ބ. ކުޑަރިކިލުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ގާއިމްކުރި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

މި ދަނޑުގެ މަސައްކަތް ނިމިފައިވާކަން ހާމަކުރައްވަމުން މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވީ ދަނޑުގެ މަސައްކަތްތައް ނިންމާލާފައިވަނީ ކުޑަރިކިލު ޒުވާނުން އެދުނު ގޮތަށް ކަމަށެވެ.

ހަމައެހެންމެ މި ދަނޑަކީ ދެ ޖިންސްގެ ޒުވާނުން ވެސް ބޭނުންކުރާނެ ތަނެއް ކަމަށް އުއްމީދު ކުރައްވާ ކަމަށާއި މި ދަނޑުގެ މަސައްކަތް ނިންމާލުމަށް ކުޑަރިކިލު ކައުންސިލާއި ޒުވާނުން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށް މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

މި ދަނޑުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ ކުޑަރިކިލު ކައުންސިލްގެ ފަރާތުން އިއުލާންކޮށްގެންނެވެ. ކައުންސިލްގެ ފަރާތުން މި މަސައްކަތް ހަވާލުކުރީ ހެއިޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މި ދަނޑަކީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކުރެވިފައިވާ ދަނޑެކެވެ.

ކުޑަރިކިލުގެ ފުޓްސަލް ދަނޑުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްސަލް ދަނޑުތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ކުރިޔަށްއޮތް ތަނުގައި އިތުރު ރަށްތަކެއްގައި ދަނޑުތައް އެޅިގެންދާނެ ކަމަށް އެވުޒާރާއިން މައުލޫމާތުދެއެވެ.