• އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 83 ދިވެހިން
  • ވޭތުވެދިޔަ 24 ގަޑިއިރު ބަލިން ފަސޭހަވެފައިވަނީ 36 މީހުން
  • ހޮސްޕިޓަލްތަކުގައި ފަރުވާދޭ މީހުންގެ އަދަދު 156 އަށް
  • މިވަގުތު މޮނިޓަރިންގައި އެއްވެް ރަށެއްނެތް

ރާއްޖެއިން އިތުރު 128 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓްގައި ބުނެފައިވަނީ، އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އަލަށް 143 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 83 ދިވެހިންނާއި، ބަނގްލަދޭޝްގެ 35 މީހުންނާއި، އިންޑިއާ 4 މީހުންނާއި، ނޭޕާލް 2 މީހުންނާއި، ސްރީލަންކާގެ 4 މީހުންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 127 މީހުން ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. އަނެއް މީހާ ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށަކަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 5،494 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ފަސޭހަވެފައިވަނީ 36 މީހުން ކަމަށެވެ.

އެޗްޕީއޭއިން މިރޭ ބުނެފައިވަނީ، މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 2.553 މީހުން ކަމަށެވެ.

އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 156 މީހަކަށް ގެންދަނީ ފަރުވާ ދެމުންނެވެ.

ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި، މިވަގުތު އެކްޓިވް ކޭސަސްތައް ތިބި ރަށްތަކުގެ ތެރޭގައި ހިމެނެނީ؛ ހއ. ކެލާ، ހއ. އިހަވަންދޫ، ހއ. ފިއްލަދޫ، ހދ. ނައިވާދޫ، ރ، ހުޅުދުއްފާރު، ބ. ކަމަދޫ، ބ. ކުޑަރިކިލު، ޅ. ހިންނަވަރު، ޅ. ނައިފަރު، ކ. މާފުށި، ކ. ތުލުސްދޫ، ވ. ފުލިދޫ، ފުވައްމުލައް ސިޓީގެ އިތުރުން، އައްޑޫ ސިޓީ ހިތަދޫއާއި، ފޭދޫއެވެ.

ރާއްޖޭގެ ރިސޯޓްތަކުގެ ތެރެއިން 8 ރިސޯޓެއްގައި އެކްޓިކް ކޭސްތައް ތިބިއިރު، ރިސޯޓްތަކުން ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 6 ފަތުރުވެރިންނާއި، 12 ސްޓާފުންނެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މިވަގުތު މޮނިޓަރިންގައި އެއްވެސް ރަށެއް ނެތްކަމަށެވެ.