ރައީސް ޔާމީން އާއި އެމަނިކުފާނުގެ ލޯޔަރުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަނުޖެހި ގިނަ ދުވަސްތަކެއް ވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެކަން ހަމަޖައްސަވައިދެއްވުމަށް ހޯމް މިނިސްޓަރުގެ އަރިހުން އިދިކޮޅު ކޯލިޝަނުން އެދިއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައިވަނީ، ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ލޯޔަރުންނާއި އެމަނިކުފާނަށް ބައްދަލުނުވެ ގިނަ ދުވަސްތަކެއް ފާއިތުވަމުންދާތީއާއި އަދި އެންމެފަހުން ހައިކޯޓުގައި ބޭއްވުނު ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުމުގައިވެސް، އެކަން ހަމަޖައްސަވައިދެއްވުމަށް ފަނޑިޔާރުންވެސް ވިދާޅުވެފައިވާއިރު، އެކަން ހަމަނުޖެހި ގިނަ ދުވަސްތަކެއް ފާއިތުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކަން ހަމަޖައްސަވައިދެއްވުން އެދި ހޯމް މިނިސްޓަރުގެ އަރިހުގައި ކޯލިޝަންގެ ލީޑަރޝިޕުން އެދިފައިވާނޭ ކަމަށެވެ.

އެގޮތަށް އެދިވަޑައިގަތީ މިއަދު ހޯމް މިނިސްޓްރީގައި އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕާއެކު، ހޯމް މިނިސްޓަރ ބޭއްވެވި ބައްދަލުވުމުގައި ކަމަށް ކޯލިޝަނުން ނެރުނު ބަޔާނުގައިވެއެވެ.

އެކަން ހަމަޖައްސަވައިދެއްވުމަށް ހޯމް މިނިސްޓަރާއި ބައްދަލުކުރައްވާ އެކަން އެމަނިކުފާނަށް ހުށަހަޅުއްވަން ޖެހިވަޑައިގަތީ، ހައިކޯޓުގެ ފަނޑިޔާރުން އެކަމަށް އަމުރުކުރެއްވި ފަހުންވެސް މަހަކަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރުވެސް، އަދި ރައީސް ޔާމީންގެ ލޯޔަރުން އެކަން ހަމަޖައްސަވައިދެއްވުމަށް ކަރެކްޝަންސްގައި އެތައް ފަހަރެއްގެމަތިން އެދެމުންދާއިރުވެސް، ކަރެކްޝަންސްއިން އެކަން ހަމަޖައްސަވައި ނުދެއްވައި ދިގު ދަންމަމުން ގެނދާތި ކަމަށްވެސް ބަޔާނުގައިވެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސްއާއި ބައްދަލުކުރުމަށް ލީޑަރޝިޕުން ކުރި މަސައްކަތް ނާކާމިޔާބު ވުމުން. ރައީސް ޔާމީނަށް ލިބިވަޑައިގަންނަވަންޖެހޭ ހައްގުތަކަކުން އެމަނިކުފާނު މަހްރޫމުކޮށް، އެމަނިކުފާނަށް ދެމުން ގެންދާ އަނިޔާތައް ހުއްޓާލުމަށްވެސް ވާނީ އެދިވަޑައިގެންފަ."
އިދިކޮޅު ކޯލިޝަންގެ ބަޔާން

ރައީސް އަބްދުﷲ ޔާމީނަށް "ޖަލުން ލިބޭ ޚިދުމަތްތައް އިތުރުކުރުމާ ގުޅޭގޮތުން" އެކޯލިޝަންގެ ފަރާތުން ހޯމް މިނިސްޓަރާ ބައްދަލުކުރިކަމަށް ބުނެ ދޮގު ޓްވީޓެއް ހޯމް މިނިސްޓްރީން ކޮށް، ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށްބުނެ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ކޯލިޝަނުން ނެރުނު ބަޔާނުގައިވެއެވެ.

މިފަދަ ދޮގު ޚަބަރުތައް ފަތުރައިގެން ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް ކުރަމުންގެންދާ މަސައްކަތްތައް ހުއްޓާލުމަށް ހޯމް މިނިސްޓަރަށް ގޮވާލާ ކަމަށާއި، ރައީސް ޔާމީންއާއި އެމަނިކުފާނުގެ ލޯޔަރުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަނުޖެހި ތަފާތު ބަހަނާތައް ދައްކަވައިގެން ދިގު ދެންމުމުގެ ބަދަލުގައި ހައިކޯޓު ފަނޑިޔާރުން ޢަމުރުކުރައްވާފައިވާ ގޮތަށާއި އަދި އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) އިންވެސް ކަށަވަރުކޮށްދޭ ހައްގަކަށްވާތީ، ރައީސް ޔާމީނައި އެމަނިކުފާނުގެ ލޯޔަރުންނާއި ބައްދަލުކުރެވޭނެ އިންތިޒާމުތައް މިހާރުން މިހާރަށް ހަމަޖައްސަވައި ދެއްވުމަށްވެސް ކޯލިޝަނުން ވަނީ ގޮވާލާފައެވެ.