ދުވަސް ފެށިގެން ދިޔައީ ފަތިހުގެ ފިނި ވާރޭ އިންނެވެ. އެއާއިއެކު ޖައްވަށް ވަނީ ފިނިކަން ފެތުރިފައެވެ. ހަގަޑި ބައިވިއިރުވެސް އިރަށް، ޖާގައެއް ނެތެވެ. އުޑުމަތިވަނީ ބޯވިލާތަކުން ފުރާލާފައެވެ. އަދިވެސް ވާރޭ ވެހެން އުޅޭކަހަލައެވެ. ނަމަވެސް މިވަގުތަށް ވާރޭގެ އަސަރުވަނީ ކެނޑިފައެވެ.
މިހިތްގައިމު ހެނދުނުވެސް ކަސްރަތަށް ލޯބިކުރާ، އެކި އުމުރުފުރައިގެ މީހުން ތިބީ އެމީހުންގެ ހެނދުނުގެ ކަސްރަތާއިގެން މަސްއޫލުވެގެންނެވެ.
އެއިން މީހެއްގެ ހަށިގަނޑުގައި ވަރުބަލިކަމުގެ ނުވަތަ ނިދީގެ އަސަރެއްވެސް ނެތެވެ.
ދުވަމުންދިޔަ މީހުންގެ ތެރެއިން އެކެއްގެ ދުވުމުގެ މިސްރާބު ބަދަލުވިއެވެ. މަޑު ދުވުމެއްގައި، ދިހަވަރަކަށް މިނިޓްވަންދެން ދުވުމަށްފަހު، ވަށައިގެން ގަސް ހައްދާފައިވާ ހަނި ގޯޅިއަކުން ވަނެވެ.
އެގޯޅިގަނޑުގެ ދެފަރާތުގައި ހައްދާފައިވާ ގަސްތަކަށްވަނީ، މީގެ އިރުކޮޅެއް ކުރިން ވެހުނު ވާރޭގެ ސަބަބުން ފެހިކަމާއި އަރޯކަން އައިސްފައެވެ. އެ ގަސްތަކުގައި ފޮޅެން ތައްޔާރުވެފައިވާ މާތަށް، މަޑުދުވުމުގައި ގޯޅިއަށް ވަން މީހާއަށް މަރުޙަބާ ކިޔަމުންދިޔައެވެ. އެއް ސައިޒެއްގެ ގާތަކެއް އަތުރާފައިވާ ބިންމަތީގައިވެސް ވާރޭގެ އަސަރު ކޮންމެވެސް ވަރަކަށް ފެންނަން ހުއްޓެވެ. އޭނާގެ ހުދު ބޫޓާއި އެއާއި ގުޅުވާފައިވާ އިސްޓާކީނަށްވެސް ވަނީ ކިސަނޑުގެ އަސަރުކޮށްފައެވެ.
އެ ބޮޑު ގޭގެ ހުދު ދޮރާއި ހަމައަށް ހުއްޓުމަށްފަހު، އޭނާ ދޮރުހުޅުވާލިއެވެ. އެތެރެއަށްވަދެ ކަންފަތުގައި ޖަހާފައިވާ ހެޑްސެޓް ނައްޓާލިއެވެ. ހިނގައިގަންނަން އުޅުނުތަނާ ދޮރާއި ދިމާލަށް ތިރީ، ޓައިލްސް މަތީ އޮތް ސިޓީއުރައެއް ފެނުނެވެ. އެޑްރެސް ކޮށްފައިވަނީ ޒައިޝް އަށެވެ.
ސިޓިންގ ރޫމްގައިވާ ސޯފާ މައްޗަށް ފަރުވާ ކުޑަގޮތަކަށް އެ ސިޓީ އުރަ އެއްލާލުމަށްފަހު، ހެޑްސެޓްވެސް ނަގާ ސިޓީ އުރަ އޮތް ދިމާލަށް އެއްލާލިއެވެ.
އަދި މަޑު ހިނގުމެއްގައި އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.
އެއީ ޒައިޝްއެވެ. އުމުރަކީ ސާޅިސް ފަސް އަހަރެވެ. ދިރިއުޅެނީ ސްވިޓްޒަލޭންޑްގައެވެ. އިސްކޮޅުން ދިގު، ބިޔަ، މާތް އަޚްލާޤެއްގެ ވެރިއެކެވެ.
ކޮޓަރިން ނުކުތް އިރު ޒައިޝްގެ މޫނުމަތި ވަނީ ތާޒާވެފައެވެ. މަޑު ހިނގުމެއްގައި ގޮސް ކޮފީއެއް ހަދާލިއެވެ. އަދި ހަމަ އެ ހިނގުމުގައި އައިސް ސޯފާގައި ރަގަޅަށް ހަމަޖެހިލިއެވެ.
ކޮފީތަށިން ދެތިން ކޯވަރު ދަމާލުމަށްފަހު، ސިޓީއުރަ ނަގާ ކަނޑާލިއެވެ.
'' ދިރިއުޅުމަކީ ހަނގުރާމައެއް ކަމަށް ވަރަށް ގިނަ މީހުން ބުނެއެވެ. އަހަރެން ބުނާނީ ދިރިއުޅުމަކީ ސިލްސިލާކޮށް ކުރިއަށްދާ ހަނގުރާމައެއްކަމެވެ. އެއް ހަނގުރާމަ ނިމުމާއި އެކު ދުވަސްތަކެއް ފަހުން އަނެއްކާވެސް އެފަދަ އިތުރު ހަނގުރާމައަކާއި ކުރިމަތިލާން ޖެހެއެވެ. މިއީ ދުނިޔޭގެ އާދައެވެ. އަހަރެމެން އިންސާނުން ޖެހޭނީ މި ހަނގުރާމައިގައި ހިތްވަރުކުރާށެވެ. ހިތްވަރު ކުރިމީހާއަށް ނަސްރު ލިބިއްޖެއެވެ.
ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި ހުރަސްތަކާއި ދިރިއުޅުމުގައި ދިމާވާ އުފާވެރިކަމާއި ހިތްހަމަޖެހުމާއި މިހެން ގޮސް މިފަދަ ހުރިހާ ކަންތައްތަކެއް ނުވާ ނަމަ ދިރިއުޅުމަކަށް އެ ނަމެއް ނުކީހެވެ.''
ޒައިޝްގެ ލޯ، ކުޑަދޮރުން ބޭރަށް އަމާޒުވިއެވެ. މާދުރަށް އޭނާގެ ނަޒަރު ހުއްޓުނެވެ.
''ހޭ....'' ދުރުން، މާދުރުންފެނުނު ރައްޓެއްސަކަށް ބަލާލުމަށްފަހު ތަމަންނާ ހީލީއެވެ.
ތަމަންނާގެ ފޯނު ރިންގ ވާންފެށީ އެހިސާބުންނެވެ. ކޮނޑުގައި އަޅުވާފައިވާ ދަބަހުން ފޯނު ނަގަން މަސައްކަތްކުރިއެވެ.
ތަމަންނާ ހުރީ އެވަގުތު އެއަރޕޯޓްގައެވެ. ލަގެޖްއާއި އެކީ މަގުމައްޗަށް ނުކުތީ ޓެކްސީއެއް ލިބޭތޯއެވެ. ނަމަވެސް އެތާ ހުންނަތާ ބައިގަޑިއިރުވީއެވެ. ޓެކްސީއެއް ނުލިބުނެވެ.
''ހަލޯ.....''' ފޯނު ކަންފަތުގައި ޖަހާލަމުން، ލަގެޖްމަތީ، ކޮނޑުގައި އޮތް ދަބަސް ބޭއްވިއެވެ.
''ކޮން އިރަކު އައީ....'' އެއީ ޒައިޝްގްގެ ކޯލެކެވެ. ތަމަންނާ ފެންނަ ހިސާބުގައި ހުރެގެން ޒައިޝް ގުޅީތީ ތަމަންނާ ހުރީ ހައިރާންވެފައެވެ.
''އިރުކޮޅެއް ވެއްޖެ.... އެކަމަކު އަދި ޓެކްސީއެއް ނުލިބިގެން މަޑުކުރަނީ....'' ހިނިތުންވެލާފައި ތަމަންނާ ބުނެލިއެވެ.
''އެހެންތަ... މަ ވަރަށް ބެލީމޭ މި ދަތުރުގަ އަންނަނީ ކޮން ބައެއްތޯ... މަށަކަށް ނުފެނޭ ތަމަންނާ ގެ ނަމެއް ލިސްޓުން..'' އާދައިގެ ހިނގުމެއްގައި އައިސް، ޒައިޝް ފޯނު ކަނޑާލަމުން ތަމަންނާ ކައިރިއަށް މަޑުކޮށްލިއެވެ.
''ނުފެންނާނެއްނު... ކިހިނެއް ފެންނާނީ... މަގޭ ނަމުގެ ކުރިއަށް އޮތީ އަލްފާޟިލް ޖަހާފަ.. އެމީހުންނަށް މަށަކީ އަންހެނެއްކަން ނޭންގެންޏާ އަންހެން ލިސްޓަކު މަ ނީންނާނު...'' ހީނގަންނަމުން ތަމަންނާ ބުންޏެވެ.
''އެހެންތަ.. އެއީ ދޯ ލިސްޓުން ނުފެނުކަމަކީ...'' ޒައިޝްވެސް ހީލިއެވެ.
''އަނ އެކޭ... އަދި ރޫމްތައް ބަހާފަ އޮތް ގޮތެއްވެސް ނޭންގެ.. އެނގޭކަމަކީ އަލްފާޟިލް އައިސްފިއްޔާ ގައިމުވެސް މަ ހުންނަންޖެހޭނީ ފިރިހެނުން އުޅޭ ރޫމްގަ ކަން...'' ދެމީހުން އެކީ އަނެއްކާވެސް ހީނ ގަތީއެވެ.
ޒައިޝްއަކީ ތަމަންނާއާއި އެކީގައި ކިޔެވި ކުއްޖެކެވެ. ނަމަވެސް ސްކޫލުދައުރު ނިމުމާއި އެކު ޒައިޝްއަށް ތަމަންނާ ވަނީ ގެއްލިފައެވެ.
މިރަށަށް ތަމަންނާ އާއި ޒައިޝްވެސް އައިސް ތިބީ ވަޒީފާގެ ގޮތުންނެވެ. ދައްކާނެ މާގިނަ ވާހަކަތަކެއް ނެތެވެ. ހާލު ބަލާލެވިއްޖެއެވެ. އެހެންވިޔަސް، އައީ ކީއްކުރަންތޯ އެހުން ރަގަޅުކަމަށް ފެންނާތީ އެސުވާލުވެސް ތަމަންނާ ޒައިޝްއާ ކޮށްލިއެވެ. ސަބަބަކީ ޒައިޝްވެސް ދައްކާނެ ވާހަކައެއް ނެތި ތަމަންނާ ކައިރީގައި ހުރުމުންނެވެ. ފަހަރުގައި އޭނާވެސް ހުރީ ދައްކާނެ ވާހަކައެއް ނޭންގިފައި ކަމަށްވެދާނެއެވެ. މިކަހަލަ ގޮތަކަށް މިކަހަލަ ތަނަކުން ފެނިދާނެކަމަށް ގަބޫލު ނުކުރެވެނީ ކަމަށްވެސްވުން އެކަށީގެންވެއެވެ.
