ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް،ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިމިވަނީ މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ފައްޓަވާފައިވާ ވަގުތެއްގައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި އަދި އެމަނިކުފާނަށް ސާބަސް ދަންނަވާ ކަމަށެވެ.

މިނިސްޓަރ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ، އަންނަ ހޯމަދުވަހު މަޖިލީހަށް ވެއްދުމަށްޓަކައި 10 ސޮއި ހޯދުމުގެ މަސައްކަތް ޖާބިރު މިހާރު ކުރައްވަމުން ގެންދަވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޖާބިރު ވިދާޅުވަނީ ފޮރިން ސާވިސްގައި ޝާހިދު މަސައްކަތް ކުރައްވާތާ މިހާރު ވަރަށް ދުވަސްވެފައިވާ ކަމަށާއި އެކަމަކު އަދިވެސް ކުރެވުނު ކަމެއް ނެތްކަމަށެވެ.

އަދި ރާއްޖެއަކީ ދަތުރުކުރަން ރައްކާތެރި ތަނެއްގެ ގޮތުގައި މުޅި ޔޫރަޕްގައިވެސް އިޝްތިހާރުކުރަމުން އައި ނަމަވެސް ޔޫރަޕުން ސޭފް ސްޓޭމްޕްވެސް ރާއްޖެއަށް ލިބިފައި ނުވާ ކަމަށެވެ.

ފޮރިން ސާވިސް އޮންނަން ޖެހޭނީ ވަރަށް ބެލެންސް ގޮތެއްގައި ކަމަށާއި އެކަމަކު ކަންކަން ހިނގަނީ އެގޮތަށް ނޫން ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވާނީ 10 މެމްބަރުންގެ ސޮޔެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރަން 43 މެމްބަރުންގެ ވޯޓު ބޭނުންވާނެއެވެ.