ހޯމް ކަރަންޓީނުވުމަށް ކޮށްފައިވާ އަމުރާ ޚިލާފްވި އިންޑިއާ މީހަކު ޖަލަށްލުމަށް މެލޭޝިޔާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

މެލޭޝިޔާގެ ދެކުނުގެ ކެޑާހް ސްޓޭޓްގެ އަލޯރް ސެތާރް މެޖިސްޓްރޭޓް ކޯޓުން އިންޑިއާ މީހާގެ މައްޗަށް ހުކުމްކުރީ 5 މަހަށް ޖަލަށްލުމަށެވެ.

މެލޭޝިޔާ ސަރުކާރުގެ ބަރްނަމާ ނޫސް އޭޖެންސީން ބުނެފައިވަނީ، އުމުރުން 57 އަހަރުގެ އިންޑިއާ މީހާއަކީ ކެޑާހް ސްޓޭޓްގައި ދިރިއުޅޭ މީހެއް ކަމަށެވެ. އޭނާއަކީ ރެސްޓޯރަންޓެއް ހިންގާ މީހެކެވެ. އޭނާގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޖުލައިމަހުގެ ތެރޭގައި އޭނާ އިންޑިއާގޮސް އެނބުރި މެލޭޝިޔާއަށް ދިއުމުން 14 ދުވަހު ކަރަންޓީނުގައި ހުރުމަށް މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން އޮތީ އަމުރުކޮށްފައެވެ.

ނަމަވެސް، ކަރަންޓީނުވުމަށް ކޮށްފައިވާ އަމުރާ ޚިލާފްވެ އަދި އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އޭނާގެ ފަރާތުން އިތުރު އެތައްބަޔަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ބަރްނަމާއިން ބުނެފައި ވެއެވެ.

މިމައްސަލާގައި އިންޑިއާ މީހާގެ މައްޗަށް އުފުލުނު ކަރަންޓީނުވުމުގެ އަމުރާ ޚިލާފްވުމުގެ 4 ދައުވާވެސް އޭނާގެ މައްޗަށް ސާބިތުވެ 5 މަހަށް ޖަލަށްލާން ކޯޓުންވަނީ ހުކުމްކޮށްފައެވެ.

ޖަލަށްލުމުގެ ހުކުމުގެ އިތުރުން، 12،000 ރިންގިޓް (2،864 އެމެރިކާ ޑޮލަރުން) ޖޫރިމަނާވެސް ކޮށްފައި ވެއެވެ.

ޖަލަށްލުމަށާއި، ޖޫރިމަނާކުރުމަށް ހުކުމްކުރި އިންޑިއާމީހާއަށް މިވަގުތު ގެންދަނީ ކެޑާހް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.

އެހެންކަމުން، އެމީހާގެ މައްޗަށް ހުކުމްކުރީ ހޮސްޕިޓަލުގައި ބޭއްވި ކޯޓުގެ ޚާއްސަ ޝަރީއަތަކަށް ފަހުގައި ކަމަށް ބަރްނަމާ ނޫސް އޭޖެންސީން ބުނެފައި ވެއެވެ.