ދެން ދައްކާނެ އެއްވެސް ވާހަކައެއް ތަމަންނާއަށްވެސް ނޭންގުނެވެ. ނަސީބަކުން ޒައިޝްވެސް ދާން ޖެހިގެން ދިޔައީއެވެ. ފަހުން ދިމާވާން ވާނެކަމަށް ބުނެފައެވެ.
ހިނިތުންވެލާފައި ތަމަންނާ އާއެކޭ ބުންޏެވެ. ބުނާނެ އިތުރުއެއްޗެއް ނެތީމައެވެ.
ޓެކްސީއެއް ލިބިގެން، ދާން ކަނޑައަޅާފައިވާ ރަށަށް ދިޔައިރު، ހުންނާނެ، ގެ ހުރީ ހަމަޖެހިފައެވެ.
އެއީ ހަވީރުގެ ވަގުތަށްވާތީ ދެން އޮތީ ހަވީރު ސަޔަށް ދިޔުމެވެ. އޭގެ ފަހުގައި ކުރަން އައިކަންތައްތަކަށް ތައްޔާރުވުމުގެ މަސައްކަތް ތަމަންނާ ފެށިއެވެ.
ސެމިނާރއަށް ތައްޔާރުވުމަށްޓަކައި ސެމިނާރ ބާއްވާ ހޯލަށް ތަމަންނާ ދިޔައިރު ހޯލު ތައްޔާރުކުރުމުގައި ޒުވާންކުދިންތައް ހަރަކާތްތެރިވާތަން ފެނުނެވެ. އެތަނުގައި، އެކަންތަކުގައި އުޅެނިކޮށް ރޭގަނޑުވީއެވެ. ކުރާނެ އިތުރު އެއްވެސްކަމެއް ނެތެވެ. ދާނެ ތަނެއްވެސް ނެތެވެ.
އިރު އިރު ކޮޅާ ކަރަންޓް ކެނޑޭވަރުން، ތަނަކަށް ދާންވެސް ތަމަންނާ ހުރީ ޖެހިލުންވެފައެވެ. ހަމަ އެހެންމެ ގޭގަ ހުންނަންވެސް އޭނާ ވަނީ ޖެހިލުންވެފައެވެ.
ދަންނަ ރައްޓެއްސެއް، ކައިރި ހިސާބަކު ނެތެވެ. ކުއްލިއަކަށް ހިތައް އައީ ޒައިޝްއެވެ.
އޭނާއަށް މެސެޖެއް ކޮއްލަން ހިތައް އެރިއެވެ. އެވަގުތު ތަމަންނާ ދަބަހުން ފޯނު ނެގިއެވެ. މެސެޖެއް އޮތެވެ.
އެއީ ޒައިޝްގެ މެސެޖްއެކެވެ.
''މިރޭ ކޮންކަމެއް އޮތީ...''
''ނެތް އެއްކަމެއްވެސް... ކަމެއް ވޭތަ މިހެން އިރު އިރުކޮޅާ ކަރަންޓް ދަންޏާ..'' ތަމަންނާ ޖަވާބު ފޮނުވިއެވެ.
''ހިނގާ ކޮފީއަކަށް...''
''އަނ..ތީ ރަގަޅުކަމެއް....'' ތަމަންނާ ވިސްނާލިއެވެ. އެއްކޮޅުން އެކަނިވެރިކަން ފިލާނެއެވެ. އަނެއްކޮޅުން، ކަރަންޓް ކެނޑޭތީ ގަނެފައިވާ ބިރު ފިލާނެއެވެ.
'''ސައިކަލްގަ އެބަ ދަން... ބަލާ...''
''ނޫން...އަހަރެން ސައިކަލަކަށް ނާރަން..'' ދެވިސްނުމެއްގައި ހުރެފައި ތަމަންނާ މެސެޖްކުރިއެވެ.
''އެ ކީއްވެ...'' ސުވާލެއް އައެވެ.
ތަމަންނާއަކީ އެއްއިރެއްގައިވެސް، ވަރަށް ގާތް މީހެއްގެ ސައިކަލަށް ނޫނީ ނާރާ މީހަކަށްވާތީ އެގޮތް ކަމުނުދަނީއެވެ.
އެހެންކަމުން ޒައިޝް ތަމަންނާ ބަލާދިޔައީ ހިނގާފައެވެ.
ޒައިޝް ތަމަންނާ ގޮވައިގެން ދިޔައީ މާ ދުރުނޫން ހިސާބެއްގައި ހުރި ކެފޭއަކަށެވެ. ހިނގާފައެވެ. އޭނާގެ އެ މަޑުމައިތިރިކަން ތަމަންނާއަށް ވަރަށް ކަމުދިޔައެވެ. ހިނގާފައި ދިޔައިރު ތަމަންނާއަށް ޒައިޝް ކުރި އިޚްތިރާމް ފާހަގަވިއެވެ. އެކަމަކު ދަންނަ ރަޙްމަތްތެރިއެއްގެ ހައިސިއްޔަތުންނެވެ.
އިށީނުމަށްފަހު ފުރަތަމަވެސް ޒައިޝް ވާހަކަ ދައްކަން ފެށިއެވެ.
