ބާސެލޯނާއަށް ކޯޗުކަންކުރުމަކީ ދެކެމުން އައި ބޮޑު ހުވަފެނެއް ކަމަށާއި ބާސެލޯނާއަށް ހައްގުވާ ހަގީގީ މަޤާމަށް އެ ޓީމު ގެންގޮސްދޭނެކަމުގެ ފުރިހަމަ ޔަގީންކަންދޭކަމަށް އެޓީމުގެ އާ ކޯޗު ނެދަލޭންޑްސްގެ ރޮނަލްޑް ކޫމަން ބުނެފިއެވެ.

އާ ކޯޗަކަށް ކޫމަން ހަމަޖައްސާފައިވަނީ މިދިޔަ ހަފުތާގައި ކުޅުނު ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުގައި ޖަރުމަނުގެ ބަޔާން މިއުކިން އަތުން ލިބުނު ހިތްދަތި ބައްޔާއެކު އޭރު ކޯޗުކަމުގެ މަގާމުގައި ހުރި ސެޓިއެން ވަކިކުރުމަށްފަހުގައި އެވެ. މިއީ ބާސެލޯނާއަށް އަންނަ ބޮޑެތި ބަދަލުތަކުގެ ފެށުން ކަމަށް އެ ކުލަބުގެ ބޯޑުން ބުނެއެވެ.

އާ ކޯޗު ރަސްމީކޮށް އިއުލާނުކުރުމަށް ބޭއްވި ހަފުލާގައި ވާހަކަދައްކަމުން ކޫމަން ބުނީ ބަދަލުތަކެއް އަންނަން އެބަ ޖެހޭކަމަށާއި ޗެމްޕިއަންސް ލީގުގައި ފެނުނު ކަންކަން ތަކުރާރުވާތަން ބަލަން އެއްވެސް ސަޕޯޓަރަކު ބޭނުންނުވާނެ ކަމަށެވެ. އަދި ނެދަލޭންޑްސްގެ ފުޓުބޯޅައިގެ ވައްޓަފާޅިއާއި ބާސާގެ ކުޅުމުގެ ވައްޓަފާޅީގައި ހުންނަ އެއްގޮތް ކަންތައްތަކުގެ ވާހަކަތައްވެސް ކޫމަން ދެއްކިއެވެ.

ކުރިޔަށްހުރި މުބާރާތްތަކުގައި ބާސާގައި ތިބެން ޖެހޭނީ އެ ކުލަބު ދެކެ ލޯބިވާ ކުޅުންތެރިން ކަމަށާއި ޒުވާން ކުޅުންތެރިންނާއި ތަޖުރިބާ ހުރި ދުވަސްވީ ކުޅުންތެރިންނާއެކު ރަނގަޅު ސްކޮޑެއް ބާސާގައި އެބައޮތް ކަމަށް ކޫމަން ބުންޏެވެ.

އުމުރުން 57 އަހަރުގެ ކޫމަން ބާސާއާ ހަވާލުވީ، އޭނާ ނެދަލެންޑްސް އާއެކު ހަދާފައި އޮތް އެއްބަސްވުން އުވާލުމަށްފަހުއެވެ. ކޫމަން ނެދަލެންޑްސް އާއެކު ހަދާފައި އޮތް އެއްބަސްވުން 2022 ވަނަ އަހަރު ހަމަވަން އޮތްއިރު، އެ އެއްބަސްވުން އުވާލަން ބާސާއިން ދެ މިލިޔަން ޔޫރޯ ދައްކާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން ބާސާއަށް 1989-1995 ށް ކުޅެދިން ކޫމަން ވަނީ ކުޅުންތެރިއެއްގެ ގޮތުގައި އެ ޓީމާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.