ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސި އިނގިރޭސިވިލާތުގެ ކުރީގެ ކުޅުންތެރިޔާ ޖުޑާން އަލީ މަގާމުން ވަކިކޮށްފިއެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުން ޖުޑާން ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ. އެ އެއްބަސްވުމުގެ މުއްދަތެއް އެފްއޭއެމުން އޭރު ހާމައެއްނުކުރެއެވެ. ނަމަވެސް ބޭރު މީޑިއާތަކުގައި ޖުޑާން ބުނީ އެއީ 10 އަހަރުދުވަހުގެ އެއްބަސްވުމެއް ކަމަށެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލުމާތުދެމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ޖުޑާން މަގާމުން ވަކިކުރަން ނިންމާފައިވާ ކަމަށާއި، އޭނާ މަގާމުން ވަކިކުރަން ނިންމީ ކޮވިޑް-19 އާ ގުޅިގެން އެފްއޭއެމްގެ ޚަރަދުތައް ކުޑަކުރަން ޖެހިފައިވާއިރު، މުސާރަ ކުޑަކުރަން ޖުޑާން އެއްބަސްނުވުމުން ކަމަށެވެ.

ޖުޑާންއަށް މަހު މުސާރައިގެ ގޮތުގައި ސްޕޮންސަރެއް މެދުވެރިކޮށް ލިބޭ ފައިސާއިން މަހަކު 9،000 ޑޮލަރު ދިނުމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ނިންމާފައެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން ޖުޑާންއާއެކު އެފްއޭއެމުން މަޝްވަރާ ކޮށްފައިވަނީ މުސާރައިގެ ދެބައިކުޅަ އެއްބައިކަމަށްވާ 4،500 ޑޮލަރު ދިނުމަށެވެ. އެކަމަކު އެ މަޝްވަރާތައް ކާމިޔާބުނުވެ ދިގުލައިގެން ދިޔުމުން އޭނާ މަގާމުން ވަކިކުރަން އެފްއޭއެމުން ވަނީ ނިންމާފައެވެ.

ކުޅުންތެރިއެއްގެ ގޮތުގައި އާސެނަލް އާއި ބާސާގެ ޔޫތު ޓީމަށް ކުޅުމުގެ އިތުރަށް ޖުޑާން ދެން ކުޅުނީ ސްޕެއިންގެ ދަށް ޑިވިޝަންތަކުގައި ވާދަކުރާ ރެއާލް މުރުސިއާއަށެވެ. ބާސެލޯނާގެ ލަމާސިއާ އެކަޑަމީގައި ބޮޑަށް ފާހަގަވެގެންގޮސްފައި ވަނީ އޭނާގެ ޑިވެލޮޕްމަންޓް މަސައްކަތްތަކެވެ. ހާއްސަކޮށް ޒުވާން ކުޅުންތެރިން އުފެއްދުމާއި ރިވެހި އަހުލާގު އުނގަންނައިދިނުމުގައި އޭނާގެ ދައުރު ބޮޑެވެ.

ޔުއެފާ އޭ ލައިސެންސް ހާސިލު ކޮށްފައިވާ އަލީގެ އެންމެ ހާއްސަ ރޮނގަކީވެސް ޔޫތު ކޯޗިންއެވެ. ދެހާސް ތޭރަ ވަނަ އަހަރު ޗައިނީޒް ޓައިޕޭ (ޓައިވާން) ގެ އެލީޓް ފުޓްބޯލް ޑިވަލަޕްމެންޓްގެ ހެޑަކަށް އޭނާ ހަމަޖެއްސިއެވެ. ކޯޗެއްގެ ގޮތުގައި އޭނަ ވަނީ އިންޑޮނޭޝިއާގެ ސުޕަ ލީގްގައި މަސައްކަތްކޮށްފައެވެ. އަދި ހޮންކޮންގްގެ ކިޗީ އެފްސީގެ ޔޫތު ޓީމަށްވެސް ކޯޗް ކޮށްދިނެވެ.