މާގިނަ ސުވާލުތަކެއް ނޫނެވެ. އެކަމަކު ތަމަންނާގެ ދިރިއުޅުމާއިބެހޭ ގޮތުން ކޮންމެވެސް ވަރެއްގެ ސުވާލުތަކެއް ކުރިއެވެ. ހަމަ އެހެންމެ ޒައިޝްގެ ދިރިއުޅުމުގެ ވާހަކަވެސް ދެއްކިއެވެ. އެއީ އުފާވެރި، ބާއްޖަވެރި ދިރުއުޅުމެކެވެ. އެފަދަ އުފާވެރި ނަސީބު ލިބޭނީ މިދުނިޔެމަތިން މަދު މީހަކަށެވެ.
މި ދުނިޔޭގައިވެސް އުފާވެރި ދިރިއުޅުން އުޅޭ ބަޔަކު ތިބިކަމަށްޓަކާ ފަށްފަށުން ޝުކުރުވެރިވުން ހައްޤެވެ.
މިހާ އުފަލުގައި އުޅޭ މިފަދަ ދެތިން މީހަކު ތަމަންނާ ދަނެއެވެ. ނަމަވެސް ގިނަ މީހުންނަކީ ދިރިއުޅުމާއި ހަނގުރާމަކުރަމުންދާ މީހުންނެވެ. މޫނުމަތިން ހިނތުންވުމުގެ ކުލަވަރު ދައްކައިގެން ތިބޭ މީހުންނެވެ.
''ކޮންކަމަކާ ތި ވިސްނަނީ؟؟.........'' ތަމަންނާ، ބަސްމަދުވެފައި އިނުމުން ޒައިޝް ސުވާލުކުރިއެވެ. ސިއްސައިގެން ނުދިޔަޔަސް ސިހުމެއް ލިބުނޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.
''ނުވިސްނަން.....'' އެއީ ހިނިތުންވުމާއިއެކު ތަމަންނާ ހެދި ދޮގެއްކަން ޒައިޝްއަށް އެނގެއެވެ.
''މެރީކޮށްގެން އުޅޭއިރު ކީއްވެތަ ދަރިއެއް ނުހޯދާ ތިއުޅޭނީ؟؟ ތަމަންނާއަށް އިނގޭތަ... އަތުގާ ހިފައިގެން ޕާކަށް ހިނގާލަން ދާއުމުރުގެ ކުދިން ތިބޭނެ، މިހާރު ތި އުމުރުގެ ގިނަ މީހުންގެ...''
އެއީ ޒައިޝްގެ ދުލުން ބުނި ޖުމްލައަކަށްވިޔަސް، އެ ޖުމްލަ ތަމަންނާއަށް އިޙުސާސްވެގެންދިޔައީ ތޫނު ކަނޑިއެއް އޭނާގެ ސިކުނޑިއަށް ވަދެގެންދިޔަފަދައިންނެވެ. ތަމަންނާއަށް އެ ޖުމްލައިން ވަރަށް އަސަރު ކުރިއެވެ. ލޮލުން ކަރުނަ ހިލުނެވެ. ދަރިއަކު ނެތުމުން ކުރާނެ އިޙުސާސް ފުރަތަމަ ފަހަރާ ތަމަންނާގެ މުޅި ހަށިގަނޑުގައި ދައުރުވިއެވެ. ނަސީބަކުން އެތަނުގައިވަނީ ފަނޑުއަލިކަމެއްކަމުން، ޒައިޝްއަށް ތަމަންނާގެ މޫނު ރަގަޅަށް ނުފެނެއެވެ.
ތަމަންނާ އެކަމާ ވިސްނިއެވެ. ވަރަށް ދުރަށް ވިސްނަން ބޭނުންވިއެވެ. އޭނާގެ ދިރިއުޅުމުގެ ސަފްޙާތައް ހުޅުވަންވީ ހެއްޔެވެ. ނޫނީ އަދި މާ އަވަސް ހެއްޔެވެ.
'' އަސްލުވެސް... މިއީ ދޮގެއްތަ....'' ޒައިޝް، ތަމަންނާ ވިސްނަން އިންނާކަށް ފުރުސަތެއް ނުދިނެވެ.
'' ނޫނެ.. ދޮގެއް ނޫން...'' ހީލާފައި ތަމަންނާ ބުންޏެވެ.
ޒައިޝް އޭނާގެ ޚިޔާލުތަކުން ދުރަށްދާން ތެޅިގަތްތަން ފެނުނުނެވެ. ހީވަނީ އެ ޚިޔާލުތައް ކޮންމެވެސް ކަމެއް އެނގެން ބޭނުންވާހެނެވެ. އަވަސް އަވަހަށް ޒައިޝް ސިޓީއަށް ބަލާލިއެވެ.
'' އަހަރެންވެސް އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުމެވެ. އެހެންމީހުންހެން ލޯބިވާ ފިރިއަކާއި އިނދެގެން ދަރިން ހޯދައިގެން އެކުދިންނާއި އެކީ ދިރިއުޅުމުގެ ބާކީބައި ހޭދަކުރަން ބޭނުމެވެ. ނަމަވެސް އެ ނަސީބެއް އަހަންނަކަށް އަދި ނެތެވެ.
އަހަރެން ބޭނުމީ ހިތްހެޔޮ އެހާ އޯގާތެރި ފިރިއެކެވެ. އެވަރުން އަހަންނަށް ފުދި އިތުރުވެސް ވާވަރުވެއެވެ. ދެރަވެއެވެ. ހިތުގައި ޖެހެއެވެ. އެފަދަ ނަސީބެއް އަހަރެންގެ ހަޔާތުގައި ނެތީމައެވެ.
