު އަދި އެންމެ ކާމިޔާބު އެއް ފުޓުބޯޅަ ކުޅުންތެރިއާކަމަށް ގިނަ ފަރާތްތަކުން ގަބޫލްކުރާ ޔުވެންޓަސް އަދި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކުރީގެ ކްލަބް ސްޕެއިންގެ ރެއާލް މެޑްރިޑާ އެންމެ ވާދަވެރި ބާސެލޯނާއަށް ވިއްކާލަން އުޅޭކަމުގެ އަޑުތަކެއް ފެންމަތިވެއްޖެއެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އޭނާ މިހާރު ކުޅޭ ކްލަބް އިޓަލީގެ ޔުވެންޓަސް އިން ރޮނާލްޑޯ ވިއްކާލުމުގެ ވިސްނުން ގެންގުޅެނީ އޭނާއަށް އަހަރެއްގެ މައްޗަށް ދޭންޖެހޭ 28 މިލިއަން ޕައުންޑްގެ މުސާރަ ކޮވިޑް-19ގެ ސަބަބުން އެ ކްލަބަށް އޭނާއަށް ދިނުމަށް އުނދަގޫވާތީވެއެވެ.

ބާސާގެ އިތުރުން ޔޫރަޕުގެ ބޮޑެތި އެހެން ކްލަބުތަކާވެސް ރޮނާލްޑޯ ވިއްކާލުމަށް ވާހަކަ ދެކެވެމުން ދާކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެކުރިން ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ރޮނާލްޑޯ ބަދަލުވާން އުޅޭކަމުގެ އަޑުތަކެއްވެސް ފެތުރިފައިވެއެވެ.

އެހެންނަމަވެސް މިހާރު ބާސާގެ މާލީ ހާލަތު ހުރިގޮތުން އެކްލަބަށް ވެސް ރޮނާލްޑޯއަށް އެވަރުގެ މުސާރައެއް ދިނުމަކީ އުނދަގޫ ކަމަކަށް ވެގެންދާނެއެވެ. މީގެ އިތުރުން ރޮނާލްޑޯއާ އެންމެ ވާދަވެރި ކުޅުންތެރިއާ، ބާސެލޯނާ އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާ އެއްޓީމެއްގައި އޭނާ ކުޅުމަށް ރޮނާލްޑޯވެސް އަދި މެސީވެސް އެއްބަސް ވެދާނެ ކަމާމެދު ފުޓުބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ސުވާލު އުފައްދައެވެ.

ފުޓުބޯޅައިގެ ދިގު އަދި މުއްސަނދި ތާރީހުގައިވެސް އެންމެ ވާދަވެރި އަދި ދުނިޔޭގެ ފުޓުބޯޅަ ދުށް އެންމެ މޮޅު ދެ ކުޅުންތެރިން އެއް ޓީމެއްގައި ކުޅުމަކީ ނާދިރު ކަމެއްކަމުގައި ވީނަމަވެސް އެއީ ފުޓުބޯޅައަށް ލޯބިކުރާ ގިނަ ފަރާތްތަކުން ވަރަށް ދެކެން ބޭނުންވާނެ ދުވަހަކަށް ވެގެންދާނެއެވެ. ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމުގައިވާ ބެލޮންޑޯ އެވޯޑްގެ ސްޓޭޖް އެންމެ ގިނަ ފަހަރު ހިއްސާކުރި ދެ ކުޅުންތެރިންނަށް ހަމަ ގައުމުވެސް ވާނީ މިދެކުޅުންތެރިންނެވެ.

ޖުމްލަ 11 ފަހަރު ފްރާންސްގެ ބެލަންޑޯ އެވޯޑްގެ ސްޓޭޖް މިދެކުޅުންތެރިން ހިއްސާކޮށްފައިވާއިރު 2007 އިން ފަށައިގެން މިދެ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއަކަށް މި އެވޯޑް ނުލިބި ވަނީ އެންމެ ދެފަހަރުއެވެ. އެއީ 2007 ވަނަ އަހަރުގެ އެވޯޑާއި 2018 ވަނަ އަހަރުގެ އެވޯޑެވެ. މި މުއްދަތުގައި ދެކުޅުންތެރިން އެއްކޮށް 11 ފަަހަރަކު މިއެވޯޑް ހާސިލް ކޮށްފައިވެއެވެ. އެއީ މެސީ 6 ފަހަރު އަދި ރޮނާލްޑޯ 5 ފަހަރުއެވެ. މީ މިއެވޯޑް ދޭން ފެށިފަހުން އެންމެ ގިނަފަހަރު އެވޯޑް ހޯދި ދެކުޅުންތެރިންނެވެ.

ޔުވެންޓަސްއަށް 2018 ވަނަ އަހަރު ބަދަލުވިފަހުން ރޮނާލްޑޯ ވަނީ އެޓީމަށް 60 އަށްވުރެ ގިނަ ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އެޓީމާ އެކު ކްލަބް ރެކޯޑްތަކުގެ އިތުރުން ފުޓުބޯޅައިގެ އެހެން އެތައް ރެކޯޑެއް ރޮނާލްޑޯ ވަނީ ހަދާފައެވެ. ހަމަ ގައިމުވެސް 35 އަހަރުގެ ރޮނާލްޑޯ އަކީ އޭނާއަށް ދޭ މުސާރަ ހައްގުވާ މިންވަރަށް ކުޅޭ ކުޅުންތެރިއެއް ކަމަށް ގިނަ ބަޔަކު ގަބޫލް ކުރާނެއެވެ. ގޯލް ސްކޯރިންގް މެޝިން އެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ ރޮނާލްޑޯވަނީ ކެރިއަރުގައި 1000 މެޗައް ވުރެ ގިނަ މެޗު ޕްރޮފެނަޝަލް ލެވެލްގައި ކުޅެ 700 އަށްވުރެ ގިނަ ގޯލް ޖަހާފައެވެ.

ރޮނާލްޑޯ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު ފަސް ފަހަރު ބެލަންޑޯ އެވޯޑް ހާސިލްކޮށް ޔޫރަޕުގެ ރަންބޫޓު ހާސިލްކޮށްފައެވެ. އަދި ކެރިއަރުގައި ޖުމްލަ 30 މޭޖަރ ޓްރޮފީ ހޯދާފައިވެއެވެ. އޭގެ ތެރޭގައި ލީގް ޓައިޓަލް 7 ފަހަރު، ޗެމްޕިއަންސް ލީގް 5 ފަހަރު ހޯދާފައިވެއެވެ. މީގެ އިތުރުން 130 ލަނޑާއެކު ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަކީވެސް ރޮނާލްޑޯއެވެ. އަދި 40 އެސިސްޓާއެކު ޗެމްޕިއަންސްލީގުގެ ދިގު ތާރީހުގައި އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިއާ އަކީވެސް ހަމަ ރޮނާލްޑޯއެވެ.

މުސްކުޅިވެ 'ޕްރައިމް" ގެއްލިއްޖެ ކަމަށް މަދުބަޔަކު ބުނިނަމަވެސް އެ އެންމެންނަށް އެއީ ހަގީގަތެއް ނޫންކަން ރޮނާލްޑޯ ސާބިތުކޮށްދެނީ 35 އަހަރުގައިވެސް ޔޫރަޕުގެ ބޮޑެތި ކްލަބު ތަކާ ދެކޮޅަށް އޭނާ ޖަހާ ތަފާތު މޮޅު ގޯލް ތަކާ ބަދަލެއް ނާންނަ މޮޅު ކުޅުމުންނެވެ. ހަމަ ގައިމުވެސް ރޮނާލްޑޯ އަކީ ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.