އަހަރެން ޅަ އިރު އުޅުނީ ވަރަށް ސިޔާސަކޮށްނެވެ. އަވަށުކުދިންނާއި އެކީ ސަކަރާތްޖަހާ، ކުޅެ މަޖާކުރުން އެއީ ކިޔެވުމަށްވުރެ އަހަރެން އިސްކަންދިން ކަންތަކެވެ.
ގޭގައި ހޭދަކުރާވަގުތުތަކަށްވުރެ ރައްޓެހިންނާއި އެކީ ބޭރުގައި އުޅޭ ވަގުތުގިނަވާނެއެވެ. މަންމަ ކަންބޮޑުވަނީ އަހަރެންގެ ހަލަބޮލިކަމާއި، ސިޔާސަކަމުން ނުކިޔެވިދާނެތީއެވެ. އެކަމާ ބެހޭގޮތުން އެތައް ފަހަރަކު ވާހަކަވެސް ދައްކައިފިއެވެ. ނަމަވެސް އެއީ އެއްވެސް ވަރަކަށް އަހަރެން ކަންބޮޑުވިކަމެއް ނޫނެވެ.
ގްރޭޑް އެކަކުން ފެށިގެން ފަހަކާ ހަމައަށް އަހަރެން ހުރީ އަހަރެންގެ ގޮތުގައެވެ. ހަމައެހެންމެ، ބޮޑުވާވަރަކަށް އަހަރެންދެކެ ޖެހިލުންވާ މީހުންނާއި، ކުދިން ތިބުން އެއީ އަހަރެންގެ މި އުޅުމަށް ބަދަލުގެންނަން ބޭނުން ނުވި ސަބަބެކޭވެސް ބުނެވިދާނެއެވެ.
އަހަރެން ކިޔަވަމުންދިޔައީ ކ. އަތޮޅު މަދަރުސާގައެވެ. ގްރޭޑް ހަޔަކަށް ބަދަލުވި އިރުވެސް ކުރިން ކިޔެވި ގްރޭޑްތަކުގައި އުޅުނު ކުދިން އަހަރެންގެ ކްލާހުގައި ތިއްބެވެ. އޭގެ ތެރޭގައި ފިރިހެންކުދިންނާއި އަންހެންކުދިންވެސް ހިމެނެއެވެ. އާންމުގޮތެއްގައި، މި އުމުރުފުރާއަކީ ބަދަލުތަކެއް އަންނަ އުމުރުފުރާއެކެވެ. އަހަރެންގެ ރަހްމަތްތެރިންގެ ތެރެއިން ގިނަ ކުދިން ''ބިޓުން''ވެސް ނަގައިފިއެވެ. އެކަމަކު އެއީ އަހަރެން ވިސްނާފައިވާކަމެއް ނޫނެވެ. އަޅުވާކިޔުމާއި، ދިމާކުރުން އަހަރެންގެ ރަހްމަތްތެރިންގެ ތެރޭގައި އޮތަސް، އަހަރެންގެ ހިތުގައި އެއްވެސް ކުއްޖަކާ މެދު ޚާއްސަކަމެއް އަދި މިވީހާތަނަށް ނުދެވެއެވެ.
ކްލާހާއި، ރަށުތެރޭގައިވެސް އަހަރެން މަޝްހޫރުވެފައިވަނީ ''ބޭބެ''ގެ ނަމުގައެވެ. އެހެންކަމުން އަހަރެންދެކެ ޖެހިލުންވާވަރުން ހުރިހާ އަންހެންކުދިންވެސް އަހަރެންނަށް ކިޔަނީ ބޭބެއެވެ. އެހެން ނުކިޔާ ކުއްޖެއްނަމަ އެކުއްޖަކު އަހަރެންނަށް ބޭބެ ކިޔުއްވާފައިނޫނީ އެހުރިތަނަކުން އަހަރެން ނުދަމެވެ. އަހަރެންގެ ނަން އިވުމުން އެންމެން ޖެހިލުންވާތަން ފެނުމުން އަހަރެން ހިތްހަމަ ޖެހެއެވެ. އަހަރެންގެ ރަހުމަތްތެރިންގެ ތެރޭގައި އަހަރެން މަޝްހޫރީ އެހެންވެގެންކަމަށްވެސް ވެދާނެއެވެ.
