ކޮވިޑާއި ގުޅިގެން މާލޭ އިރުދެކުނު ފަރާތުގައި ގާއިމްކޮށްފައިވާ ފަތާ ޓްރެކް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަސައްކަތް މެދުކަނޑާލާފައި އޮތުމަށްފަހު އަނެއްކާވެސް މަސައްކަތް ފަށާ މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލުމަށް އަމާޒު ހިފައިފިއެވެ.
މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް މަސައްކަތް ނިންމާލުމަށް އަމާޒުހިފާފައިވާކަން ހާމަކުރެއްވީ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓަކުންނެވެ.
މިނިސްޓަރ މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ފަތާ ޓްރެކް ސަރަހައްދުގައި އަޅާ އިމާރާތުގެ މަސައްކަތް އީއައިއޭ ހެދުމަށް އަދި ކޮވިޑާ ގުޅިގެން އައި މެދުކެނޑުމަށްފަހު މިހާރު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށާއި، މި މަސައްކަތުގައި ސްވިމިންގް އެސޯސިއޭޝަނުގައި ރައީސްއާއި އެކްސްކޯގެ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ސްވިމިން ޓްރެކް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މާޒިޔާ ކޮންސްޓްރަކްޝަންސް އާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ. އެ އެއްބަސްވުމުގެ ދަށުން 120 ދުވަސް ތެރޭގައި މަސައްކަތް ނިންމަން ވަނީ އެއްބަސްވެފައެވެ.
އެހެންނަމަވެސް މާލޭގައި ގިނަ ބަޔަކު މިހާރުވެސް ބޭނުން ކުރަމުން އަންނަ ފަތާ ޓްރެކް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް، މާޒިޔާ ކޮންސްޓްރަކަޝަނަށް ކުރިޔަށް ނުގެންދެވިފައި އޮތީ، ފަތާ ޓްރެކް ސަރަހައްދުގައި އަޅަން ގަސްތުކުރި އިމާރާތް އެޅުމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ލިބެން ޖެހޭ ހުއްދަތައް ނުލިބިގެން ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ކުރިން ބުނެފަ އެވެ.
ފަތާ ޓްރެކް ޒަމާނީ ފެންވަރަށް ތަަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު އެ ސަރަހައްދުގައި ޗޭންޖިންގް ރޫމަކާއި، ފެންވެރޭނެ ފާހާނާ ބަރިއެއް ގެ އިތުރުން، މީހުންނަށް އިށީނދެވޭނެހެން ހިޔާ ކުރެވިފައިވާ ސިޑި ބަރިއެއް ދަނީ ހަދަމުންނެވެ.