ލިއޮނެލް މެސީ ބާސެލޯނާ ދޫކޮށް ގޮސްފިނަމަ ކުލަބުގެ ނަން ބަދަލުކުރަންޖެހޭނެ ކަމަށް އެ ކުލަބަށް ކުރިން ކުޅުނު ކެމަރޫންގެ ފޯވާޑް ސެމުއެލް އެޓޫ ބުނެފިއެވެ.

މެސީގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކެރިއަރު މިހާތަނަށް ހޭދަކޮށްފައިވަނީ ބާސެލޯނާގައެވެ. އޭނާއަކީ ޅަ އުމުރުން ފެށިގެން ބާސެލޯނާގެ އެކަޑަމީއެއް ކަމަށްވާ ލަމާސިއާ އިން ތަމްރީނުވެފައިހުރި ކުޅުންތެރިއެކެވެ. އަދި އޭނާއަކީ ބާސާގެ އެކަޑަމީއަކުން މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.

ނާޒުކު ފައްތަރެއްގައި އޮތް ބާސެލޯނާއާއި ގުޅޭގޮތުން އެ ކުލަބަށް ކުރިން ކުޅުނު އެޓޫ ބުނީ މެސީ ނެތްނަމަ ބާސެލޯނާއަށް ހާސިލުވާނެ ކަންކަން މަދުވާނެ ކަމަށާއި އޭނާއަކީ އެ ކުލަބަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށެވެ. އަދި މެސީއަކީ ރައްޓެއްސަކަށްވުރެ ބޮޑަށް އާއިލީ މެމްބަރެއްގެ ގޮތުގައި ބަލާ ކުޅުންތެރިއެއް ކަމަށާއި އޭނާއަށް ދެރައެއް ލިބެން ބޭނުންނުވާ ކަމަށެވެ.

މެސީ އާއި އެޓޫ

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން މެސީ ވަނީ މި ސީޒަނަށްފަހު ބާސެލޯނާ ދޫކޮށްލަން ނިންމާފައެވެ. ނަމަވެސް މިކަމާމެދު އެކުލަބުން އަދި ވާހަކައެއް ނުދައްކައެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް އަތުން 8-2 ގެ ލަދުވެތި ނަތީޖާއަކުން ބަލިވުމާއި ގުޅިގެން އެ ކުލަބުގެ ކުޅުންތެރިންނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ މަސައްކަތް ފަށާފައެވެ. މީގެތެރޭގައި ސީނިއާ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

އެޓޫ ބުނީ މެސީ ހުރުމަކީ ބާސެލޯނާއަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އެފަދަ ކުޅުންތެރިއެއް ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ކުލަބު އަލުން ކޮޅަށް ޖެހުމަށް މެސީގެ އެހީތެރިކަން ބޭނުންވާނެ ކަމަށާއި ކުލަބުގެ ބޯޑުން މި މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށްދިނުމަކީ ބޮޑު އުއްމީދެއް ކަމަށެވެ.

ބާސެލޯނާގެ ދަށް ނަތީޖާތަކާއެކު ގިނަ ބަޔަކު ދަނީ އެ ކުލަބުގެ ބޯޑަށް ފާޑުކިޔަމުންނެވެ. އަދި ބޯޑުގެ އިސްތިއުފާއަށްވެސް ދަނީ ގޮވަމުންނެވެ. ނަމަވެސް މި ގޮވުންތަކަށް އިޖާބަނުދީ އެ ކުލަބުން ވަނީ ކޯޗު ސެޓިއެން ވަކިކޮށް އެހެން ބައެއް ކުޅުންތެރިން ލޯނު އުސޫލުން އެހެން ކުލަބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ދުނިޔޭގެ ފުޓުބޯޅައިގައި މިވަގުތު ހުރި އެންމެ ހުނަރުވެރި ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކުރާ މެސީ ވަނީ ބާސެލޯނާއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ. އަދި ފަހަކަށް އައިސް އެ ކުލަބުން ހޯދާ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި މެސީގެ އަތެއް ވެއެވެ.