ފަތަން ޖެހިފައިވަނީ ފުންމިން ނޭނގޭ އަދިރި ކަނޑެއްގައެވެ. ދިރިއުޅުމަކީ ހަނގުރާމައެއްކަން އަހަރެން ދަންނަމެވެ. ނަމަވެސް ވަކި ހިސާބަކުން ހަނގުރާމައިގައިވެސް އަމާން ދޭތަން އަހަރެން ދެކެމެވެ. މި މައިދާނުގައި އަހަރެން ހިތްވަރުކޮށްފީމެވެ. ގަދަ ފަދަ ކަނޑެއްގައެވެ. ފިލްމް ސްޓާރަކަށްވުރެ މޮޅަށް އެކްޓްކޮށްގެންނެވެ. ލިބުނު އަނިޔާތަކަށް ކެތްކޮށްގެންނެވެ. ނަމަވެސް މިހާރު އެއީ ބޭކާރުކަމެއްކަން އަހަންނަށް އެގިއްޖެއެވެ.
އަހަރެން ބޭނުމީ ޒައިޝް ފަދަ އޯގާތެރި ފިރިއެކެވެ. އެފަދަ ހެޔޮލަފާ އޯގާތެރި، އަހަރެންނަކީ ކާކުކަން ދަންނަ މީހެއްގެ އަންބަކަށްވުމަށް އަހަރެން މިހިރީ ފެންބޮވާފައެވެ. އެމީހަކުވާން ޖެހޭނީ އަހަރެން ނުބުނަނީސް އަހަރެން ބޭނުންވާ ކަންތައް ނަގައިގަންނަ މީހަކަށެވެ. އަހަރެން ބުނަން ބޭނުންވާ، ނަމަވެސް ނުބުނެވިގެން އުޅޭ ވާހަކަތައް ދެނެގަންނަ މީހަކަށެވެ.
އަހަރެންގެ ދެލޮލަށް ބަލައިގެން އަހަރެންގެ ހިތުގެ ހާލު އިނގޭ މީހަކަށެވެ. އެފަދަ މީހަކު މި ދުނިޔެއިން ލިބުމަކީ ނާދިރުކަމެއްކަން އަހަރެންނަށް އެނގެއެވެ.''
ޒައިޝް ސިޓީނަގާ ސޯފާގައި ބޭއްވިއެވެ. އިތުރަށް ކިޔާނެ ހިތްވަރުނެތީކަމެއް، ކިޔަން ބޭނުން ނުވީކަމެއް ނޭންގެއެވެ. ދެ އަތް ޖޯޑުކޮށްފައި ކުޑަކޮށް ގުދުވެ، ބޮލުގައި ހިފަހައްޓާލިއެވެ.
ތަމަންނާގެ ހަޔާތަކީ ހަޤީޤަތުގައިވެސް ފުންމިން ނޭންގޭ ކަނޑެކެވެ. ފީނަމުން ދާވަރަކަށް އާ ކަންތައްތައް އެނގި ހާމަވަމުންދިޔައެވެ. އަދި ފީނަންވެސް އެހާ އުނދަގުލެވެ.
ޒައިޝް ވިސްނާލިއެވެ. އެރޭ ޒައިޝްއާއި ތަމަންނާ ދިމާވިއިރުއްސުރެ އޭނާ ވިސްނަމުން ދިޔަކަމާއި، ކޮންމެވެސް އެއްޗެއް ބުނެދޭން އުޅޭހެން ޒައިޝްއަށް ހީވިއެވެ. ނަމަވެސް އެހާ އަވަހަށް ތަމަންނާގެ ފަތިފުށް ޒައިޝްއަށް އެނގޭކަށް އޭނާ ބޭނުމެއް ނޫންކަންވެސް ޒައިޝްއަށް އެނގެއެވެ. އަދި ތަމަންނާ އޭނާއަށް އެކަން އަންގާކަށްވެސް ބޭނުން ނޫންކަން ޒައިޝްއަށް އެގެއެވެ.
އެއީ އޭނާއަކީ އަދި ތަމަންނާ އިތުބާރުކުރާ އަދި އިތުބާރު ކުރަން ބޭނުންވާ މީހެއްވެސް ނޫނެވެ. އެހާވަރަށް ތަމަންނާއަށް އޭނަ ދަހެއް ނުވެއެވެ. ހަޤީޤަތުގައި ތަމަންނާގެ ޕާރސަނަލް ވާހަކަތައް މީހުންނާއި، ޚާއްސަކޮށް މިހެން ދަންނަ މީހަކާ ހިއްސާކުރުމަކީ ތަމަންނާ އެއްވެސް ވަރަކަށް ބޭނުންވާ ކަމެއް ނޫނެވެ. އެހާ ވަރަށް އޭނާއަށް ޔަޤީންކަން ލިބުމުގެ ކުރިންނެވެ. މިހުރިހާ ކަމެއް، ވާހަކަދެއްކުމުގެ ތެރެއިން ޒައިޝްއަށް ފާހަގަކުރެވުނެވެ.
އެރޭ ގާތްގަނޑަކަށް ދެ ގަޑި އިރުފަހުން ޒައިޝްއާއި ތަމަންނާ ކޮފީ ނިންމާލުމަށްފަހު ގެއަށް ހިނގައިގަތެވެ. ޒަޔިޝް ތަމަންނާ ގޮވައިގެން ގެއާއި ހަމައަށް ދިޔައެވެ.
ޖެހިގެން އައި ދުވަހު ސެމިނަރ ފެށުމާއި އެކު ޒައިޝްއަށްވެސް އަދި ތަމަންނާއަށްވެސް މެސެޖެއް ކޮށްލާނެ ވަގުތެއް ނުވިއެވެ. ދެ ދުވަސް އެގޮތުގައި ވޭތުވެގެން ދިޔައެވެ. ނަމަވެސް އެކި ތަންތަނުން ދެމީހުންނަށްވެސް ދެމީހުން ފެނެއެވެ.
