ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ މުއްދަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިތުރުކޮށްފިއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފައިވަނީ 3 ސެޕްޓެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ސެޕްޓެންބަރު 1، 2 އަދި 3 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް presidency.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ހުސްވެފައިވާ މެމްބަރުކަމަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލީ މި އޮގަސްޓްމަހުގެ 11 ވަނަ ދުވަހުއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި އަހްމަދު ސުލައިމާން، ކޮމިޝަންގެ މެމްބަރު ކަމުންނާއި އަދި ކޮމިޝަންގެ ރައީސްކަމުގެ މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

ރައީސް އިބްރާހިމް މުހަންމަދު ސާލިހް، އެންއައިސީގެ މެމްބަރުކަމުންނާއި ރައީސްކަމުން އަހްމަދު ސުލައިމާން ވަކިކުރެއްވީ، އެމަގާމުތަކުން އޭނާ ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް 21 ޖުލައި 2020 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރުމާ ގުޅިގެންނެވެ.