ރާއްޖެއިން ފުރައިގެންދާ މީހުންނަށް ކޮވިޑް-19 އަށް ޓެސްޓުކުރުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފިއެވެ.

ރާއްޖެއިން ފުރައިގެންދާ ކޮންމެ މީހަކުވެސް ކޮވިޑް-19 އަށް ޓެސްޓުކުރަންޖެހޭއިރު، މި މީހުންގެ ޕީސީއާރު ޓެސްޓު ހެދޭނެ 5 ހޮސްޕިޓަލެއް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ. އެއީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި، އޭޑީކޭ ހޮސްޕިޓަލާއި، ޓްރީޓޮޕް ހޮސްޕިޓަލްގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްއެވެ.

ފުރާމީހުންގެ ޕީސިއާރު ޓެސްޓު އައިޖީއެމްއެޗުން ހަދައިދޭ އަގަކީ 1534ރ. އެވެ. އަދި އޭޑީކޭ ހޮސްޕިޓަލުން 1500ރ. އަށް މި ޓެސްޓު ހަދައިދޭއިރު، ޓްރީޓޮޕް ހޮސްޕިޓަލުން މި ޓެސްޓު ހަދައިދިނުމަށް ހަމަޖެހިފައިވަނީ 2000ރ. އަށެވެ. މީގެ އިތުރުން އަތޮޅުތެރޭގެ ދެ ސަރަހައްދަކުންވެސް ފުރާ މީހުންނަށް ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާއިރު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންނާއި، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން މި ޓެސްޓް ހަދައިދިނުމަށް ހަމަޖެހިފައިވަނީ 1534ރ. އަށެވެ.

އެޗްޕީއޭއިން ބުނީ ފުރައިގެން ދާ މީހުން ޓެސްޓު ނަތިޖާ އަވަހަށް ހޯދުމަށް ފުރުމުގެ 48 ގަޑިއިރު ކުރިން އެމީހެއްގެ ސާމްޕަލް މިއިން ކޮންމެވެސް އެއް ތަނަކަސް ދޭންވާނެ ކަމަށެވެ. އަދި ޓެސްޓު ހެދުމަށް އެ ފަތުރުވެރިއެއްގެ ޓްރެވަލް އިނީޝިއަރީގެ ކޮޕީއަކާއި، ލެބޯޓްރީއަށް ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތައް ހުށަހަޅަންވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު 3 މަސްދުވަސް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެ އެތެރެވާ ކޮންމެ މީހެއްގެ ޕީސީއާރު ޓެސްޓު ހަދަމުންދެއެވެ. އަދި އެމީހަކު ފުރައިގެން ދިއުމުގެ ކުރިންވެސް ޕީސީއާރު ޓެސްޓު ހަދަންޖެހޭއިރު އެމީހަކަށް ރާއްޖެއިން ބޭރު ވެވޭނީ ނެގެޓިވް ނަތިޖާއަކާއެކު ކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.