އޭއެފްސީ ކަޕަށް ވަރުގަދަކުރަމުން އަންނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމައިރު އަނެއްކާވެސް ގުޅިއްޖެއެވެ.

އުމައިރު އޭނާގެ ކުރީގެ ކުލަބާ ގުޅިފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިއީ އޭނާ މާޒިޔާއަށް ސޮއިކުރި ތިންވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މާޒިޔާއާއެކު އުމެެއިރު ވަނީ ދިވެހި ޕްރިމިއާ ލީގާއި މާލެ ލީގު އަދި ގައުމީ މުބާރާތުގެ ތަށި ވެސް ހޯދައިފައެވެ. މާޒިޔާއަށް 2015 އިން ފެށިގެން 2017 އަށް ކުޅުމަށްފަހު އުމައިރު ދެން ގުޅިފައިވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށެވެ. އުމައިރު ވަނީ 2018ގެ ސީޒަނުގައި ނިއުގައި މުހިންމު ދައުރެއް އަދާކޮށް، އެ ކްލަބަށް އެ ސީޒަނުގެ މާލޭ ލީގު ކާމިޔާބުކޮށްދީފައެވެ. ނަ

އެއަށްފަހު ފާއިތުވެދިޔަ ދެ ސީޒަނުގައި އުމައިރު ފެނިގެންދިޔައީ ކްލަބު ގްރީން ސްޓްރީޓްސް އިންނެވެ. އެ ކުލަބުގައި އޭނާއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.

އުމައިރުގެ ފުޓުބޯޅަ ކެރިޔަރު ފެށީ ވިކްޓަރީ ސްޕޯޓްސް ކްލަބުން 2006 ވަނަ އަހަރުއެވެ. އެ ކްލަބުގައި ވިދާލުމަށްފަހު 2010 ވަނަ އަހަރު އުމައިރު ވަނީ ވީބީ ސްޕޯޓްސް ކްލަބާ ގުޅި އެ ކްލަބުގައި ވެސް މޮޅު ކުޅުމެއް ދައްކައިފައެވެ.