ކިއުބާގައި ކިޔަވަން ތިބި ދިވެހި 9 ދަރިވަރަކަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކެއަރ ޕެކޭޖްތައް ފޮނުވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ ކޮވިޑް-19ގެ ސަބަބުން އާއްމު ދިރިއުޅުމަށާއި ޒަރޫރީ ތަކެތި ހޯދުމަށް ދަތިތައް ދިމާވެފައިވާ ގައުމުތަކުގައި ތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފޮރިން މިނިސްޓްރީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރާ މަސައްކަތެއް ކަމަށެވެ. މި ކެއަރ ޕެކޭޖްތައް ފޮނުވާފައިވަނީ ސްރީލަންކާ ސަރުކާރުގެ އެހީތެރިކަމާއެކުގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިކަމަށް މަގުފަހިކުރުމަށް ފޮރިން މިނިސްޓްރީ އާއި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ގުޅިގެން ލަންކާގެ ފޮރިން މިނިސްޓްރީއާ ދެމެދު ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ކޮންމެ ދަރިވަރަކަށް 20 ކިލޯގެ ތަކެތި އާއިލާތަކުން ފޮނުވާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކެއަރޕެކޭޖް ފޮނުވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ، އިސްލާމިކް އެފެއަރޒް މިނިސްޓްރީ އަދި އެމް.އޭ.ސީ.އެލް، ކަސްޓަމްސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ފޮރިން މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަދި މިމަސައްކަތް ހިނގަމުން ދިޔަ ގޮތް ފޮރިން މިނިސްޓަރ ޝާހިދު ވަރަށް ގާތުން ބައްލަވާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ފޮރިން މިނިސްޓްރީން އެކި ގައުމުތަކުގައި ތިބި ދިވެހިންނަށް ކެއަރ ޕެކޭޖުތައް ފޮނުވާފައިވާއިރުު، މީގެ ކުރިން ކެއާ ޕެކޭޖުތައް ފޮނުވަފައިވަނީ ލަންކާ، އިންޑިއާ، ތައިލެންޑް އަދި މެލޭޝިއާގައި ތިބި ދިވެހިންނަށެވެ،