ސެމިނަރގެ ދެވަނަ ދުވަހުގެ ހަވީރު، ނިންމުމުގެ ރަސްމިއްޔާތަށްފަހު ތަމަންނާއަށް ހަމަ ނޭވާ ލެވުނެވެ. ބޯމަތީގައިވާ ބަރު އެއްޗެއް ނެގިހެން ހީވެގެން ދިޔައެވެ.
ޒައިޝް އަނެއްކާވެސް ސިޓީ ނަގާ ކިޔަން ފެށިއެވެ.
''އެ ދުވަހުގެ ހަވީރުކަންތައް ވީގޮތް ޒައިޝްއަށް އެނގޭދޯއެވެ.''
ޒައިޝް ވިސްނާލިއެވެ. އެއީ ތަމަންނާ ބަލިވި ރެއެވެ.
ތަމަންނާއަށް ގެއަށް ދެވުނީ ހަވިރު ފަހެއްވެސް ޖެހިފަހުންނެވެ. ގެއަށް ދެވުމާއި އެކު ހެދުން ބަދަލުކުރުމަށްފަހު ހަމަޖެހިލައިގެން އެނދަށް އަރާ އޮށޯތެވެ. މާގިނަ އިރެއް ނުވެ ނިދިއްޖެއެވެ. ނަމަވެސް ބައިގަޑި އިރު ނުވަނީސް ތަމަންނާއަށް ހޭލެވުނީ ހޮޑުލެވޭ ގޮތް ވެގެންނެވެ. މާގިނަ ވަގުތެއް ނުނަގައެވެ. ހޮޑުލެވިއްޖެއެވެ. ހަމަ އެއާއި އެކު ބޯ އަނބުރަން ފެށިއެވެ. ބޭރަށް ހިނގަންވެސް ފެށީއެވެ.
ދެން އައީ ވަރުބަލިވެގެން މީހާގެ ހަކަތަ އެއްކޮށް ދިޔަ ވަގުތުކޮޅެކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ހަތްވަރަކަށް ފަހަރު ހޮޑުލެވިއްޖެއެވެ. ގައިގަ އެއްވެސް ވަރެއް ނެތެވެ.
މިއީ ތަމަންނާގެ މުޅި ހަޔާތުގައިވެސް އެކަނި ހުއްޓާ ބަލިވި ފުރަތަމަ ފަހަރެވެ. މިހާ ވަރަށެވެ. އަދި މިއީ މިއިން ޒަމާނެއްގައި ތަމަންނާއަށް ދިމާވި ފަދަ ކަމަކަށްނުވާތީ އިންތިހާއަށް ކަންބޮޑުވިއެވެ. ގުޅާނީ ކާކަށްކަމެއް، އެހީއަށް އެދޭނީ ކާކުކައިރިންކަމެއް ނޭންގުނެވެ.
އެއްވެސްކަހަލަ އެމަރޖެންސީއެއްގައި ގުޅަން ދީފައިވާ ނަންބަރަށް ގުޅަން ހަނދާންވީވެސް ދެގަޑިއިރު ފަހުންނެވެ. އެ މީހާ ފޯނު ނަގާފައިބުނީ ސިއްޚީ މަރުކަޒުން ބޭނުންވާ ފަރުވާ ލިބޭނެކަމަށެވެ. ނަމަވެސް އެއީ އާ ތަނަކަށް ވެފައި އެކަނި ދާން ބޭނުން ނުވާތީ ވިސްނަން އޮތީއެވެ. ގައިގައި ތެދުވާނެ ހިތްވަރުވެސް ނެތީމައެވެ.
އެހެން އޮއްވާ އެރޭ ކާ ގަޑިޖެހުނެވެ. އެއްޗެއް ކައިފިއްޔާ ކޮންމެވެސް ވަރަކަށް ގައިގައި ވަރުޖެހިދާނެހެން ހީވާތީ ބޭރަށް ދިޔުމަށް ތައްޔާރުވެލިއެވެ. ކޮޅަށް ހުރެވުނީވެސް ވަރަށް ވަރުންނެވެ.
މަޑުމަޑުން ހިނގާލާފައި އެހިސާބަށް ތަމަންނާ ދިޔައިރު މެހެމާނުން ކައި ނިމިއްޖެއެވެ. އަދި އެރެއަކީ ޝޯވް ވެސް އޮތް ރެއަށްވާތީ ގިނަ މީހުން އެތަނަށް ދާން ބޭނުންވާތީ އަވަސް އަރުވާލައިގެން އުޅެއެވެ.
ތަމަންނާ، ކެވޭތޯ ވަރަށް މަސައްކަތްކުރިއެވެ. ކިރިޔާ ވަރުޖެހޭ ވަރަށް ކެވުނެވެ. އަނެއްކާވެސް ހޮޑުލަވާގޮތްވީއެވެ. ހޮސްޕިޓަލަށް ދިޔުން ނޫން އެހެން ގޮތެއް ނެތެވެ. ކިރިޔާވެސް ދަންނަ މީހަކަށް ހުރީ ޒައިޝްއެވެ. އެހެންކަމުން ގޮތް ހުސްވެގެން ޒައިޝްއަށް ތަމަންނާ މެސެޖްކުރިއެވެ.
