އިންޑިއާއަކީ އަބަދުވެސް މުޅި ދުނިޔެއަށް އަމާންކަމާއި ކުރިއެރުން ގެނެސްދިނުމުގައި ގިނަ މަސައްކަތްތަކެއް ކުރާ ގައުމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސިފަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ސިފަކުރައްވާފައިވަނީ އިންޑިއާގެ 74 ވަނަ މިނިވަން ދުވަހާއި ގުޅިގެން އެގައުމުގެ ރައްޔިތުންނަށާއި، ރައީސް ރާމްނާތު ކޯވިންދަށާއި އެގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައި ކުރެއްވި ޓްވީޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޓްވީޓުގައި ވިދާޅުވީ އިންޑިއާ މިނިވަން ގައުމެއްގެ ގޮތުގައި ހިނގަންފެށިތާ މިހާރު އެތައް އަހަރެއް ވެފައިވާއިރު، މިވީހާ ދުވަހުވެސް އިންޑިއާއިން މަސައްކަތްކޮށްފައިވަނީ ހަމަޖެހުމާއި އަމާންކަމާއެކު ކުރިއެރުން ހޯދުމަށް ކަމަށެވެ. އަދި ޑިމޮކްރަޓިކް ހަމަތަކާއެކު އިންޑިއާއިން ކުރާ މަސައްކަތްތަކަކީ މުޅި ދުނިޔެއަށް އުންމީދު ގެނެސްދޭ ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރާއްޖެއާއި ދުރުނޫން ހިސާބެއްގައި އޮންނަ އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް އަވައްޓެރިކަމުގެ ގުޅުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެހެންނަމަވެސް މިހާރުގެ ސަރުކާރުން ހީނަރުވެފައި އޮތް މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މި މަސައްކަތްތަކާއެކު މިހާރު އިންޑިއާއަކި ދިވެހިރާއްޖެއާއި ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމަކަށް ވަނީ ވެފައެވެ.

އަދި ރާއްޖެެއާއި އިންޑިއާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިއާއިން ގެންދަނީ އެކި ގޮތްގޮތުން ރާއްޖެއަށް އެހީ ފޯރުކޮށްދެމުންނެވެ.