ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ އިރު މިވަގުތު އަޅާފައިވާ ފިޔަވަޅުތަކަކީ ސިއްހީ މާހިރުންގެ އިރުޝާދުގެ މަތިން އަޅާފައިވާ ފިޔަވަޅުތަކެއްކަމާ މެދު ރައްޔިތުން ސުވާލު އުފައްދާ ކަމަށް ތ. ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މެމްބަރު ޣައްސާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޣައްސާން ކުރެއްވި ޓްވީޓުގައި ވަނީ ސިއްހީ މާހިރުންގެ ލަފާ ގަބޫލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވި ކަމަށެވެ.

ދުވަހުން ދުވަހަށް ޕޮޒިޓިވް ކޭސްތަކުގެ އަދަދު މަތިވަމުންދާއިރު މިވަގުތު އަޅާފައިވާ ފިޔަވަޅުތަކަކީ ސިއްހީ މާހިރުންގެ ލަފާގެ މަތިން އަލާފައިވާ ފިޔަވަޅުތަކެއްކަމާމެދު ރައްޔިތުން ސުވާލު އުފައްދާ ކަމަށާއި ވާނެ ގޮތެއްވާން ދޫކޮށް ނުލުމަށް ޣައްސާން ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބެލުމަށް ފަހު ބޯޑަރު އަލުން ހުޅުވާލީ ޖުލައި މަހުގެ ތެރޭގައެވެ. ބޯޑަރު ހުޅުވާލުމާއެކު ފަތުރުވެރިން އަދި ރިސޯޓު ސްޓާފުންވެސް ކޮވިޑަށް އަންނަނީ ޕޮޒިޓިވް ވަމުންނެވެ. އަދި ރާއްޖޭގައިވެސް ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ މާލެއަށް ވަނީ ރޭގަނޑު 10 އަކުން ފަތިހު 5 ޖެހުމާއި ހަމައަށް ބޭރަށް ނުކުތުން މަނާވެސް ކޮށްފައެވެ. ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ދަށަށް ނުދާތީ އާންމު ގިނަ ބަޔަކު އަންނަނީ އެކަމާމެދު ކަންބޮޑުވެ ސުވާލުވެސް އުފައްދަމުންނެވެ.

ރާއްޖެއިން މިހާތަނަށް 6،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 4012 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުން އަންނަނީ 2527 މީހުންނަށް ކަމަށްވާއިރު އޭގެތެރެއިން 166 މީހުންނަށް ފަރުވާ ދެނީ ހޮސްޕިޓަލުގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 26 މީހުން ނިޔާވެފައެވެ.