މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ވެސަލް މޮނިޓަރިންގް ސިސްޓަމް ހަރުކޮށް އުޅަނދު ހަރަކާތްތެރިވަމުންދާ ސަރަޙައްދު ވަގުތުން ޓްރެކްކޮށް ބެލުމަށްޓަކައި ގާއިމްކުރެވޭ ނިޒާމްގެ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއު އަކީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވޯލްޑް ބޭންކްގެ އެހީގައި، އެ ބޭންކްގެ "ސަސްޓައިނަބަލް ފިޝަރީޒް ރިސޯސަސް ޑިވޮލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ލައިސަންސް ލިބިފައިވާ މަސްވެރިކަން ކުރާ އުޅަނދުފަހަރުގެ ތެރެއިން މިކަމަށް އެދި ހުށައަޅާ އުޅަނދުތަކުގައި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ހިމެނޭ ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކުރުމުގެ މަސައްކަތް އުރީދޫ މޯލްޑިވްސް އާއެކު ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ވެސަލް މޮނިޓަރިންގް ސިސްޓަމް ހަރުކުރުމުގެ މި މަޝްރޫޢުއަކީ މަސްވެރި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ބައިނަލްއަގުވާމީގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެމަތިން ދިވެހި މަސްވެރިކަމަކީ ބެލެހެއްޓޭ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދާ މަސްވެރިކަމަކަށް ހެދުމަށްޓަކައި ފަށާފައިވާ މަޝްރޫއެއް ކަމަށް ފިޝަރީސް މިނިސްޓްރީން ބުނެއެވެ.

ފިޝަރީސް މިނިސްޓްރީން ބުނީ ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުކުރުމުގެ ފުރަތަމަ ފިޔަވަހީގެދަށުން ޑިވައިސް ހަރުކުރުމަށް ހަމަޖެހިފައިވަނީ ލައިސަންސް ލިބިގެން ދޮށީގެ މަސްވެރިކަމުގައާއި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގައި ކަމަށެވެ.

އެހެންކަމުން، ލައިސަންސް ނަގައިގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުން މި ޚިދުމަތުގައި ރެޖިސްޓަރީ ވުމަށް މިމިނިސްޓްރީގެ ވެބްސައިޓްގައި މިކަމަށް ކަނޑައަޅާފައިވާ ފޯމު ފުރުމަށްފަހު އެލިންކްގައި ބަޔާންކޮށްފައިވާ އޫރީދޫގެ އީމެއިލް އެޑްރެސްއަށް ފޮނުވުމުން ރަޖިސްޓްރީ ކުރެވޭނެ ކަމަށް ފިޝަރީސް މިނިސްޓްރީން ބުނެއެވެ.