ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޖަރުމަނުގެ ބަޔާން މިއުނިކް އާ ދެކޮޅަށް ކުޅެ ސްޕެއިންގެ ބާސެލޯނާ ހިއްދަތި ގޮތަކަށް ބަލިވެ މުބާރާތަށް އަލްވަދާޢު ކިޔައިފިއެވެ.

ޕޯޗުގަލްގެ ލިޒްބަންގައި ކުޅުނު މެޗުން ބާސާގެ މައްޗަށް ބަޔާން ކުރިހޯދީ 8-2 ގެ ނަތީޖާ އަކުންނެވެ.

މުޅި މެޗު ކޮންޓްރޯލް ކޮށް މޮޅަށް ކުޅުނު ބަޔާން އިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ މެޗުގެ މެޗުގެ 4 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކާ ބަޔާން އަށް 2 ލަނޑު ކާމިޔާބު ކޮށްދިން ތޯމަސް މުލާއެވެ. އެހެންނަމަވެސް އޭގެ ތިން މިނެޓު ފަހުން ބާސާ ކުޅުންތެރިއަކު ނަގާދިން ހުރަހެއް އޭރިއާ ތެރެއިން ބަޔާންގެ ޑިފެންޑަރު އަލަބާ ދިފާއު ކުރަން އުޅުމުގެ ތެރޭގައިވަނީ ބައިކޮޅަށް ގޯލްގެ ތެރެއަށް ވަދެފައެވެ.

މި ލަނޑަށްފަހު އަނެއްކާވެސް އާ ފެށުމަކުން ކުޅުން ރަނގަޅުކޮށް ބަޔާން އިން ވަނީ މެޗުގެ 21 ވަނަ މިނެޓުގައި އަލުން ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕެރިސިޗް އެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓާ މެޗު ޑޮމިނޭޓް ކުރީ ބަޔާން އިންނެވެ. ނަތީޖާއަކަށްވީ މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި އިތުރު 2 ލަނޑު އެޓީމުން ކާމިޔާބު ކުރުމެވެ. މި 2 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން މުލާ އާއި ޖްނަބްރީ އެވެ.

ދެވަނަ ހާފު ބާސާއިން ފެށީ ކުޅުން ރަނގަޅުކޮށް މޮޅުވުމުގެ އުންމީދުގައެވެ. ރަނގަޅު އޯގަނައިޒްޑް އެޓޭކްތަކެއް ނުފެނުނު ނަމަވެސް ކޮންމެސް ވަރަކަށް ބަޔާންގެ ގޯލަށް ބާސާއިން ނުރައްކާ ކުރިއެވެ. އެގޮތުން 57 ވަނަ މިނެޓުގައި ވަރަށް ރީތިކޮށް ބާސާގެ ކުޅުންތެރިއެއް ކައިރިން ބޯޅަ ނައްޓާލުމަށްފަހު ލުއިސް ސުއަރޭޒް ފޮނުވާލި ހަމަލާ ވަނީ ގޯލްގެ ތެރެއަށެވެ. މިގޯލަށްފަހު މާ ރަނގަޅު ހަމަލާތަކެއް ބާސާއަށް ނުއުފެއްދުނު ނަމަވެސް އެޓީމުން ފޮނުވާލި ގިނަ ހަމަލާ ތަކެއްގެ ހުރަހަކަށްވީ ބަޔާންގެ ކީޕަރު ނޯޔާއެވެ.

މި ލަނޑަށްފަހު މެޗުގެ ކޮންޓްރޯލް އަލުން ހޯދާ ގިނަ ހަމަލާތަކެއް ބަޔާންގެ ފަރާތުން އުފެއްދިއެވެ. ނަތީޖާއަކަށްވީ 63 ވަނަ މިނެޓުގައި އެޓީމުން އިތުރު ގޯލެއް ކާމިޔާބު ކުރުމެވެ. މި ގޯލަކީ އެލްފޮންސޯ ޑެވީސް ވަރަށް ރީތިކޮށް ބާސާގެ އެތައް ކުޅުންތެރިއެއް ކައިރިން ޑްރިބްލް ކޮށް ބާސާގެ އޭރިއާ ތެރެއަށް ވަދެ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފަސޭހަކަމާއެމު ޖޯޝުއާ ކިމިޗް ހުސްގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.

ބާސާގެ ޑިފެންސްގެ ފަރާތުން ގިނަ މިސްޓޭކް ތަކެއް ފެނިގެން ދިޔަ މިމެޗުގައި ބަޔާން އިން ވަނީ އިތުރު ތިންލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މުބާރާތުގައި މޮޅު ކުޅުމެއް ދަށްކަމުން އަންނަ ރޮބާޓް ލެވަންޑޮސްކީގެ އިތުރުން ލޯން އެއްބަސްވުމެއްގެ ދަށުން ބާސާއިން ބަޔާންއަށް ބަދަލުވެފައިވާ ބްރެޒިލްގެ ކުޓީނިއޯއެވެ.

މިމެޗުން މޮޅުވެ ބަޔާން އިން ވަނީ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައެވެ. ސެމީގައި ބަޔާން އިންވާދަކުރާނީ ހޮނިހިރު ދުވަހުގެރޭ ލަޔޯންއާއި މެންޗަސްޓާ ސިޓީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ކޮވިޑް 19ގެ ސަބަބުން ޗެމްޕިއަންސް ލީގުގެ މެޗް ފޯމެޓަށް ބަދަލުގެނެސް ކުއާޓާ ފައިނަލުން ފެށިގެން އެއް ލެގު ކުޅޭގޮތަށްވަނީ ބަދަލުކޮށްފައެވެ. ސެމީގެ ފުރަތަމަ މެޗުގައި ބުދަ ދުވަހުގެ ރޭ ޕީއެސްޖީ ނުކުންނާނީ ލިޕްޒިގް އާ ދެކޮޅަށެވެ. އަދި ސެމީގެ ދެވަނަ މެޗު އޮންނާނީ ބުރާސްފަތި ދުވަހުގެ ރެއެވެ.