ދެކުނު އޭޝިއާ ސަރަހައްދުގައި ގާއިމްކުރާ ފުރަތަމަ އެއަރ ބަބްލް ރާއްޖެއާ އިންޑިއާއާ ދެމެދު ގާއިމްކުރުމަށް ނިންމައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރަށް އެޅިފައިވާ ހުރަސްތަކުގެ ސަބަބުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށާއި، ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށް، ރާއްޖެއާ އިންޑިއާއާ ދެމެދު އެއަރ ބަބްލްއެއް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިއީ ކޮވިޑް-19 އަށްފަހު، ދެކުނު އޭޝިއާ ސަރަހައްދުގައި ގާއިމްކުރެވޭ މިފަދަ ފުރަތަމަ އެއަރ ބަބްލް ކަމަށާއި މި އެއަރ ބަބްލްއާއެކު ޝެޑިއުލް ފްލައިޓްތައް ދެގައުމުގެ މެދުގައި ފެށިގެންދާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ދަތުރުތައް ފެށިނަމަވެސް، ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެގައުމުންވެސް ދަމަހައްޓަމުން ގެންދާނެ ކަމަށާއި އެއަރ ބަބްލްގެ ސަބަބުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވަރަށް ބޮޑުތަން ފަސޭހަ ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ބޮޑެތި ބަލިތަކަށް، ރާއްޖެއިން ލިބެން ނެތް ފަރުވާކުރަން މިހާރުވެސް ޚާއްސަ އުސޫލެއްގެ ތެރެއިން ދިވެހިންނަށް އިންޑިއާއަށް ދެވުނުނަމަވެސް، އެއަރ ބަބްލް ގާއިމްކުރެވުމުން ފްލައިޓްތަކުގެ ޝެޑިއުލްތައް ކުރިއާލާ އެނގި، ދަތުރުކުރާ ބަލި މީހުންނާ އެމީހުންގެ އާއިލާތަކަށް ފަސޭހަ ވެގެންދާނެ."
ފޮރިން މިނިސްޓްރީ

މީގެއިތުރުން ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލާފައިވުމާއި، އަދި ރާއްޖޭގެ ރިސޯޓްތަކަކީ ރާއްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދައަށް އަޅާފައިވާ ރިސޯޓްތަކަށްވުމުން، މި އެއަރ ބަބްލްގެ ތެރެއިން އިންޑިއާގެ ފަތުރުވެރިންނަށްވެސް ރާއްޖެއަށް އައުމަށް ފަސޭހަ ވެގެންދާނެ ކަމަށާއި ރާއްޖެއަށް ކޮންމެ އަހަރަކުވެސް އިންޑިއާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާއިރު، ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށްޖެހުމަށް މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި މިއީ ލިބުނު އިތުރު ކުރިއެރުމެއް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 10 އިންސައްތަ ފަތުރުވެރިންނަކީ މިހާރު އިންޑިއާގެ ފަތުރުވެރިން. ރާއްޖޭގެ ސިއްހީ ދާއިރާގައި އިންޑިއާގެ ގިނަ ބަޔަކު މަސައްކަތްކުރަމުންދާއިރު، ކޮވިޑް-19ގެ ސަބަބުން ވައިގެ ދަތުރުފަތުރު ހުއްޓުމުން ރާއްޖެއަށް ނާދެވި، ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސިއްހީ އެހީތެރިން އިންޑިއާގައި އެބަތިބި."
ފޮރިން މިނިސްޓްރީ

ސިއްހީ ދާއިރާގެ އިތުރުން ރާއްޖޭގެ އިގްތިސާދުގެ މުހިއްމު ގިނަ އެހެން ދާއިރާތަކެއްގައި މަސައްކަތްކުރާ އިންޑިއާގެ މަސައްކަތްތެރިންވެސް ކޮވިޑް-19ގެ ސަބަބުން އަނބުރާ ގައުމަށް ގޮސްފައިވާއިރު، ލޮކްޑައުންއަށްފަހު ރާއްޖޭގެ އިގްތިސާދު އަލުން އަނބުރާ ކޮޅަށް ޖަހަން މަސައްކަތްކުރާ މިދަނޑިވަޅުގައި މި މަސައްކަތްތެރިންނަށް ރާއްޖެއަށް އަނބުރާ އައިސް، އިގްތިސާދީ މަސައްކަތުގައި ބައިވެރިވުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިނަމަވެސް، ޝެޑިއުލް ފްލައިޓްތައް ނެތުމުން ބޭރުގައިތިބި ގިނަ އަދަދެއްގެ މަސައްކަތްތެރިންނަށް ރާއްޖެ ނާދެވި އެބަތިބި ކަމަށާއި އެއަރ ބަބްލްގެތެރެއިން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މޯލްޑިވިއަން އަދި އެއަރ އިންޑިއާއިން މާލެއާއި އިންޑިއާގެ އެކި ސިޓީތަކާ ދެމެދު އުދުހެން ފަށާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.