މުޖުތަމައުގައި ފަރުދީ ޒިންމާ ނެތިގެންދިއުމަކީ އެބަޔަކަށް ކުރިމަތިވާނެ އެންމެ ބޮޑު މުސީބާތް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ޒިންމާ ނެގުމާއި ގުޅޭގޮތުން ނަސޭހަތްތެރިވެފައި ވާއިރު، އިންސާނާގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުތައް ނުވަތަ ޒިންމާތައް ފުރިހަމައަށް އަދަކޮށްގެން މެނުވީ އޭނާ ދުނިޔެއަށް ފޮނުވި މަގުސަދު ހާސިލްނުވާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އަދި މީސްތަކުންގެ ހަޔާތުން ފަރުދީ ޒިންމާގެ އިހުސާސް ފިލައިގެން ދިއުމަކީ އެބަޔަކަށް ކުރިމަތިވާނެ އެންމެ ބޮޑު މުސީބާތް ކަމަށް ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

ފަރުދީ ޒިންމާގެ މަތިން އިންސާނާ ހަނދާން ނެތޭ ކޮންމެ ވަގުތަކީ އޭނާ ދުނިޔެއަށް ވުޖޫދުވި މަގުސަދުއޮޅި، ހަޔާތުގެ މިސްރާބު ހަމަ މަގުން ނެއްޓިގެންދާ ވަގުތެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އަދި މުޖުތަމައެއްގައި ފަރުދީ ޒިންމާ ނެތިގެން ގޮސްފިނަމަ އެބައެއްގެ ތެރޭގައި އޮތް އިންސާނީ ކަރާމާތް ގެއްލި، ދީނާއި ދުނިޔަވީ އަސާސްތައް ފުނޑުފުނޑުވެ، އަޚްލާގީ ސިފަތައް ނެތިވެ، މުޖުތަމައުގެ އަމަންއަމާންކަން ގެއްލި، އިގްތިސާދީގޮތުން އަނގަވަޅަކަށް ވެއްޓިގެން ހިނގައިދާނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

މީގެއިތުރުން މަސްއޫލިއްޔަތާއި ޒިންމާގެ ތެރެއިން އެންމެ މުހިއްމު ޒިންމާއަކީ ފަރުދީ ޒިންމާކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ އިންސާނާކުރާ ކޮންމެ ކަމަކާމެދު އޭނާ ޒިންމާ ވާންޖެހޭނެ ކަމަށެވެ.

މުސްލިމު އަޚުންނޭ! މަސްއޫލިއްޔަތާއި ޒިންމާގެ ވައްތަރުތަކުގެ ތެރެއިން އެންމެ މުހިއްމު ޒިންމާއަކީ ފަރުދީ ޒިންމާ. އިންސާނާ ކުރާ ކޮންމެ ކަމަކީ، ބުނާ ކޮންމެ ބަހަކީ، ކުރާ ކޮންމެ ހަރަކާތަކީ، އަޅާ ކޮންމެ ފިޔަވަޅަކީ، އެއާ މެދު އޭނާ ޒިންމާވާންޖެހޭ ކަމެކެވެ. ކީރިތި ގުރުއާނުގެ އެތައް ތަނެއްގައި މި ހަގީގަތް ތަކުރާރުކުރައްވާފައިވެއެވެ.
ހުތުބާ

މީގެއިތުރުން ގިޔާމަތް ދުވަހުން އެއްވެސް މީހަކަށް އަނެކާ ކުށްވެރި ކޮށްފައި އަމިއްލަ ނަފްސުގެ ނުބައި އަމަލުތަކުން ބަރީއަ ވެވޭކަށް ނޯންނާނެ ކަމަށާއި، ކޮންމެ މީހަކުވެސް ޖަވާބުދާރީ ކުރެވޭނީ އެމީހެއްގެ ފަރުދީ ޒިންމާއާ މެދުގައިކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުން މަތީ ދެމިތިބުމަށް ހުތުބާގައި އިލްތިމާސްކޮށްފައި ވެއެވެ.