މިއީ އަހަރެންގެ ކުރުތަޢާރަފެކެވެ. ނަމަވެސް އެއްވެސް ތީޗަރަކަށް މިހާތަނަށް އަހަންނާއި ބޭހޭގޮތުން އެއްވެސް ޝަކުވާއެއް ކުރާނެ ޖާގައެއް އަހަރެން ނުދެމެވެ.
ކިޔެވުމުގެ އެއްވެސް ޝައުޤުވެރިކަމެއް ނެތަސް، ބަރާބަރަށް ހޯމްވޯކް ހަދާ، ކްލާހުގައި ދޭ ފިލާވަޅު ފޮތަށް ނަގާފައި ހުންނަކަން އަބަދުވެސް ޓީޗަރުން ފާހަގަކުރެއެވެ.
ހުރިހާ ޝުކުރެއް އަހަރެންނާއި އެކީ ޖެހިޖެހިގެން ތިން އަހަރު އެއް ކްލާހެއްގައި އުޅޭ ޝިއުނާއަށެވެ. އަހަރެންގެ ފިލާވަޅުތައް ނަގާދީ، ހޯމްވޯކްހަދާ، މީގެ އިތުރަށް އަހަރެންގެ ފޮތްތައް ސްކޫލަށް ގެންދިޔުމަކީ ޝިއުނާއާ ހަވާލުކުރެވިފައިވާ މަސައްކަތެކެވެ.
ޝިއުނާއަކީ ކްލާސްތެރޭގައި މަޑުމަޑުން އިންނަ އަންހެންކުއްޖެކެވެ. އެހެންކުދިންނެކޭ އެއްފަދައިން ދިލްމާވެސް އަހަރެންދެކެ ޖެހިލުންވާކަން އަހަންނަށް އެނގެއެވެ. އަހަރެން އޭނާއާއި ހަވާލުކޮށްފައިވާ ކަންތައް އެހާ ފުރިހަމައަށް އޭނާ ކުރަމުންދަނީ އެހެންވެގެންނެވެ.
ރަށު ސްކޫލުން ގްރޭޑް ދިހައެއް ނިންމީމެވެ. ނަމަވެސް އޯލެވެލް އިމްތިހާނުގައި ބައިވެރިނުވެ، އައީ މާލެއަށެވެ.
މާލެއައުމަށްފަހު އަހަރެން ވަޒީފާއެއް ހޯދުމަށް މަސައްކަތް ފެށީމެވެ. އެންމެ ފަސޭހައިން،ލިބޭ އަދި ރަގަޅު ވަޒީފާއެއްގެ ގޮތުގައި އޭރު ލިބެން އޮތީ ސިފައިންގެ ވަޒީފާއެވެ. އެހެންކަމުން އެ ވަޒީފާއަށްވެސް ކުރިމަތިލީމެވެ. އޭރު އަހަރެން ދިޔައީ ކުންފުންޏެއްގައި ޑްރައިވަރެއްގެ ވަޒީފާވެސް އަދާކުރަމުންނެވެ.
އެހެންނަމަވެސް މީހުން ބަލައިގަންނަ މީހަކަށްވުމަށްޓަކާ އަހަރެން މިއަށްވުރެ ރަގަޅުވަޒީފާއެއް އަދާކުރަންޖެހޭ ކަން ވިސްނުނީއެވެ.
ނަސީބުކަންދިމާކުރިގޮތުން ވަޒީފާއަށް ކުރިމަތިލިތާ ހަފްތާއެއްގެ ތެރޭގައި އިންޓަރވިއުއަށް އެންގިއެވެ. އަހަރެން ވަރަށް އުފަލުން ހުރެ ދިޔައީމެވެ.
ނަމަވެސް ހީކުރި ގޮތާ ޚިލާފަށް އަހަރެންނަށް ވަޒީފާ ލިބޭ ގޮތެއް ނުވިއެވެ. އޯލެވެލް ސެޓްފިކެޓް ނެތީމައެވެ.
އަނެއްކާވެސް އިތުރު ހިތްވަރަކާއެކު ރަށަށް ދިޔައީމެވެ. އޯލެވެލްއަށް ފައިސާވެސް ދައްކާފައިވުމާއިއެކު ވަރަށް ފަސޭހައިން ޓެސްޓްގައި ބައިވެރިވެވުނެވެ.
