ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް އެޓަރނީ ޖެނަރަލްގެ އޮފީހުން ހާޒިރުވެ، މައުލޫމާތު ދީފިއެވެ.

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ފަރާތުން ހިންގަމުންގެންދާ ތަފާތު ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ މައްސަލައާ ގުޅިގެން އެ ކޮމިޓީން އިއްޔެ ބޭއްވެވި ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ބައިވެރިވެ މަޢުލޫމާތު ދީފައިވާކަމަށް އެޓަރނީ ޖެނެރަލް އޮފީހުން މައުލޫމާތު ދެއެވެ.

މިބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބައިވެރިވީ ސީނިއަރ ސްޓޭޓް އެޓަރނީ، އަލްއުސްތާޒް ޢަލީ ޝުހައިލް މުހައްމަދު ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މިއަދު އޮތް ބައްދަލުވުމުގައި، ބިދޭސީންނާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭ ގާނޫނުތަކާއި، ކަމާގުޅޭގޮތުން ސަރުކާރުން އަލަށް އެކުލަވާލަމުންދާ ބިލުތަކާ ގުޅޭ މައުލޫމާތު ކޮމިޓީއާ ހިއްސާކުރެވުނު ކަމަށްވެސް އޭޖީން ބުނެއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިތުރުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ލޭބަރ ރިލޭޝަންސް އޮތޯރިޓީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މޯލްޑިވްސް އިމިގްރޭޝަން، މިނިސްޓްރީ އޮފް ޑިފެންސް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަދި މާލެ ސިޓީ ކައުންސިލުގެ އޮފިޝަލުން ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ކަމަށްވެސް އޭޖީން މައުލޫމާތު ދެއެވެ.