ރޭގަނޑު ބޭރުގައި އުޅެވޭ ވަގުތުތައް މަދުކުރުމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އެބަ ދެއެވެ.

މީގެ ތެރޭގައި ގިނައީ ކުދި ވިޔަފާރިތައް ކުރާފަރާތްތަކެވެ.

އާންމުންނާއި ވިޔަފާރި ކުރާ ފަރާތްތަކުން ހިތްހަމަ ނުޖެހިފައިވަނީ ކޮވިޑްގެ މި ހާލަތާއި ގުޅިގެން ގިނަ ވިޔަފާރިތަކެއް ބަނގުރޫޓުވަމުންދާ ދަނޑިވަޅެއްގައެވެ.

ވިޔަފާރި ކުރާ ފަރާތްތަކާއި އާންމުންގެ ކަންބޮޑުވަކީ ކުދި ވިޔަފާރިތައް ހުއްޓާލަން ޖެހިދާނެތީ އެ ބިރުވެރިކަމެވެ. މިކަމުގައި އެޗްޕީއޭއިން އަޅަމުންދާ ފިޔަވަޅުތަކާއި މެދު ގިނަ ބަޔަކު ތިބި ހިތްހަމަ ނުޖެހިފައެވެ.

އެޗްޕީއޭއިން ވަނީ މިރެއިން ފެށިގެން ކޮންމެ ރެއެއްގެވެސް ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00 އާ ދެމެދު އެއްގަމު އުޅަނދު ދުއްވުން މަނާކުރަން ނިންމާފައެވެ.

މިހެން ނިންމީ ބޮޑަށް ބަލި ފެތުރޭކަމަށް ރިކޯޑުކުރެވިފައިވާ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުމަކަށް ގެނައުންކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އަދި މިދިޔަ ހަފްތާގައި ބަލި ޖެހުނު މީހުންގެ އަދަދާއި ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް އެނދުމަތި ކުރެވުނު މީހުންގެ އަދަދުތައް ކަންބޮޑުވާންޖެހޭ މިންވަރަކަށް މަތިވެފައިވާކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް މަޖުބޫރުވެފައިވާކަމަށެވެ.

މިކަމާއި ގުޅިގެން މިއަދު ދަރުބާރުގޭ ސަރަހައްދަށް ބަޔަކު އެއްވެ ވަނީ ހަމަނުޖެހުން ފާޅުކޮށްފައެވެ.

މިގޮތުން އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ގެންގުޅުނުއިރު ޑެލިވަރީ ކުރާނެ ވަގުތު ދިނުމަށާއި ކުދި ވިޔަފާރިތަކަށް ކުރާ ޖެއްސުން ހުއްޓާލުމަށް ލިޔެފައިވެއެވެ.

ރެސްޓޯރެންޓް، ހޮޓާ،ކެފޭ ފަދަ ރަޖިސްޓަރީ ކޮށްގެން ހިންގާ ތަންތަން ތަމްސީލުކުރާ ޖަމްއިއްޔާ ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ( ރޭމް) އިން ވަނީ ކަންބޮޑުވުން ހުރިކަންތައްތަކާއި ގުޅިގެން ސަރުކާރުގެ އެކި މުއައްސަސާތަކާއި ބައްދަލުކޮށް މަޝްވަރާކުރަމުންދާކަން ހާމަކޮށްފައެވެ.