ތަމަންނާ އެކީ ހޮސްޕިޓަލަށް ދެވޭތޯ އެހިއެވެ. އޭނާ ވަގުތުން އާއެކޭ ބުންޏެވެ. އަދި އެތަނަށް ދާން މާ ގިނަ އިރުތަކެއްވެސް ނުނަގައެވެ. ޓެކްސީއެއް ލިބުނީވެސް އިރުގަނޑެއް ފަހުންނެވެ. ޓެކްސީތެރޭގައިވެސް ޒައިޝް ދިޔައީ ވާހަކަ ދައްކަމުންނެވެ.
ތަމަންނާއަކަށް ދައްކާނެ ވާހަކައެއް ނޭންގުނެވެ. ވެފައިވާ ވަރުބަލިކަމުން ބާރުބާރަށް ރޯންވެސް ބޭނުންވިއެވެ. ނަމަވެސް ރޯނެ ހިތްވަރެއް ނުލިބުނެވެ. އަދި ރޯނެ ފުރުސަތެއްވެސް ޒައިޝް ނުދިނެވެ.
އެކި އެކި ވާހަކަތައް ދައްކައިގެން ތަމަންނާގެ ސިކުނޑީގައިވާ ''ބަލީ''ގެ އަސަރު ޒައިޝް ފިލުވާލިއެވެ. ބައިގަޑި އިރު ފަހުން ހޮސްޕިޓަލަށް ދެވުނެވެ.
ހޮސްޕިޓަލުން ނިމިގެން ގެއަށް އައި މަގުމަތީ ތަމަންނާ ޒައިޝްއާއި މީގެ ކުރިން ނުދައްކާ ވާހަކަތައް ދެއްކިއެވެ. އޭނާގެ ވަޒީފާއާއި ގުޅޭގޮތުންނެވެ. ކުޑަ އިރުކޮށްފައިވާ މޮޔަ ކަންތަކުގެ ވާހަކަތަކެވެ. ހަމަ އެހެންމެ ޒައިޝްވެސް ދިޔައީ އެފަދަ ވާހަކަތައް ތަމަންނާއާއި ހިއްސާކުރަމުންނެވެ.
ގިނަ އިރުތަކެއް ވަންދެން ބޭރަށް ހިންގާ ހޮޑުލެވިފައިވުމާއި އެކު ހޮސްޕިޓަލުންވެސް ދީފައިވަނީ ލޮނުޕެކެޓެވެ. ގެއަށް އައިސް ބަލާލިއިރު ކޮޓަރީގެ ތަޅުދަނޑި ބޭއްވުނު ތަނެއް ނޭންގުމުން ގެއަށް ވަދެވޭނެ ގޮތެއް ނެތެވެ. ހަމަ އެހެންމެ ލޮނު ޕެކެޓް ބޯންވެސް ޖެހެއެވެ. އެހެންކަމުން އެގޭގެ ވެރިމީހާއަށް ގުޅާލިއެވެ. އެވަގުތު އޭނަވެސް ވީ ޝޯވްބަލަން ގޮސް ރަށުގެ އެހެން އަވަށެއްގައެވެ. އެ ހިސާބާއި ތަމަންނާ އުޅޭ ގެއާއި ވަރަށް ދުރެވެ. އެހެންކަމުން އޭނާ ނިންމީ ކެފޭއަކަށް ވަނުމަށެވެ.
ސިޓީއާއި ދިމާލަށް ޒައިޝްގެ ލޯ އަމާޒުވެފައި ވިޔަސް އޭނާގެ ޚިޔާލުވަނީ އެހެން ދިމާއެއްގައެވެ.
އަނެއްކާވެސް ޒައިޝް އެ ސިޓީގައި ވާ އެއްޗަކަށް ވިސްނޭތޯ ބެލިއެވެ.
'' އަހަރެން ލޮނުޕެކެޓް ބުއީމެވެ. ނަމަވެސް ފަހުން އުނދަގޫވާގޮތްތަކެއް ވުމުން، އެ ބޮވޭގޮތެއް ނުވިއެވެ. އެވަގުތު ޒައިޝް އެހެން ތައްޓެއްގައި ލޮނުޕެކެޓް ހަދާފައި ދިނެވެ. އަހަރެން އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އަހަރެން ބަލިވީއްސުރެ ޒައިޝްގެ އެ، ހުރި އަޅާލުމާއި އޯގާތެރިކަން އެއީ ދުވަހަކުވެސް ހިތުން ފިލައިގެން ދާނެކަންތައްތަކެއް ނޫނެވެ. އެވަގުތު އަހަރެން ހުރި ހާލަތުގައި އެހެން މީހަކު ހުރި ނަމަވެސް، އެމީހަކަށް އެގޮތަށް ޒައިޝް ކަންތައް ކޮށްދޭނެކަން އަހަންނަށް އެނގެއެވެ. އަހަންނަށް ޒައިޝްގެ އެންމެ ކަމުދިޔަ ސިފައަކީވެސް އެއީއެވެ.
އަހަރެންގެ ހަޔާތުން ބައެއް ސަފްޙާތައް އަހަރެން ޒައިޝްއާއި ހިއްސާކުރީމެވެ. ދެއްކި ބައެއް ވާހަކަތަކަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. އެހެން ނޫންނަމަ އަހަރެން އެއިން އެއްވެސް ސަފްޙާއެއް އަދި އަދަށްވެސް އެއްވެސް މީހަކަށް ކިޔާ ނުދިނީމުހެވެ.
އެވާހަކަތަކަށްފަހު އަހަރެން އިނީ ހިތުގައިޖެހިފައެވެ. ބޭނުންވަނީ ހަމަހިމޭން ތަނެއްގައި އިނދެ މި ހުރިހާ ކަމަކުން ދުރަށް ދިޔުމަށެވެ. ބަލިވުމާއި އަދި އަހަރެންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ކިޔާދެވުންވީ އަހަންނަށް ފުން އަސަރުތަކެއް ކުރުވި ކަމަށެވެ.''
