ކޮވިޑް-19 ބަލީގެ ހާލަތުން އާންމު ހާލަތަށް އެނބުރި ދިޔުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި، ރައްޔިތުންގެ ބައިވެރިވުން ނުހަނު ބޮޑަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

ރައީސްގެ ހިތާބުގައި، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށްވެސް އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ގިނަ ހުރަސްތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރައްވާފައި ވެއެވެ.

އަދި މި ހުރަސްތައް ގިރާކޮށް، ދިރިއުޅުމުގެ އާންމު ހާލަތަށް އެނބުރި ދިޔުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި، ރައްޔިތުންގެ ބައިވެރިވުން ނުހަނު ބޮޑަށް ބޭނުންވާކަމަށް ވިދާޅުވެފައި ވެއެވެ.

އުންމީދުކުރާ ފަދަ ހަލުވި ދުވެއްޔެއްގައި އިގްތިސާދަށް ދިރުން ލިބެން ފަށާނީ ވިޔަފާރިއާއި އިގްތިސާދީ އެންމެހައި ހަރަކާތްތަކުގައި ޒުވާނުންގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެން ކަމުގައިވެސް ރައީސްގެ ހިތާބުގައި ވިދާޅުވެފައި ވެއެވެ.

"ހިޖުރީ އައު އަހަރެއްގެ ފެށުން ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، ދަތި އުނދަގޫ ހާލަތްތަކުގައި ޢާއިލާގެ މެންބަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މުޖުތަމަޢުގެ އެއް ބަޔަކު އަނެއް ބަޔަކަށް އަޅާލައި އޯގާތެރިވެ އުޅުމާއި، ކުޑަކުދިންނަށް ކަމޭހިތުމާއި، އަންހެނުންނަށް އޯގާތެރިވުމާއި، މުސްކުޅިންނަށް އެހީތެރިވުން ފަދަ އިޖްތިމާޢީ ޢަދާލަތު ޤާއިމުކޮށްދޭ ރީތި ސިފަތައް ދިވެހިންގެ ކިބައިގައި އަލުން ހަރުލެއްވުމަށް ޢަޒުމް ކަނޑައެޅުމަށް ގޮވާލަން"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް

ރައީސްގެ ހިތާބުގައި، މި ފެށުނު 1442 ވަނަ އަހަރަކީ، ނިމިގެންދިޔަ އަހަރަށްވުރެ، ހުރިހާ ގޮތަކުންވެސް ރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް، އިތުރު ތަނަވަސްކަމާއި ފާގަތިކަން ލިބި، އަދި ކުރިއެރުމާއި ބާއްޖަވެރިކަން އެތައް ގުނައަކަށް އިތުރުވެގެންދާނެ އަހަރެއްކަމުގައި ލެއްވުން އެދި ދުޢާ ދަންނަވާފައި ވެއެވެ.

ހިޖުރީ ސަނަތުން އައު އަހަރަކާއި ބައްދަލުވިއިރު އަޅުގަނޑުމެންނަށް މިއަދު މެދުވެރިވެފައި މިވަނީ، ހިޖްރައިގެ މަތިވެރި ހާދިޘާއިން ލިބިދޭ ޢިބުރަތްތަކުން ފިލާވަޅު ލިބިގަތުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ހާލަތެއްކަން ރައީސް ފާހަގަކުރައްވާފައި ވެއެވެ.

ހިޖުރައިން ލިބިދޭ އެންމެ މަތިވެރި ޢިބުރަތަކީ، މުސްލިމުންގެ މެދުގައި އެއްބަނޑުއެއްބަފާކަމުގެ ގުޅުން ބަދަހިކޮށް އެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަންކަމަށް ވިދާޅުވެ އެ ރައީސް ސާލިހްވަނީ، އުންމަތެއްގެ ގޮތުގައި ނުވަތަ ދައުލަތެއްގެ ގޮތުގައި ދެމިތިބެން ބޭނުންނަމަ، އެ ދައުލަތެއްގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދެމިއޮތުން މުހިންމުކަމަށާއި، ކުރިއެރުމާއި ތަރައްގީއަށް އެދޭނަމަ، އެންމެހައި ރައްޔިތުން އެއް ޢަޒުމެއްގައި، އެއް އަމާޒަކަށް ގަދައަޅައި މަސައްކަތްކުރުމުގެ ބޭނުންތެރިކަން ވެސް ހާމަކުރައްވާފައެވެ.