ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ބުނީ މި ފަހަކަށް އައިސް ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހޯދުމަށް އާންމު ފަރާތްތަކުން ބައެއް އިދާރާތަކަށް ހުށަހަޅަމުން އަންނަކަން ފާހަގަ ކުރެވޭކަމަށެވެ.

އެ ފަދަ މައުލޫމާތަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހާމަކުރަންޖެހޭ މައުލޫމާތަކަށް ވާތީ، ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް، މުވައްޒަފުންގެ މުސާރަ އާއި ޢިނާޔަތްތައް ވަކިވަކިން އެނގޭނެ ގޮތަށް އެ އިދާރާއެއްގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އާންމު ސިޓީއެއް ދައުލަތުގެ ހުރިހާ އިދާރާތަކަށް ފޮނުވާފައިވާކަމަށް އެ އޮފީހުން ބުނެއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް އެ އިދާރާއެއްގެ އެންމެހާ މުވައްޒަފުންނަށް ވަކިވަކިން ދެވޭ މުސާރަ އާއި ޢިނާޔަތް، އަހަރަކު އެއް ފަހަރު ނުވަތަ އެ އިދާރާއަކުން ކަނޑައަޅާ އެއަށް ވުރެ އަވަސް މުއްދަތެއްގައި އަމިއްލަ އިސްނެންގެވުމުގެ މަތިން ޝާއިޢުކުރަންޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.