މާލެ ސަރަހައްދުގައި ރޭގަނޑު 20:00އިން ފެށިގެން ފަތިހު 5:00އާ ހަމަޔަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމުން އެކަަމަކީ އެތައް ބަޔަކަށް ބޮޑު ތަކްލީފަކަށް ވާނެ ކަމެއް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް އިމަޖެންސީ އޮޮޕަރޭޝަން ސެންޓަރުން ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާތީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މިރެއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި ރޭގަނޑު 20:00 ން ފެށިގެން ފަތިހު 05:00އާ ހަމައަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ގިނަބައެއްގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވާ ވަގުތެއްގައި ވިލިމާލެ ދައިރާގެ މެމްބަރު އަހުމަދު އުޝާމް ކުރި ޓްވީޓެއްގައި ވަނީ އެޗްޕީއޭއިން އުޅެނީ ރައްޔިތުންނަށް ޖެއްސުންކުރަން ހެންވެސް ބައެއް ފަހަރު ހީވާ ކަމަށެވެ. އަދި މިކަމަކީ އެތައް ބަޔަކަށް ބޮޑު ތަކްލީފަކަށްވާނެކަމެއް ކަމަށާއި މިކަހަލަ ކަންކަން ކުރުމުގެ ބަދަލުގައި ތަންކޮޅެއް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން މެނުވީ ހައްލެއް ނެތް ކަމަށްވެސް މެމްބަރު ކުރި ޓްވީޓުގައިވެއެވެ.

ރޭގަނޑު 20:00 ން ފެށިގެން ފަތިހު 05:00އާއި ހަަމައަށް ވެހިކަލް ދުއްވުން މަނާކުރި ނަމަވެސް މި މަހުގެ 4ވަނަ ދުވަހު މާލެ ސަރަހައްދުގައި ރޭގަނޑު 22:00އިން ފެށިގެން ފަތިހު 5:00އާ ހަމަޔަށް ބޭރަށް ނިކުމެ އުޅުން މަނާކޮށްފައިވާ ގޮތަށް މިހާރެކޭ އެއްގޮތަށް މީހުން ބޭރަށް ނިކުމެ އުޅުން މަނާކުރެވިފައިވަނީ ހަމަ އެވަގުތުގެ ތެރޭގައި ކަމަށް އެޗްއީއޯސީން ބުނެއެވެ.

އަދި އެވަގުތުތަކުގައި ބޭރަށް ނުކުމެވޭނީ ޒަރޫރީ ބޭނުމަކަށް ކޮންމެހެން ނުކުންނަން ޖެހިގެން ފުލުހުންގެ ހުއްދައާ އެކުކަމަށްވެސް އެޗްއީއޯސީން މައުލޫމާތުދެއެވެ.