• ވޭތުންދިޔަ 24 ގަޑިއިރު 90 މީހުން ބަލިން ފަސޭހަ
  • އަލަށް ޕޮޒިޓިވްވީ 78 މީހުން
  • ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 150 މީހަކަށް ފަރުވާދެނީ

ރާއްޖެއިން އިތުރު 78 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓްގައި ބުނެފައިވަނީ، އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އަލަށް 78 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 46 ދިވެހިންނާއި، ބަނގްލަދޭޝްގެ 25 މީހުންނާއި، އިންޑިއާ 4 މީހުންނާއި، ނޭޕާލް މީހަކާއި، ސްރީލަންކާގެ 2 މީހުންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 74 މީހުން ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. އަނެއް 4 މީހުން ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްރަށަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 5،572 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 90 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން މިރޭ ބުނެފައިވަނީ، މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 2،540 މީހުން ކަމަށެވެ.

މީގެތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 150 މީހަކަށް ގެންދަނީ ފަރުވާ ދެމުންނެވެ.

ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި، މިވަގުތު އެކްޓިވް ކޭސަސްތައް ތިބި ރަށްތަކުގެ ތެރޭގައި ހިމެނެނީ؛ ހއ. ކެލާ، ހއ. އިހަވަންދޫ، ހއ. ފިއްލަދޫ، ހދ. ނައިވާދޫ، ރ، ހުޅުދުއްފާރު، ބ. ކަމަދޫ، ބ. ކުޑަރިކިލު، ޅ. ހިންނަވަރު، ޅ. ނައިފަރު، ކ. މާފުށި، ކ. ތުލުސްދޫ، ވ. ފުލިދޫ، ފުވައްމުލައް ސިޓީގެ އިތުރުން، އައްޑޫ ސިޓީ ހިތަދޫއާއި، ފޭދޫއެވެ.

ރާއްޖޭގެ ރިސޯޓްތަކުގެ ތެރެއިން 9 ރިސޯޓެއްގައި އެކްޓިވް ކޭސްތައް ތިބިއިރު، ރިސޯޓްތަކުން ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި މިހާރު ހިމެނެނީ 5 ފަތުރުވެރިންނާއި، 12 ސްޓާފުންނެވެ.