ބޮޑެތި ނުރައްކާތެރި ކުށްވެރިން ބެލެހެއްޓުމަކީ ވަރަށް ނުރައްކާތެރި ވަޒީފާއެއްކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުއްﷲ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޖަލު ބެލެހެއްޓުމުގެ ނިޒާމަށް މިއަދު 49 އަހަރު ފުރުމާ ގުޅިގެން ދެއްވި ޚާއްސަ މެސެޖްގައި މިނިސްޓަރ އިމްރާން ވިދާޅުވީ ކުށްވެރިން ބެލެހެއްޓުމުގެ ޒިންމާއަކީ ވަރަށް ބުރަ ޒިންމާއެއްކަމަށާއި ކުށުގެވެށިން ރައްޔިތުން ސަލާމަތްކުރުމަށާއި ރައްކާތެރިކަމާއި އަމާންކަން ގާއިމްކޮށްދިނުމުގެ ބުރަ މަސައްކަތުގައި ކަރެކްޝަނަލް ސާރވިސްގެ އޮފިސަރުން އަދާކުރައްވަނީ ވަރަށް ބޮޑު ޒިންމާއެއްކަމުގައެވެ.

ކޮންމެ ދުވަހަކު ނުރައްކާތެރި ކުށްވެރިން ބެލެހެއްޓުމުގައި ކަރެކްޝަންސްގެ އޮފިސަރުން އެމީހުންގެ ނަފްސު ނުރައްކަލަށް ހުށަހަޅާ އެ ކުރައްވާ ބުރަ މަސައްކަތަކީ އޭގެ އަގު އެންމެ ފުރިހަމަ ގޮތުގައި ވަޒަންކުރާ ކަމެއްކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުށްވެރިން ރިހިބިލިޓޭޓްކޮށް މުޖުތަމަޢުއަށް ރަގަޅު މުޖުތަމަޢުގެ އަހުލުވެރިންގެ ގޮތުގައި ކަރެކްޝަންސްގެ ފަރާތުން ކުރަމުންދާ މަސައްކަތްތައް ހަރުދަނާ ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ކުރީގެ ފަލްސަފާއަށްބަލާއިރު ކުށްވެރިން ބެލެހެއްޓުމުގެ ފަލްސަވާ މިވަނީ ބަދަލުވެފައި. މިއަދު އިންސާނީ ހައްޤަށް ކަރާމާތަށް ރައްކާތެރިވެ ތިބެ ކުށްވެރިން ބަލަހައްޓަމުންދާއިރު އެމީހުން ރިހިބިލިޓޭޓްކޮށް އާންމު މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށީގެންވާ ގޮތުގައި އެމީހުން ރިހިބިލިޓޭޓްކޮށް ނެރުމަކީ މިއަދުގެ ފަލްސަފާ. ޖަލުގެ ވަސީލަތްތައް އިތުރަށް ފުރިހަމަކޮށް ކަރެކްޝަންސް އޮފިސަރުންގެ ޓްރެއިނިންގ އިތުރަށް ފުރިހަމަ ކުރުމަކީ އަޅުގަނޑުމެންގެ އުންމީދު. އެކަމަށް ކުރެވޭ މަސައްކަތުގައި ކަރެކްޝަންސްގެ މިއަދުގެ ލީޑަރޝިޕުން ސަރުކާރާއި އެކުގައި ދެއްވާ އެއްބާރުލުމަށް އަޅުގަނޑުމެން މަރުހަބާކިޔަން.
މިނިސްޓަރ އިމްރާން

މިނިސްޓަރ އިމްރާން ވިދާޅުވީ މިހާރު ކުރެވެމުންދާ ގިނަ މަސައްކަތުގެ ނަތީޖާއަކީ ކުށުގެވެށި ރާއްޖޭގެ މި ކުޑަކުޑަ މުޖުތަމަޢު ސަލާމަތްކުރުމަށް އެޅިގެންދާ ހަރުދަނާ ފިޔަވަޅުތަކަށް ވާނެކަމަށް އުންމީދުކުރައްވާކަމަށާއި މިއަހަރުގެ ތެރޭގައި ޖަލުގެ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ރާވާފައިވާ ޕްރޮގްރާމްތައް ފުރިހަމަވެގެންދާއިރު އޮފިސަރުންނަށް މަސައްކަތްކުރުމަށް ފަސޭހަ މާހައުލު ގާއިމްކުރެވި ހިންގޭ ޕްރޮގްރާމްތަކުގެ ނަތީޖާއެއްގެ ގޮތުން ގައިދީން ރިހިބިލިޓޭޓްކުރެވި ހެޔޮލަފާ މުޖުތަމަޢުއަކަށް ނެރެވޭނެ ގޮތަށް ގައިދީން ތަމްރީނު ކުރެވޭނެކަމަށެވެ.

