ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ހޯމް ކަރަންޓީނަށް ވަޑައިގެންފައި ވެއެވެ.

ޑރ. ނަޒްލާ ރަފީގު ކަރަންޓީނުވެވަޑައި ގެންނެވީ، ޑރ. ނަޒްލާއާ ބައްދަލުވެވަޑައި ގެންނެވި އާއިލީގޮތުން ތިމާގެ ބޭފުޅަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ޑރ. ނަޒްލާ ރަފީގު މިކަން ހާމަކުރެއްވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

"ގައިޑްލައިނާ އެއްގޮތަށް އަޅުގަނޑު ގޭގައި ކަރަންޓީނު ވެއްޖައިން. އަލްހަމްދުލިﷲ! އަޅުގަނޑުގެ ހާލު ރަނގަޅު" ޑރ. ނަޒްލާ ރަފީގު

ޑރ. ނަޒްލާގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، އެޗްއީއޯސީގައި ބާއްވާ ޕްރެސް ކޮންފަރެންސް ގޭގައި ހުންނަވައިގެން ކުރިއަށް ގެންދަވާނޭ ކަމަށެވެ.

ނަމަވެސް، މިރޭގެ ޕްރެސް ކޮންފަރެންސް ވަނީ ކެލްސަލްކޮށްފައެވެ.

ކޮވިޑް-19 ބައްޔާ ދެކޮޅަށް ރާއްޖޭގައި ކުރެވޭ މަސައްކަތްތައް ވިލަރެސްކުރަން ސަރުކާރުން ގާއިމްކުރި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އުވާލުމަށްފަހު ގާއިމްކުރި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނަކަށް ޑރ. ފާތިމަތު ނަޒްލާ ރަފީގު އައްޔަން ކުރައްވާފައިވަނީ މިދިޔަ ޖުލައިމަހުގެ 5 ވަނަ ދުވަހުއެވެ.

ޑރ. ފާތިމަތު ނަޒްލާ ރަފީގަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީންގެ ސީނިއަރ މެޑިކަލް އޮފިސަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

ޑރ. ފާތިމަތު ނަޒްލާ ރަފީގަކީ، ކޮވިޑް-19 ބަލި ރާއްޖެއިން ފެނުމުގެކުރިންވެސް، ބަލީގެ ހާލަތުގައި ރާއްޖެއިން އަޅާނެ ފިޔަވަޅުތަކާއި، އެކަމުގައި އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތްތަކުގައި މީޑިއާއަށް އައު މޫނެއް ނޫނެވެ. މީޑިއާގެ ވަސީލަތްތަކުން ވަރަށް ގިނައިން ފެންނަ، ގިނަ ބައެއްގެ ލޯތްބާއި މަގްބޫލްކަން ހޯއްދަވާފައިވާ ބޭފުޅެކެވެ.