ކުރި ބުރަ މަސައްކަތުގެ ނަތީޖާ ވަރަށްވެސް ފޮންޏެވެ. އޯލެވެލްއިންވެސް ފާސްވިއެވެ. އަނެއްކާވެސް އަހަރެން ބޭނުންވާ ވަޒީފާއަށް ކުރިމަތިލާން ވީއެވެ. އެ ހުވަފެން ހަޤީޤަތަށް ހަދަން މަސައްކަތް ފެށީމެވެ. ހިތްވަރާއިއެކު ކަމަކާ ކުރިމަތިލައިފިނަމަ އެކަމެއް ވާނެކަން އަހަރެން އަބަދުވެސް ޤަބޫލުކުރަމެވެ.
ވަޒީފާއަށް ކުރިމަތިލުމަށްފަހު، އިންޓަރވިއުއަށް ގުޅަންދެން އަނެއްކާވެސް އިންތިޒާރުގައި ހުރީމެވެ.
އަހަންނަކީ ވަރަށްގިނަ ކަންތައް ދަންނަ މީހަކީމެވެ. އެހެންކަމުން އެންމެ ވަގުތެއްވެސް ބޭކާރުވިޔަ އަހަރެން ނުދެމެވެ.
ރައްޓެއްސެއްގެ ގެއަށް އެގޭ ކޮމްޕިޔުޓަރގެ މަރާމާތަކަށް ދާންޖެހުނީވެސް މިކަހަލަ ގޮތަކަށް އުޅެނިކޮންނެވެ. އެއީ އަހަރެން ވަރަށް ޝައުޤުވެރިވާވެސް ދާއިރާއަކަށް ވީމައެވެ.
އެއީ އަހަރެންގެ ދިރިއުޅުން ބަދަލުކޮށްލި ދުވަހެވެ.
އެއީ އަހަރެންގެ ރަޙްމަތްތެރިޔާގެ އާއިލާގެ ބަޔަކު އެގެއަށް އައި ދުވަހެކެވެ. އެމީހުން އައީ ރަށުންނެވެ. އަހަރެން އިނީ ކޮންޕިޔުޓަރާ ދިމާލަށް އެނބުރިގެންކަމުން ބަޔަކު އަޔަސް އެހާ ވަރަކަށް އަހަންނަށް ނޭންގޭނެއެވެ. ނަމަވެސް އަހަރެމެން ތިބީ ސިޓިންގ ރޫމްގައިކަމަށްވެފައި ބަޔަކު ވަނުމުން އެނބުރި ބަލާލެވުނީއެވެ.
''ފެނުނީ ހާދަ ބޭނުންވާ ތަސްވީރެކޭ.. އަދި ހޯދަން ލޯއެދޭނެ ރީތި މޫނެކޭ.. މީތަޤުދީރުހޭ.. މީ ތަޤުދީރުހޭ...'' އަހަރެންގެ ސިކުނޑީގައި ރާގާއެކީ ކިޔަމުންދިޔައީ މިލަވައެވެ.
ހަޤީޤަތުގައިވެސް އަހަންނަށް ފެނުނީ ހާދަހާ ރީތި އަންހެންކުއްޖެކެވެ. ރީތި ހަން އޮމާން މޫނެއްގެ ވެރިއެކެވެ. ދޮންކަމުގެ މިސާލު އަހަރެން ނަގާނީ ޔޫރަޕުންނެވެ. ރާއްޖެ ކުއްޖަކު އެހާ ދޮން ވާނެކަމަކަށް ޤަބޫލުވެސް ނުކުރެވެއެވެ. އިސްކޮޅާއި ރޫފަވެސް އެހާ ރީއްޗެވެ. ހީލާއިރު، އެފެންނަ ހިތްގައިމުކަމެއް އެއީ ދެވަނަ ފަހަރަށް އެ މޫނަކަށް ނަޒަރު ހުއްޓޭނެ ފަދަ ހިތްގައިމުކަމެކެވެ.
އަހަރެން އެނބުރި ބަލަން އިނުމުން އޭނާގެ މޫނަށް އެ އެރި ޖަންބު ކުލައިން އޭނާ ލަދުގަތްކަން އަހަންނަށް އެނގުނެވެ. އަވަސް އަވަހަށް ކޮންޕިޔުޓަރާ ދިމާލަށް އެނބުރިލީމެވެ.