މިއަދުގެ މުނާސަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ދެއްވި މެސެޖްގައި ވިދާޅުވީ ކަރެކްޝަނަލް ސާރވިސްއަކީ އަމަން އަމާންކަމަށާއި އިޖުތިމާޢީ އަދާލަތު ގާއިމްކުރުމުގައި ވަރަށް މުހިންމު އިދާރާއެއްކަމަށާއި އެއީ އަދުލު އިންސާފު ގާއިމްކުރުމާއި ގާނޫނު ތަންފީޒުކުރުމުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ އިދާރާއެއްކަމަށެވެ.

އަދި ގައިދީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ އެމީހުންގެ ހައްޤުތައް ލިބިދިނުމާއިއެކު ތައުލީމާއި ތަމްރީނުދީގެން ބޭނުންތެރި ބައެއްގެ ގޮތުގައި އަލުން އަނބުރާ މުޖުތަމަޢުއަށް ނެރެދިނުމަށް ކޮންމެ ދުވަހަކު ކުރަމުންދާ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް އެ އިދާރާގެ އެންމެހާ އޮފިސަރުންނަށާއި ހުރިހާ މުއައްޒަފުންނަށް ވަނީ ޝުކުރު ދަންނަވާފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދުފުޅު ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއަކީ މީހުން ބަންދުކޮށްގެން ގެންގުޅުމުގެ ޒިންމާއިން ވީއްލި މީހުން ރިހިބިލިޓޭޓްކުރުމުގެ ޚާއްސަ މަސްއޫލިއްޔަތު ގާނޫނަކުން ލާޒިމްކުރުމާއިއެކު އެ މުއައްސަސާވެގެންދަނީ ވަރަށް މުހިންމު މަސްއޫލިއްޔަތެއް އަދާކުރާ މުއައްސަސާއެއްގެ ގޮތުގައިކަމަށެވެ.

މި މަސައްކަތް ހާސިލްކުރުމަށްޓަކައި އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ ޖަލުގައި ތިބޭ މީހުންނަކީ މުޖުތަމަޢުއަށް ފައިދާކުރާ މީހުންގެ ގޮތުގައި ރިހިބިލިޓޭޓްކުރެވި، އަލުން އަނބުރާ މުޖުތަމަޢަށް ގެންދެވޭ މީހުންކަމުގައި ހެދުންކަމަށާއި މި މަޤްސަދު ހާސިލްކުރުމަށްޓަކައި ގުޅުންހުރި ހުރިހާ ދާއިރާތަކެއްގެ އެހީތެރިކަން ބޭނުންވާކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އެހާ ކުލަގަދަކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އަހަރީ ދުވަސް ފާހަގަ ނުކުރެވުނު ނަމަވެސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި ކަނޑައަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކާއެކު ބައެއް ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިގޮތުން އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ ޖަލެއްގައި އޮފިސަރުންނާއި މުވައްޒަފުން ޖަމާއަތުގައި ފަތިސް ނަމާދުކުރުމާއި ޚާއްސަ ދުޢާއެއް ވަނީ ކޮށްފައެވެ.

އަދި ދިދަ ނެގުމަށްފަހު އޮފިސަރުންނަށް މެޑެލި އަދި ޝަރަފުގެ ނިޝާން ދިނުމާއި ވޭތުވެ ދިޔަ 5 އަހަރު ތެރޭގައި ގަޑި ނުޖެހި، ހާޟިރީ އެންމެ ރަނގަޅު އޮފިސަރުންނާއި މުވައްޒަފުން ފާހަގަކޮށް، އެ ފަރާތްތަކަށް ހަނދާނީ ލިޔުން ވަނީ ދީފައެވެ.

އަދި އަހަރީ ދުވަހާއި ގުޅިގެން މާފުށީ ޖަލުގެ އޮފިސަރުންނާއި މުވައްޒަފުން މާފުށީ ހިއްކި ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ޖަލުތަކުގެ އަދި ހެޑް އޮފީހުގެ އޮފިސަރުންނާއި މުވައްޒަފުން ދެ ދުވަހަކަށް ބަހައިގެން ލޭ ހަދިޔާ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.