މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލަދޭ ބްރިޖްގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު ފޯނުން އިއްޔެ ދެއްކެވި ވާހަކަފުޅައްފަހުގައެވެ.

6.695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫޢު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށެވެ. އެގޮތުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ހަމަޖެހިފައެވެ.

"ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމުން ރާއްޖޭގެ އިޤްތިސޯދަށް އޭގެ ގިނަ ފައިދާތަކެއް ލިބި، ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ބްރިޖްގެ މަޝްރޫއަށް އިންޑިއާ ސަރުކާރުން ދެއްވާ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖްގައި ލޯން އަދި ހިލޭ އެހީގެ ކޮމްޕޯނަންޓް ހިމެނޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.