• މިއީ، ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރަން އަޅާ ފިޔަވަޅެއް: ޔޫއޭއީ

ޔުނައިޑެޓް އަރަބް އެމިރޭޓްސް، ޔޫއޭއީއާއި، އިސްރާއީލާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ހަދައިފިއެވެ.

މިއީ، އެމެރިކާގެ ރައީސް ޑޮނަލްޑްގެ އިސްނެންގެވުމަށް ވެވުނު އެއްބަސްވުމެކެވެ.

މިކަމާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި އެމެރިކާގެ ރައީސް ވިދާޅުވެފައިވަނީ، މިއީ އެމެރިކާގެ ދެ އެކުވެރިން ދެމެދުގައި ވެވުނު ވަރަށް ތާރީޚީ ސުލްހައިގެ އެއްބަސްވުމެއް ކަމަށާއި، މިއީ ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް ކަމަށެވެ.

އިސްރާއީލާއި، ޔޫއޭއީއާ ދެމެދު ދެކެވުނު ވާހަކަތަކަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި، އަބޫދާބީގެ ވަލީއަހުދު ޝައިޚް މުހަންމަދު ބިން ޒައިދު އަލް-ނަހްޔާންއަށް ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ.

އަދި އެއަށްފަހު، ޓްރަމްޕާއި، ނަތަންޔާހޫއާއި މުހަންމަދު ބިން ޒައިދު ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލާއި ޔޫއޭއީއާ ދެމެދު ފުރިހަމަ އާދައިގެ ގުޅުމަކަށް ދިއުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.

މި ވެވުނު އެއްބަސްވުމުގެ ދަށުން، އިސްރާއީލާއި، ޔޫއޭއީއާ ދެމެދު ސިޔާސީގުޅުން ގާއިމްކުރުމަށްޓަކައި ދެ ގައުމުގެ ވަފުދުތައް ވަރަށް އަވަހަށް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ސިޔާސީ ގުޅުން ގާއިމްކުރުމުގެ އިތުރުން، އިންވެސްޓްމަންޓާއި، ޓޫރިޒަމް، ސީދާ ފްލައިޓްތައް، ސަލާމަތީ ކަންކަން އަދި އެމްބަސީތައް ގާއިމްކުރުމާ ގުޅޭގޮތުންވެސް ވަފުދުންތަކުން މަޝްވަރާތައްކޮށް ގޮތްތަކެއް ނިންމާނޭ ކަމަށް ބުނެފައި ވެއެވެ.

ޔޫއޭއާއެކު ސުލްހައިގެ އެއްބަސްވުމެއް ވެވުމުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވަނީ މިއީ، އިސްރާއީލަށް ވަރަށް ތާރީޚީ ދުވަހެއް ކަމަށެވެ.

ވައިޓްހައުސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ސަރަހައްދުގެ މުސްލިމް އަވަށްޓެރި އެހެން އެކުވެރިންނާއެކު ސުލްހަ ގާއިމްކުރުމުގެ އިތުރު މަސައްކަތްތަކެއް ކުރިއަށް އެބަހުރި ކަމުގެ އިޝާރާތެއް ކުރައްވާފައެވެ. ނަމަވެސް ވިދާޅުވީ، މިވަގުތު އެވާހަކަ ހާމަކުރައްވަން ބޭނުންފުޅު ނުވާކަމަށެވެ.

އިސްރާއީލާއެކު ސިޔާސީގުޅުން ގާއިމްކުރަން ޔޫއޭއީން ސުލްހައިގެ އެއްބަސްވުމެއް ހެދިއިރު، އިސްލާމީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އިސްރާއީލާ މިހާތަނަށް ގުޅުން ގާއިމްކޮށްފައިވަނީ މިސްރާއި، އުރުދުންއިން އެކަންޏެވެ.

އިސްރާއީލާއެކު ސުލްހަވާން ޔޫއޭއިން އެއްބަސްވުމެއް ހެދުމުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްގެ ތަރުޖަމާނެއް ވިދާޅުވެފައިވަނީ، މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް މަގުފަހިވާ ކޮންމެ އިސްނެގުމަކަށް ސެކްރެޓަރީ ޖެނެރަލް މަރްހަބާކިޔާ ކަމަށެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން ވަނީ ޔޫއޭއީގެ ނިންމުން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ބުނެފައިވަނީ، ޔޫއޭއީން މިކުރާ ކަމަކީ ފަލަސްތީނު ރައްޔިތުންގެ ފަހަތުގައިއޮވެ ފަލަސްތީނު މީހުންގެ ބުރަކަށްޓަށް ވަޅިހެރުން ކަމަށެވެ. އަދި ބުނެފައިވަނީ، ޔޫއޭއީގެ އެއްބަސްވުމަކީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް އިސްތިއުމާރުކޮށްގެން ހިންގާ ޖަރީމާތަކަށް ދިން އިނާމެއް ކަމަށެވެ.

ފަލަސްތީނު ސަރުކާރުގެ އިސް ބޭފުޅެއްކަމަށްވާ ހަނާން އަޝްރާވީ ކުރެއްވި ޓްވީޓެއްގައި ޔޫއޭއީގެ ނިންމުން ކުށްވެރި ކުރައްވައި ވިދާޅުވެފައިވަނީ، ޔޫއޭއީން ކުރިންވެސް އިސްރާއީލާ ސިއްރު ގުޅުންތައް ބާއްވާ ކަމަށާއި، މިހާރު ފާޅުގައި ނުކުތީ ކަމަށެވެ.

ނަމަވެސް، ޔޫއޭއީން ބުނެފައިވަނީ، އެގައުމުގެ މި ނިންމުމަކީ ފަލަސްތީނުގެ އިތުރު ބިންތައް އިސްރާއީލުގެ ބައެއްގެގޮތުގައި ހެދުމަށް ކުރާ މަސައްކަތާ ކުރިމަތިލުމަށް ފުރުސަތު ހޯދުމުގެގޮތުން ކުރާ ކަމެއް ކަމަށެވެ. ޔޫއޭއީން މަސައްކަތް ކުރަނީ ދެދައުލަތުގެ ހައްލަށް ކަމަށްވެސް ބުނެފައި ވެއެވެ.

ޔޫއޭއީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަންވަރު ގަރްގަޝް ވަނީ، މަޝްވަރާގެ މޭޒުދޮށަށް އައުމަށް އިސްރާއީލާއި ފަލަސްތީނަށްވެސް ގޮވާލައްވާފައެވެ.

ޔޫއޭއީއާއެކު ވެވުނު އެއްބަސްވުމާއެކު، ހުޅަނގު އައްސޭރީގެ ބިންތައް އިސްރާއީލުގެ ބައެއްގެގޮތުގައި ހެދުމުގެ ޕްލޭން އިސްރާއީލުން ހުއްޓާލާނެ ކަމަށް ވައިޓްހައުސްއިން އިޢްލާންކޮށްފައި ވެއެވެ.

ނަމަވެސް، ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ހަދާފައިވާ ހުރިހާ ބިންތަކެއް އިސްރާއީލުގެ ބިންތަކެއްގެ ގޮތުގައި ހެދުމަކީ ނަތަންޔާހޫގެ ކެމްޕެއިން ވައުދެކެވެ. އެހެންކަމުން، އެމެރިކާއިން އެހެން ބުނި ނަމަވެސް، ނަތަންޔާހޫ އަދި އެކަމާ ގުޅޭގޮތުން ސީދާ އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.