އެހެންނަމަވެސް އަހަރެންނަށް ފެންނަނީ ހަމަ އެ ލަދުރަކި ހިނިތުންވުމެވެ. ސިކުނޑި އަހަރެން ކުރަމުން ދިޔަ މަސައްކަތް ހުއްޓުވިއެވެ. އިތުރަށް އެއްވެސް މަސައްކަތެއް ކުރެވޭވަރެއް ނުވިއެވެ. އެހެންނަމަވެސް އެގެއިން އެހާ އަވަހަށް ދާކަށް އަހަރެން ބޭނުން ނުވިއެވެ. ކަންފަތުގައި ހަރުލާފައިވަނީ އެ އަންހެންކުއްޖާ ފެނުނު ހިނދު އިހުސާސްވި ލަވައެވެ. ފެންނަމުންދަނީ އެ ރީތި ސޫރައިގެ ވެރިޔާއެވެ.
ކަންދިމާކުރިގޮތުން އެ ރަޙްމަތްތެރިއާ އަކީ ރަށު މީހެކެވެ. އެހެންކަމުން އަހަންނަށް ތަންކޮޅެއް ގިނައިން އެގެއަށް ދިޔުމުގެ ފުރުސަތު ބޮޑުވިއެވެ.
އެއްދުވަހަކު ގެ ކައިރި ފިހާރައަކުން އަހަންނަށް މި އަންހެންކުއްޖާ ފެނުނެވެ. ނަމެއް ނޭންގެއެވެ. އެކަމަކު ފުރަތަމަ ދުވަހުވެސް އެއީ ކޮންފަދަ ރީތި މަލެއްހޭ އަހަރެންގެ ހިތަށް އެރިއެވެ.
ފިހާރާގައި ހުރި އިރުވެސް އެ ލަދުރަކިކަން އަހަންނަށް ފާހަގަވިއެވެ. އެއްވެސް ވާހަކައެއް ނުދައްކާ ދެމީހުންވެސް ފިހާރައިން ނުކުތީ އެކީގައެވެ. އެހިސާބުން އަހަރެން ވާހަކަ ދައްކަން ފެށީމެވެ. އަދި ހަމަ އެދުވަހު އަހަރެންނާ އިނދެފާނަންތޯ ސުވާލުކުރީމެވެ.
ދިލްމާ ހިނިތުންވެލާފައި އާއެކޭބުނެލިއެވެ. އެހިސާބުން އަހަރެމެންގެ ގުޅުން އާ ބާބަކުން ފެށުނެވެ.
އަހަންނަށް ދިލްމާއަކީ ކާކުކަން ނޭނގުނަސް ދިލްމާއަށް އަހަރެން ވަރަށް ރަނގަޅަށް އެނގެއެވެ. އެއީ އަހަރެން ބައެއް ހޯމްވޯކް ހަދަން ހަވާލުކުރާ ކުއްޖާއެވެ. އޭރު އޭނާ މިހާ ދޮނެއް ނޫނެވެ. އެކަމަކު އެހާ ކަޅެއްވެސް ނޫނެވެ. އަހަރެން އަޅައި ނުގަތީއެވެ. އޭރާއި މިހާރާ ބަލާއިރު ދިލްމާއަށް ވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ.
އަހަރެމެންގެ ގުޅުމާއިއެކު އަހަރެންގެ ވަޒީފާވެސް ހަމަޖެހި، ކޯހަށް ފުރަން ޖެހުނެވެ. ކޯހުގައި ހޭދަވި ހުރިހާ ވަގުތެއްގައިވެސް އަހަރެން ދިލްމާ މަތިން ވަރަށް ހަނދާންވެއެވެ. ނަމަވެސް އެހުރިހާ ދުވަހަކުވެސް ކެތްކުރީ ކެތްތެރިކަމުގެ މޭވާ ފޮނިވާނެތީއެވެ. ގާތްގަނޑަކަށް 3 ވަރަކަށް އަހަރަށްފަހު އަހަރެމެން މިއަދު މިތިބީ ރައިވެރިޔާ ރެސްޓޯރެންޓްގައެވެ.
ގާތުގައި ދެފަރާތުގެ އާއިލާއިން ހިނިތުންވުމާއި އެކު ތިއްބެވެ. މިއަދަކީ އަހަރެންގެ ހިތުގެ މާ، ދިލްމާ އަހަންނަށް މިލްކުވި ދުވަހެވެ. އެއީ އެމަލަކަށް އަހަރެންގެ ހިތް ލަނބުވާލި ހަމަ އެކަނި އަހަރެންގެ މަލެވެ. އެމަލެވެ.
-ނިމުނީ-