ޒައިޝް ސިޓީ ދުރުގައި ބޭއްވިއެވެ. ސޯފާގައި ރަނގަޅަށް ހަމަޖެހިލިއެވެ. އަދި ދެލޯ މަރާލިއެވެ.
އެއީ އަނދިރި ރެއެކެވެ. ރާޅު ބީހެމުންދިޔަ ތޮށިގަނޑުގެ އެއްފަރާތެއްގައިވާ ގަލެއްގެ މަތީ އިށީންދެލައިގެން ތަމަންނާ އިން އިރު، ޒައިޝް ހުރީ ތަމަންނާއާއި ފުދޭވަރަކަށް ދުރުގައެވެ.
ވަށައިގެންވަނީ އަދިރިކަމެވެ. ދިރޭ އެއްވެސް މަހުލޫގެއްގެ އަޑެއް އެހިސާބަކުން ނީވެއެވެ. ހާމައަށް އޮތް އެ ބަނދަރުމަތީގައިވެސް މީހަކު ނެތީއެވެ.
ތަމަންނާ މައްޗަށް ބަލާލިއެވެ. ތަރިތަކުން އުޑުއޮތީ ޖަރީވެފައެވެ. ނަމަވެސް ހަނދުގެ ހިލަމެއް ނެތެވެ. ދޭތެރެއަކުން އައިސް ބީއްސާލާ ރާޅުގެ އަޑު ހިސާބަށް ގުގުމައިގެން ދިޔަޔަސް ރާޅު ތޮށިގަނޑުގައި ބީހެމުން ދިޔައަޑެއް ނުކެނޑެއެވެ.
ޒައިޝް ވިސްނީ ތަމަންނާ ހިތްހަމަ ޖައްސައިދިނުމަށެވެ. ރާޅު ބީހިލާ އަޑުގައި ހުރި ހިތްގައިމުކަމެއް ޒައިޝްއަކަށް އިޙުސާސެއް ނުކުރެވެއެވެ.
ދެލޯ ހުޅުވާލާފައި ޒައިޝް ސިޓީއަށް ބަލާލިއެވެ.
''އެ ބާރަ ގަޑިއިރު ހޭދަވެގެން ދިޔައީ އެހާވެސް ހިތްހަމަ ޖެހުމާއި އެކުގައެވެ. ޒައިޝް ހީވީ އަހަރެންގެ ބޮޑީގާޑެއް ހެންނެވެ. އަހަރެންނަށް އިޚްތިރާމްކުރީވެސް އެފަދައިންނެވެ. އެއީ އަހަރެންގެ ހިތުން ދުވަހަކުވެސް ފިލައިގެން ދާނެ ބާރަ ގަޑިއިރެއް ނޫނެވެ. ހިތްދަތި ކަންތަކާއި ދިމާވެ، ދިރިއުޅުންދެކެ ފޫހިވެފައިވާ އަހަންނަށް، ދިރިއުޅުމުގެ ހަނގުރާމައާއި ކުރިމަތިލާން ހިތްވަރުލިބުނީ ޒައިޝް އަހަރެންގެ އަތުގާ ހިފާ، ދިން އިތުބާރަކުންނެވެ. އަހަންނަކީ އަހަރެންގެ ފައިމައްޗަށް ތެދުވެވޭ ވަރަށް ހިތްވަރުގަދަ، ކެތްތެރި މީހެއްކަން އަހަންނަށް ވިސްނުނީ ރެއާއި ދުވާލު ކެނޑިނޭޅި، އަހަރެންގެ ހެވަށްޓަކައި، އަހަންނަށްޓަކައި ޒައިޝް ހޭދަ ކުރި އަގުހުރިވަގުތަކުންނެވެ. އޮއްސޭއިރާއި އެކީ ހަނދުވަރަށް ޖާގައޮތްކަން އަންގައިދީ، ވިސްނުވާދިނީ ޒައިޝްއެވެ.
އަހަރެން މި ސިޓީ ފޮނުވުމުގެ އެންމެ ބޮޑު ބޭނުމަކީ، އަހަރެންގެ އަނދިރި ދިރިއުޅުމަށް އަލިކަމެއް ގެނައީތީ ޒައިޝްއަށް ޝުކުރު އަދާކުރުމެވެ. އަދި ދުވަހަކުވެސް އަހަރެންގެ ފަރާތުން ޒައިޝް ދެރަވާނެފަދަ ކަމެއް ނުވާނެކަމުގެ ޔަޤީންކަން ދިނުމެވެ.
ސަބަބަކީ ތިފަދަ މާތް، ރަޙްމަތްތެރިއަކު ދުވަހަކުވެސް ގެއްލެން އަހަރެން ބޭނުން ނޫންކަމެވެ. އަބަދުވެސް އަހަރެންގެ ދުޢާއަކީ ޒައިޝްއަށް ބާއްޖަވެރިކަން ލިބުމެވެ.''
ޒައިޝް ވިސްނާލިއެވެ. ތަމަންނާ ފަދަ ރަޙްމަތްތެރިންނަށް އޭނާއަށް ވެވުނުވަރަކުން ވަނީ އެހީތެރިވެދީފައެވެ. ނަމަވެސް ތަމަންނާ އެ އެންމެންނާ ތަފާތެވެ. ޒައިޝް މިއަދު އުފާކުރެއެވެ. އޭނާއަށް ތަމަންނާގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދެވުނީތީއެވެ.
(ނިމުނީ)